ޙަޤީޤީ ޙާދިސާ: ފިރިމީހާ މަޖުބޫރުކުރުވައިގެން މަސައްކަތު ފޮނުވިގޭގެ ވެރިމީހާ ދިން ފައިސާބޮނޑިތައް ނަރަކައިގެ އަލިފާނުގެ ގޮތުގަ ފެނުނު އަންހެނަކަށް ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 42ސ
ޙަޤީޤީ ޙާދިސާ: ފިރިމީހާ މަޖުބޫރުކުރުވައިގެން މަސައްކަތު ފޮނުވިގޭގެ ވެރިމީހާ ދިން ފައިސާބޮނޑިތައް ނަރަކައިގެ އަލިފާނުގެ ގޮތުގަ ފެނުނު އަންހެނަކަށް ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ-

ޚަރަދުތައް ބޮޑުވެ ލިބޭ މުސާރައިން ދެކޮޅު ނުޖެހޭތީ ފެންބިލާއި ކަރަންޓްބިލް ނުދެއްކިގެން އެހީތެރިކަމެއް ހޯދާލުމުގެ ބޭނުމުގައި އެކުވެރިއަކާއި ބައްދަލުކުރުމުން ހުރިހާ ކަންކަން އޮޅުންފިލުވުމަށްފަހު ބުނީ ފައިސާދެވިދާނެ ކަމަށެވެ. ނަމަވެސް އޭނާވެސް ކަމަކަށް ބޭނުންވެގެންހުރި ކަމަށެވެ. 

އޭނާ އެދުނީ އަނބިމީހާ ވަރިވެގެން ދިއުމުން އުޅެނީ ކަމަށާއި ގޭތެރޭގެ ކަންކަން ކޮށްލައިދޭން އަނބިމީހާ ކޮނަމެ ދުވަހަކުވެސް ހަވީރު އެގެއަށް ފޮނުވައި ދިނުމަށެވެ. ކުރަން ހުންނަ މަސައްކަތްކޮށްލައިދީފައި ނިމުނީކަމަށާއި އަގެއްގެ ގޮތުން މަހަކު 5000 ރުފިޔާދޭނެ ކަމަށެވެ. 

އަނބިމީހާ ގާތުގައި އެވާހަކަދެއްކުމުން ބުނީ އެކަނި ދިރިއުޅޭ ފިރިހެނެއްގެ ގެއަށް މަސައްކަތްކުރަން ނަމަވެސް ގޮސްއުޅުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ. ދެމަފިރިން އެކުގައިދާނަމަ އެއީ ހަމަ ކުރަން އެންމެ ރަނގަޅު މަސައްކަތެއް ކަމަށެވެ. ފިރިމީހާ ބުނީ ކޮންމެ ދުވަހަކު އޭނާއަށް ނުދެވޭނެ ކަމަށެވެ. އަނބިމީހާ ބުނީ އެހްންކަމަށްވާނަމަ ފައިސާ ކިތަންމެ ބޭނުންނަމަވެސް އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ. 

ފިރިމީހާ އެކަން ޤަބޫލެއް ނުކުރިއެވެ. އަނބިމީހާއަށް މަޖުބޫރުކުރުވައިގެން އެގެއަށް ފޮނުވަންފެށީއެވެ. ފުރަތަމަކޮޅު ކޮންމެ ދުވަހަކުވެސް އެނބުރި އައުމުން އެއްވެސް ނުބައިކަމެއް ހިނގިތޯ ސުވާލުކުރެއެވެ. އަނބިމީހާ ބުނަމުން އައީ އެދުވަހު އެފަދަ ކަމެއް ނުހިނގާ ކަމަށެވެ. 

ހަފްތާއެއްހައި ދުވަހު ސުވާލުކުރުމަށްފަހު ސުވާލުކުރުން ހުއްޓާލައިފިއެވެ. ސުވާލުނުކުރާތީ އަނބިމީހާ އެއްވެސް ވާހަކައެއް ނުދައްކައެވެ. މަހެއްހައިދުވަސްފަހުން އަނބިމީހާ ބުނީ އެގެއަސް އިތުރަށްދާން ބޭނުންނުވާކަމަށެވެ. އޭނާގެ ޢަމަލުތައް ހުންނަނީ ވަރަށް ބޮޑަށް ޝައްކުކުރެވޭ ގޮތަކަށް ކަމަށެވެ. އަނބިމީހާ އެހެންބުނުމުންވެސް ފިރިމީހާ އެވާހަކަ ޤަބޫލެއް ނުކުރިއެވެ. 

އެވާހަކަ ދެއްކިތާ 3 ވަނައަށް އޮތް ދުވަހު އަނބިމީހާ އެގެއަސް ގޮސްފައި ގެއަށް ނައިސްގެން ގުޅަގުޅާ ފޯނުނުގެމުން އެގެއަށް ގޮސް ސުވާލުކުރީމާ ބުނީ މަސައްކަތް ނިންމާފައި ހިނގައްޖެކަމަށެވެ. ފިރިމީހާ ކަންބޮޑުވެހުރެގެން އަނބިމީހާގެ ގެއަށް ދިއައިރު އެގޭގައި އުޅެއެވެ.  

ބައްދަލުކުރުމުން ބުނީ މިހިސާބުން ދެން ރަނގަޅުވާނީ ކައިވެނި ރޫޅައިލުން ކަމަށެވެ. "އަތްމަތިދަތިވީމާ ނުކައިވެސް އިނދެއްޖައީމެވެ. ދުވާލަކު އެއްއިރު ކައިގެންވެސް އިނދެއްޖައީމެވެ. ނަމަވެސް އަހަރެންގެ ޢިއްފަތްތެރިކަން ގެއްލޭކަށް ބޭނުމެއް ނެތެވެ. އަހަރެން ދެއްކި އެއްވެސް ވާހަކައެއް ކަލޭ ޤަބޫލުނުކުރީއެވެ. މިއަދު ސަލާމަތްވެގެން މިއާދެވުނީ އެތައް އަނިޔާއެއް ލިބިގެންނެވެ. ރުއްސަން ފައިސާބޮނޑިތައް ކުރިމަތީގައި ބެހެއްޓިއެވެ. ނަމަވެސް އަހަރެންނަށް އެފައިށާތައް ފެނުނީ ނަރަކައިގެ އަލިފާނުގެ ގޮތުގައެވެ. އެހެންވެ ބޭނުންނުކުރީއެވެ. 

އެއީ ތަނަވަސް މީހުންނެވެ. ޖެއްސޭނެ މައްސަލައެއް ނުއޮންނާނެއެވެ. ކުށްވެރިވާނީ މައްސަލަ ޖެއްސި މީހެކެވެ. ވީމާ ދެން އެންމެ ރަނގަޅުވާނީ ދެމީހުން ދުރުވުމެވެ. ސަބަބަކީ ކަލޭގެ ހިތުގައި އަހަރެންގެ މައްޗަށް ޙަޤީޤީ ލޯތްބެއް އޮތްނަމަ އަހަރެން ދެއްކިވާހަކަ ޤަބޫލުކުރީހެވެ. ފައިސާއަށް ކިތަންމެ ވަރަކަށް ދަތިވި ނަމަވެސް އަނބިމީހާ ވިއްކައެއް ނުލާނެއެވެ. މިހިސާބުން ކަލެއަށް އިތުބާރުކުރެވޭކަށް ނެތެވެ. " 

ފިރިމީހާ އެތައް ވާހަކަތަކެއް ދެއްކުމުންވެސް އަނބިމީހާ ގޮތްދޫނުކުރުމުން ވަރިކުރީއެވެ. ދޫކުރާހިތަކުން ނޫނެވެ. ނަމަވެސް އެނބުރި ނުދާނެކަން ޔަޤީންކުރެވުމުންނެވެ. 

އޭނާގެ މަންމައަކީ ވަރަށް ބަލިމީހެކެވެ. އެހެންވެ ގޭގައި މަންމަގެ ގާތުގައި އިންނަންވެސް ފައިސާ ބޭނުންވާތީ އޭނާ ނޯކިރީއެއް ހޯދައިގެން ދެމަފިރިއަކަށް ޚިދުމަތްކުރަންފެށިއެވެ. 2 ދަރިން ބަލައިދީ ގޭގެ މަސައްކަތްކުރަން ފެށިއެވެ. އެމަސައްކަތުން ލިބޭ މުސާރައިން މަންމައަށް އެހީތެރިވަމުން ގެންދިއައެވެ. 

އެގޭގެ ނޯކިރީގައި އުޅެނިކޮށް އެގެއަށް ގޮސްއުޅޭ މީހަކަށް އޭނާ ވަރަށް ކަމުގޮސްގެން ކައިވެނިކުރަން އެދުނީމާ ކައިވެނިކުރީއެވެ. އެއީ މާލޭގައި ގެދޮރުހުރި ތަނަވަސް މީހެކެވެ. އަޚްލާޤް ރަނގަޅު ހެޔޮލަފާ މީހެކެވެ. އަނބިމީހާ ނިޔާވެފައިވާ މީހެކެވެ. އޭނާގެ ދެދަރިން ލޯބިން ބަލައިދޭތީ އުފަލުން މަންމަގެ ހުރިހާ ޚަރަދެއްވެސް އޭނާކޮށްދެއެވެ. ދެމަފިރިން އުފަލުގައި ދިރިއުޅޭތާ 10 އަހަރަށްވުރެ ގިނަދުވަސްވެދާނެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ ކިޔައިދިނުމުގެ އެއްބޭނުމަކީ އަތްމަތި ކިތަންމެ ދަތިވިނަމަވެސް އަނބިމީހާ ދެކެ ލޯބިވާނަމަ އޭނާގެ ޢިފަތްތެރިކަން ގެއްލޭނެ ފަދަ ކަންކަން ނުކުރަން ބުނުމެވެ. ދެވަނަ ބޭނުމަކީ ފައިސާ ކިތަންމެ ދަތިވިނަމަވެސް ޙަރާމް ގޮތުގައި ފައިސާ ނުހޯދަން ހިތްވަރުދިނުމެވެ. ޔަޤީންކުރަންވީ އެމީހަކު ﷲ ތަޢާލާއަށް ތެދުވެރިވެއްޖެނަމަ އެކަމުގެ ބަދަލު އެކަލާނގެ ދެއްވަވާނެކަމެވެ. ރައްކައުތެރިކަމާއި އުފާވެރި ދިރިއުޅުމެއްވެސް ދެއްވަވާނެ ކަމެވެ. 

އޭނާގެ ދިރިއުޅުމުން ޙާޞިލުކުރަންޖެހޭ ޢިބްރަތަކީ މިކަންކަމެވެ. އެހައި އަތްމަތިދަތިއިރު، ފައިށާގެ ދަޅައަށް ނުހެއްލި އަނިޔާލިބިގެން ނަމަވެސް ﷲ އަށް ބިރުވެތިވެ ފާފަ ނުކުރީމާ ލެއްވެވި ރަޙްމަތް ނިކަންދެކެބަލާށެވެ! ދުނިޔޭގެ އެންމެންނަށް ތަނަވަސްކަން ދެއްވެވިނަމަވެސް ﷲ ތަޢާލާގެ ޚަޒާނާއިން ޛައްރެއްގެ މިންވަރުވެސް މަދެއް ނުވާނެއެވެ.

 

ބަރްޔަމް / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން