ޙަޤީޤީ ޙާދިސާ: މަގުމަތިން ބައްދަލުވާ މުސްކުޅިއަކަށް ހިނިތުންވަމުން އައި އަންހެނަކަށް އެކަމުގެ ސަބަބުން ތަނަވަސް ފިރިއަކާ އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
ޙަޤީޤީ ޙާދިސާ: މަގުމަތިން ބައްދަލުވާ މުސްކުޅިއަކަށް ހިނިތުންވަމުން އައި އަންހެނަކަށް އެކަމުގެ ސަބަބުން ތަނަވަސް ފިރިއަކާ އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އެއީ ގޭގެ ދޮރުމަތިން ވަރަށް ގިނައިން ފެންނަ މުސްކުޅި ފިރިހެނެކެވެ. ހުންނަނީ ހުދުމުންޑެއް އަނދެގެން ހުދު ގަމީހެއްލައިގެންނެވެ. ޢާންމުގޮތެއްގައި އޭނާ ފެންނާނީ ނަމާދު ވަޤުތުތަކުގައެވެ. އެއުމުރުގައިވެސް ހުންނަލެއް ތާހިރުވެފައި ހެދުމުގެ ސާފުކަމުން އަޅުގަނޑަށް އޭނާއަށް ބެލޭތީ ވަރަށް ގިނައިން ދެމީހުންގެ 4 ކަޅި ދިމާވެއެވެ. ދިމާވާއިރަށް ހިނިތުންވެލަމެވެ. އޭނާވެސް ހިނިތުންވެލައެވެ.

އެގޮތަށް ގިނަ ދުވަސްތަކެއް ފާއިތުވިފަހުން މަޣްރިބް ނަމާދާއި ވަރަށް ގާތްވެފައިވަނިކޮށް ދެމީހުން ބައްދަލުވި ދުވަހަކު ދަރިފުޅާއޭ ކިޔައިގެން އެމީހާ ވާހަކަދެއްކިއެވެ. ދެން ފެންނަ ކޮންމެ ދުވަހަކުވެސް ވާހަކަދައްކަމުން އައިސް ދެމީހުންގެ މެދުގައި ގާތް ރަޙްމަތްތެރިކަމެއް އުފެދުނެވެ.  

އެގުޅުން ބަދަހިވަމުންގޮސް އެއްދުވަހަކު އެރޭ އޭނާގެ ގެއަށް ގޮސްދިނުމަށް ދަޢުވަތުދިނެވެ. އަޅުގަނޑު ދަޢުވަތު ޤަބޫލުކުރީމެވެ. އެގެއަށް ދިއައިމެވެ. ދިއުމުން ދެމަފިރިން އަޅުގަނޑަށް މަރުޙަބާކިޔެވެ. ސޯފާގައި އަޅުގަނޑު ބައިންދާފައި ގޮސް އައީ އޭނާގެ ދަރިފުޅު ގޮވައިގެންނެވެ.  

4 މީހުން ތިބެފައި އެމީހާ ބުންޏެވެ. "ދަރިފުޅާ މުޙައްމަދުއެވެ. މިއީ ބައްޕަ އަމިއްލައަށް ހުށަހަޅާ ހުށަހެޅުމެކެވެ. މިއިނީ ވަދީފާއެވެ. ބައްޕައަށް އެނގުނު ގޮތުގައި ވަދީފާއަކީ ވަރަށް ރަނގަޅު ކުއްޖެކެވެ. ވަރަށް ހިތްހެޔޮކުއްޖެކެވެ. މުސްކުޅިންދެކެ ލޯބިވާ، މުސްކުޅިންނަށް އިޙްތިރާމްކުރާ ކުއްޖެކެވެ. ވަރަށް ގިނަ ދުވަހު މަގުމަތިން ބައްދަލުވެއްޖެއެވެ. ބައްޕަ މިއީ ކާކުކަން ނުއެނގޭއިރުވެސް ބައްޕައަށް ވަރަށް އިޙްތިރާމްކުރެއެވެ. ބައްޕަ ބުނެލަން ބޭނުންވަނީ 2 ކުދިންގެ މިޒާޖު ގުޅޭނަމަ ދެކުދިން ގުޅިކައިވެނިކުރުމަށެވެ."  

އެހެންބުނީމާ އަޅުގަނޑު ދިއައީ ސިއްސައިގެންނެވެ. ދެން އަޅުގަނޑުގެ ބަހަކަށް އެހީމާ ބުނީމެވެ. "އަޅުގަނޑުމެންނަކީ ވަރަށް ފަޤީރު ބައެކެވެ. ތިއައީ ވަރަށް ތަނަވަސް ބައެކެވެ. އެހެންވެ އެކަމަށް ޖެހިލުންވަމެވެ. އަޅުގަނޑުވެސް މިހިރީ ކައިވެނިކުރަން ބޭނުންވެފައެވެ. ނަމަވެސް އެއް ފެންވަރުން ނޫނީ ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް ހޯދަން އުނދަގޫވާނެ ކަމަށް މަންމަ ބުނެއެވެ. އަޅުގަނޑުގެ ހުރީ ހަމައެކަނި މަންމައެކެވެ. އެހެންވެ މަންމައަށް ވަރަށް އިޙްތިރާމްކުރަމެވެ."  

މުޙައްމަދު ބުނީ ބައްޕަގެ ހުށަހެޅުން ޤަބޫލުކުރާކަމަށާއި ކައިވެނިކުރާނީ ބައްޕަމެން ދެއްކި އަންހެނަކާއި ކަމަށް ކުރިންވެސް އޮންނާނީ ބުނެފައި ކަމަށެވެ. ބައްޕަ ވަދީފާ ގެއަށް ތިއަ ގެނައީވެސް އެހެންވެގެން ކަމަށްވެދާނެއެވެ. އެހެންވީމާ އަޅުގަނޑަށް ފެންނަނީ މަންމަ ގޮސް ވަދީފާގެ މަންމައާއި ވާހަކަދައްކައިގެން ރުހުން ހޯދާށެވެ." މުޙައްމަދު ދެއްކި ވާހަކައަށް ދެމަފިރިންވެސް ތާއީދުކުރިއެވެ. އަޅުގަނޑުވެސް ތާއީދުކުރީމެވެ.  

ދެ މަންމައިންގެ މެދުގައި މަޝްވަރާކޮށް ގޮތް ނިންމައި ކައިވެނީގެ ކަންކަން ހަމަޖައްސައި ދެމީހުންގެ ކައިވެނިކުރެވުނެވެ. ކައިވެންޏަށް މިހާރު 16 އަހަރުވީއެވެ. ދެމަފިރިންގެ އިތުރުން ދެފަރާތުގެ ޢާއިލާގެ މީހުންވެސް ތިބީ ވަރަށް އުފަލުންނެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑަށް އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތް މިކިޔައިދިނީ މިހާރަކަށް އައިސް މުސްކުޅިންނަށް އިޙްތިރާމްކުރުން ކުޑަވަމުން އަންނާތީއެވެ. މުސްކުޅިއަކު ފެނިއްޖެނަމަ މޫނު އަނބުރައިލާ މީހުން ގިނަވާތީއެވެ.  

މުސްކުޅިންނަށް އިޙްތިރާމްކޮށް ހިނިތުންވާ ކޮންމެ މީހަކަސް ތަނަވަސް ބައިވެރިއަކު ނުލިބިދާނެއެވެ. ނަމަވެސް ހިނިތުންވުމަކީވެސް ޞަދަޤާތަކަށްވާއިރު ﷲ ތަޢާލާގެ ޙަޟްރަތުން ލިބޭނެ ނިޢްމަތްތައް ކޮންމެ މީހަކަށްވެސް ލިބޭނެއެވެ. އެއީ ޝައްކުކުރަންވީ ކަމެއް ނޫނެވެ.

 

- -ނަސްރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން