ޙަޤީޤީ ޙާދިސާ: ދަރިފުޅުގެ ބުއްދަޅު ހުސްވެފައި ހުރިއިރުވެސް ހިލޭ ފިރިހެނަކު ދިން ފައިސާގަ ނުހިފި އަންހެނަކަށް ލެއްވެވި ބޮޑު ރަޙްމަތް- ޢިބްރަތް ޙާޞިލުކުރަންޖެހޭ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 20ސ
ޙަޤީޤީ ޙާދިސާ: ދަރިފުޅުގެ ބުއްދަޅު ހުސްވެފައި ހުރިއިރުވެސް ހިލޭ ފިރިހެނަކު ދިން ފައިސާގަ ނުހިފި އަންހެނަކަށް ލެއްވެވި ބޮޑު ރަޙްމަތް- ޢިބްރަތް ޙާޞިލުކުރަންޖެހޭ ފިލާވަޅެއް!

އަޅުގަނޑަކީ މާލޭގެ މަޝްހޫރު ރެސްޓޯރަންޓެއްގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި އަންހެނަކީމެވެ. ތަނަށް ޒިޔާރަތްކުރާ ހުރިހާ ކަސްޓަމަރުންނަށްވެސް ހިތްހެޔޮކަމާއިއެކު ވާހަކަދައްކައި ވީހައި ރަނގަޅަކަށް ޚިދުމަތްދޭން ގަދައަޅައި މަސައްކަތްކުރަމެވެ. އެއްވެސް ކަސްޓަމަރެއްގެ މެދުގައި ތަފާތެއް ނުކުރަމެވެ.  

އެއްދުވަހަކު ގޭގައި އުޅެނިކޮށް އަނހެނަކު އަޅުގަނޑު ހޯދަން ގެއަށް އައުމުން ހިނިތުންވެގެންހުރެ ބައްދަލުކުރީމެވެ. ނަމަވެސް އޭނާ ފުރަތަމަވެސް ފެށީ އަޅުގަނޑަށް އެއްޗެތިގޮވާށެވެ. އޭނާ ބުނީ އޭނާ އާއި އޭނާގެ ލޯބިވެރިޔާ ރެސްޓޯރަންޓަށްދާ ކޮންމެ ފަހަރަކު އަޅުގަނޑު އޭނާގެ ލޯބިވެރިޔާގެ ހިތްދަމައިގަންނަން މަސައްކަތްކުރާކަމަށެވެ. މާހިތްހެޔޮކަމަށް ހެދިގެން ތުއިވާވަރުން އެކަން ވަރަށް ބޮޑު މައްސަލައަކަށްވެއްޖެކަމަށެވެ. ވީމާ އަޅުގަނޑު މައިތިރި ނުވާނަމަ ވަޒީފާގެއްލުވައިލާނެ ކަމަށެވެ.  

އޭނާ އެބުނާ ލޯބިވެރިޔާއަކީ ކާކުކަންވެސް އަޅުގަނޑަށް ފާހަގައެއް ނުކުރެވުނެވެ. އޭނާ އެބުނާފަދަ ގޮތަކަށް އަޅުގަނޑު އެއްވެސް ކަސްޓަމަރަކާ މުޢާމަލާތެއް ނުކުރަމެވެ. އެހެންވެ ވަރަށް ދެރަވެފައި ވާހަކަދެއްކުމުންވެސް ހިތަށްއެރިހާ އެއްޗެއް ގޮވާފައި ނުކުމެ ސައިކަލަކަށް އަރައިގެންދިއައީއެވެ.  

އެއިގެ 2 ރޭ ފަހުން އެދެމީހުން އެކުގައި ރެސްޓޯރަންޓްގައި ތިއްބައި ފެނުނެވެ. ކަންދިމާވިގޮތުން އެރޭވެސް އެދެމީހުންނަށް ޚިދުމަތްކުރަންޖެހުނީ އަޅުގަނޑަށެވެ. އަންހެން މީހާ ކުރީ ދުވަހު ގޮވި އެއްޗެއްސަށް ވިސްނައި ޚިދުމަތްދިނީވެސް ވަރަށް ފަރުވާތެރިވެ ހުރެގެންނެވެ. ހިނިތުން ނުވާން މަސައްކަތްކުރީމެވެ. ނަމަވެސް ހިނިތުންވުމަކީ އަޅުގަނޑުގެ ކިބައިގައި ހަރުލާފައި ހުންނަ އާދައަކަށްވުމުން ކޮންމެވެސް ވަރަކަށް ހިނިތުންވެވުނެވެ.  

އަނެއް ދުވަހު ޑިޔުޓީއަށް ނުކުތުމުން ބުނީ އަޅުގަނޑު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރާނީ މުވައްޒިފުންގެ ހުންނަންޖެހޭ އަޚްލާޤީ މިންގަނޑަށްވުރެ އަޅުގަނޑުގެ އަޚްލާޤީ ފެންވަރުދަށްވުމުން ކަމަށެވެ.  

ވަރަށް ދެރަވިއެވެ. އަޅުގަނޑަކީ 2 އަހަރުގެ ކުޑަކުއްޖަކު ބަލަހައްޓާ އެކަނިވެރިމައަކަށްވާތީ ވަޒީފާ ގެއްލުމުން ވަރަށް ދަތިވާނެތީއެވެ. ނަމަވެސް ކަންކަން ހިނގައިދިއަ ގޮތް ވިސްނޭތީ އެއްވެސް އެއްޗެއް ނުބުނެ ނުކުމެގެން ގެއަށް އައީއެވެ.  

މަސްނިމުނުއިރު އަޅުގަނޑު އަތުގައި އެއްވެސް ފައިސާއެއް ނެތެވެ. ދަރިފުޅަށް ބުއްދަޅު ގަނެލެވޭނެ ފަދަވެސް ނެތެވެ. އަޅުގަނޑުގެ ޢުމުރަކީ 23 އަހަރެވެ. ޒުވާނެވެ. ބަލައިލަންވެސް ހުތުރު ނޫންކަމަށް މީހުން ބުނެއެވެ. ނަމަވެސް އަޅުގަނޑަކީ ހިލޭ ފިރިހެނުން އަތުން އެއްވެސް އެއްޗެއް ހޯދާ އަންހެނަކީމެއް ނޫނެވެ. އަބަދުވެސް އުޅެނީ އަމިއްލަ މަސައްކަތްކޮށްގެން ލިބޭ މުސާރައިންނެވެ.  

ވަޒީފާއެއް ލިބޭތޯ ނުކުމެ ހިނގަމުންދަނިކޮށް "ސޭލްސް ގާލުން ބޭނުން" ޖަހާފައި އިން ފިހާރައެއް ފެނިގެން މައުލޫމާތު އޮޅުންފިލުވާލަން ވަންއިރު ކައުންޓަރު ކައިރީގައި އެއަނހެން މީހާގެ ލޯބިވެރިޔާ ހުއްޓާ ފެނުމުން ސުވާލެއް ނުކޮށް ނުކުންނަން ހިނގައިގަތްތަނާ އޭނާއަޅުގަނޑަސް ގޮވީމައި ގާތަށް ދިއުމުން މިހާރު ވަޒީފާއަށް ނުދަނީ ކީއްވެގެންތޯ ސުވާލުކުރިއެވެ. ނުފެންނާތީ އހައިލީކަމަށްވެސް ބުންޏެވެ.  

އަޅުގަނޑު ބުނީ ތިއައީ ވަރަށް ބޮޑު ވާހަކައެއް ކަމަށެވެ. ހިތަށް އެރީ ކޮންމެ ގޮތެއްވީނަމަވެސް އެންމެ ރަނގަޅު ގޮތަކީ ތެދަށް ކިޔައިދިނުން ކަމަށެވެ. އެހެންވެ ކަންކަން ހިނގައިދިއަގޮތް ކިޔައިދިނީމެވެ. ހެކިވެސް ދެއްކީމެވެ. އޭނާގެ ލޯބިވެރިޔާޢަޅުގަނޑަށް ގޮވި އެއްޗެތި ރެކޯޑްކޮށްފައިހުރުމުން އަޑުވެސް އިއްވައިލީމެވެ. ދިރިއުޅޭ ޙާލާއި އެފިހާރައަސް ވެދެވުނު ސަބަބުވެސް ބުނީމެވެ. ެހެންކަމާއިއެކުވެސް ނުކުންނަން ހިނގައިގަތީ އޭނާގެ ފިހާރައަކަށްވެދާނެކަން ވިސްނުމުން ލޯބިވެރިޔާ ނުރުހޭނެތީކަމަށްވެސް ބުނީމެވެ.   

އޭނާ ބުނީ އޭނާގެ ލޯބިވެރިޔާއަކީ އެހައި ޚުލްޤް ނުބައި އަންހެނެއްކަން ކުރިން އެނގިފައިނުވާކަމަށެވެ. އަދި ދިމާވިގޮތާއިމެދު ހިތާމަކުރާކަމަށެވެ. އަޅުގަނޑަށް ފައިސާކޮޅެއް ދޭން އުޅުމުން ދެކޮޅުހެދީމެވެ. ހިލޭ ފިރިހެނުންގެ އަތުން އެއްވެސް ފައިސާއެއް ދުވަހަކުވެސް ބޭނުންނުކުރާކަމަށްވެސް ބުނީމެވެ. އޭނާ ބުނީމާ ފޯނުނަމްބަރުދިނީމެވެ. އެހީމާ އުޅޭގެވެސް ބުނީމެވެ.  

އެރޭ އޭނާ އަޅުގަނޑު ހޯދަން އައެވެ. އޭނާ ބުނީ އަޅުގަނޑަކީ އެހައި ދަތިޙާލުގައި ހުރިއިރުވެސް ދިން ފައިސާ ބޭނުން ނުކުރުމުން ވަރަށް ހަރުދަނާ އަންހެނެއްކަން އެނގިއްޖެ ކަމަށެވެ. އަދި އަޅުގަނދަކީ ވަރަށް ހިތްހެޔޮ އަންހެނެއްކަން ކުރިން އެނގިފައިވާކަމަށެވެ. އެހެންވެ ބޭނުންވަނީ އަޅުގަނޑާއި ގުޅެން ކަމަށެވެ.  

ހުރި ދަތިޙާލުގެ ސަބަބުން އެކަމަށް އެއްބަސްވީމެވެ. ދަމުން ފައިސާދޭން އުޅުމުން އެރޭވެސް އަޅުގަނޑު ބުނީ ކައިވެނިނުކޮށް ފައިސާ ބޭނުން ނޫން ކަމަށެވެ. އެހެންބުނީމާ އެބައަންނަމޭ ބުނެފައި ނުކުމެގެންގޮސްފައި އައީ ބުއްދަޅަކާއި ބައެއް އެއްޗެތިގަނެގެންނެވެ. އެއީ ދަރިފުޅަށް ކުރި ޞަދަޤާތެއްކަމަށް ބުނުމުން ހިފީމެވެ. އެއިރު ބުއްދަޅު ހުސްވިތާ 2 ދުވަސްވެފައިވުމުން ދަރިފުޅަށްޓަކައި ހިފަން މަޖުބޫރުވީމައެވެ.  

އަނެއް ދުވަހު ގުޅާފައިބުނީ ހެކިވެރިން ފޮނުވާނެ ކަމަށެވެ. ރަންކިޔައި ކައިވެނިކުރީއެވެ. އޭނާ ލޯބިވެގެން އުޅުނު އަންހެންމީހާއަށް އަޅުގަނޑުމެން ކައިވެނިކުރިކަން އެނގުނީވެސް ކައިވެނިކުރިތާ 2 ދުވަސްފަހުންނެވެ. އޭނާގެ ގެއަށް ބަދަލުވީވެސް ފަހުންނެވެ.  

އެކައިވެނީގައި މިހާރު 6 އަހަރުވީއެވެ. 2 ކުދިންވެސް ލިބިއްޖެއެވެ. އިރާދަކުރެއްވީތީ އެއްވެސް މައްސަލައެއް ނުޖެހެއެވެ. ދެމީހުންވެސް އުޅެމުން މިއަންނަނީ ވަރަށް އުފަލުގައެވެ.  

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ތިމާއަށް ތަނަވަސް ލޯބިވެރިއަކު ނުވަތަ ފިރިއަކު ލިބިފައިވީނަމަވެސް ނިކަމެތިންގެ ބޮލުގައި ދޮގު އިލްޒާމްތައް އަޅުވައި އަނިޔާވެރިނުވާށެވެ. އެކަން އެމީހަކާއި ބައްދަލުކުރާނީ ކޮން ގޮތަކަށްކަން ނުވެސް އެނގޭނެއެވެ. އަޅުގަނޑަށް މިފަދަ އުފާވެރި ދިރިއުޅުމެއް ލިބުނު ސަބަބަކީ އޭނާ އަޅުގަނޑަށް އަނިޔާވެރިވުމުން ދަރިފުޅަށް ޖެހުނު ނިކަމެތި ޙާލު ނޫންކަން އެނގެނީ ކާކަށް ހެއްޔެވެ؟

 

- ސިތާރާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން