ގެދޮރުހުރި އަނބިމީހާ މަޖުބޫރުކުރުމުން މަންމަ ހޮސްޓެލަކަށް ބަދަލުކުރަންޖެހުނީމާ ތަނަވަސް ދިރިއުޅުން ދޫކޮށް މަންމައާއެކު ބަދަލުވި ޒުވާނަކަށް މާތަނަވަސް އަންތބަކު ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 11ސ
ގެދޮރުހުރި އަނބިމީހާ މަޖުބޫރުކުރުމުން މަންމަ ހޮސްޓެލަކަށް ބަދަލުކުރަންޖެހުނީމާ ތަނަވަސް ދިރިއުޅުން ދޫކޮށް މަންމައާއެކު ބަދަލުވި ޒުވާނަކަށް މާތަނަވަސް އަންތބަކު ލިބުނު ގޮތުގެ ވާހަކަ-

އަހަރެންގެ މަންމަގެ ހުރި ހަމައެކަނި ދަރިއަކީ އަހަރެންނެވެ. މަންމަ އަހަރެން ބަލައިބޮޑުކުރީ ވަރަށް ލޯބިންނެވެ. ބައްޕަގެ އެހީތެރިކަމާއި ނުލައެވެ. މަންމަގެ ގެވެސް ވިއްކައިލީ އަހަރެންނަށް ކިޔަވައިދޭންވެގެންނެވެ. އެއަށްފަހު ދެމައިން ދިރިއުޅެމުން އައީ ކުލީ ކޮޓަރިއެއްގައެވެ. 

އަހަރެން ބޮޑުވެ ވަޒީފާލިބި ކައިވެނިކުރެވުނީމާ އަނބިމީހާގެ ކިބައިން އެދުނީ އެންމެ ކަމަކަށެވެ. އެއީ އަހަރެމެން ދިރިއުޅޭ އަނބިމީހާގެ ގެއަށް މަންމަވެސް ގެނެސްދިނުމަށެވެ. އެއީ ބޮޑު ތަނަވަސްގެއެއްގައި އަހަރެން އުޅެފައި ހޫނުގަދަ ގުދަނެއް ފަދަ ކޮޓަރިއެއްގައި މަންމަ ގެންގުޅެން ހިތްހަމަނުޖެހޭތީއެވެ.

އަނބިމީހާ އެކަންކޮށްދިނެވެ. ގެއަށް ގެނެސްދިނެވެ. ނަމަވެސް ވަރަށް އަވަހަށް މަންމަގެމަތިން ފޫހިވެއްޖެއެވެ. ކުދިކުދި ޝަކުވާތައް ކުރަމުން ގޮސް އެންމެފަހުން މަންމަ ޢުމުރުން ދުވަސްވީ ބަލަހައްޓާ ހޮސްޓެލަކަށް ގެންދަން ބުނެފިއެވެ. އަނބިމީހާ ބުނީ އެކަމުގައި ގޮތެއް އަވަހަށް ނިންމުމަށެވެ. 

އަހަރެން ގޮތް ނިންމީމެވެ. މަންމަ އެގެއިން ނެރެގެން ހޮސްޓެލަކަށް ގެންދިއައިމެވެ. ގެންދިއުމުން މަންމަ އެދުނީ އެންމެ ކަމަކުއެވެ. އެއީ އެތަނަށް މަންމަ އެކަނި ދޫކޮށްލާފައި ނުދިއުމެވެ. މަންމަ ބޭނުންވި ގޮތަށް އަހަރެން ކަންތައްކުރަންފެށީމެވެ. މަންމަ އާއިއެކު ހޮސްޓެލުގައި އުޅެން ފެށީމެވެ. 

މަންމަ ގޮވައިގެން ދިއަދުވަހު އަހަރެމެންނަށް މަރުޙަބާކީ މަންމައަށް ކަނޑައަޅައިދިން ނަރުސްކުއްޖާއެވެ. އެކުއްޖާއަކީ ވަރަށް ރަނގަޅު ކުއްޖެކެވެ. އެނގުގައި މަންމަ ބާއްވާފައި ބިންމަތީގައި ގޮދަޑިއެއް އަޅާލައިގެން ނިދާތީ ވަރަށް ގިނައިން އެވާހަކަ ދައްކައެވެ. ދެމީހުންގެ މެދުގައި ވާހަކަތައް ދެކެވެމުން ގޮސް ކަންކަން މެދުވެރިވި ގޮތް ކިޔައިދިނީމެވެ. 

އަހަރެން ބަލައި ބޮޑުކުރަން މަންމަ ކުރި ަމސައްކަތާއި މަންމަގެ ގެ ވިއްކައިލި ސަބަބުވެސް ކިޔައިދިނީމެވެ. އެއިގެ ފަހުން އުޅެމުން އައި ގޮތާއި ގެދޮރުހުރި އަންހެނަކާއި ކައިވެނިކުރެވުނު ކަމާއި މަންމަގެ ކަންތަކުގައި ކަންކަން ހިނގައިދިއަ ގޮތްވެސް ކިޔައިދިނީމެވެ. ދެމީހުންގެ ފޮޓޯތަކާއި އުޅުނު ދިރިއުޅުމުގެ ފޮޓޯތައްވެސް ދެއްކީމެވެ. 

އޭނާ ބުނީ އެހޮސްޓެލަކީ 200 މީހުންގެ ޖާގައިގެ ހޮސްޓެލެއް ކަމަށާއި އަބަދުވެސް ފުރިފައި މީހުން ތިބޭކަމަށެވެ. ނަމަވެސް އަބަދުވެސް އުޅެންޖެހެނީ މައިންބަފައިންނާއި ބައްދަލުކޮށްލަންވެސް ދަރިން ނައިސްގެން ކަމަށެވެ. އަދި އަހަރެންނަކީ އެތަނުގައި މައަކާއި ނުވަތަ ބައްޕައަކާއިއެކު ފުރުތަމަ ދިރިއުޅޭ ދަރިފުޅު ކަމަށެވެ. 

ކޮންމެއަކަސް ކުޑަދުވަސްކޮލެއްގެ ތެރޭގައި އަހަރެމްނެގެ މެދުގައި ގުޅުން އުފެދި ދެމީހުންގެ ކައިވެނނިކުރަން ކަންކަން ހަމަޖެހިއްޖެއެވެ. ނަރުސްކުއްޖާއަކީ ޙަޤީޤަތުގައި ކޮންކުއްޖެއްކަން އެނގުނީ އެހިސާބުންނެވެ. އޭނާގެ ގެއަށް އަހަރެމެން ދެމައިން ގެންދިއުމުންނެވެ. 

އޭނާއަކީ އެތަން ހިންގާ ވެރިމީހާގެ ދަރިއެކެވެ. އެއީ އެތައް ގެތަކެއް ހުންނަ ވަރަށް ތަނަވަސް ބައެކެވެ. 2 ހޮޓާވެސް ހުރެއެވެ. އެހޮސްޓެލް ހިންގަނީ އޭނާގެ ވިޔަފާރީން ލިބޭ ފައިދާއިން ހިލޭ ސާބަހަށެވެ. ޢާއިލާއިން އެމީހުންގެ ދަރިއަކު އަހަރެންފަދަ ނިކަމެތި މީހަކާއި ގުޅެން އެއްބަސްވީ މަންމައަށްޓަކައި ވީޤުރްބާނީންނެވެ. 

މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ އަޅުގަނޑަކީ އަދާކުރި ވަޒީފާގެ ގޮތުން ގުރައިދޫ މަރުކަޒަށް ވަރަށް ގިނައިން ޒިޔާރަތްކުރަން ފުރުޞަތުލިބުނު އަނހެނަކަށްވުމުން އެތަނުން ފެނުނު ކަންކަން ހަނދާންވުމުންނެވެ. ދައުލަތުގެ ބެލުމުގެ ދަށަށް މީހުން ދޫކޮށްލުމަށްފަހު ޙާލުވެސް ބަލައިލަނީ މަދު ޢާއިލާއަކުންނެވެ. އެންމެ ކުޑަމިނުން ކަމެއް ބޮޑުވެގެން ގުޅީމާ ފޯނުވެސް ނަގަނީ މަދުފަހަރަކުއެވެ. 

އަޅުގަނޑު ބުނެލަން ބޭނުންވަނީ މައިން ބަފައިން މުސްކުޅިވާ ދުވަހު އަޅާނުލައި ދޫކޮށްނުލާށެވެ. އެޒުވާނާ ފަދަ މީހަކަށްވާށެވެ. އެއިރުން ﷲ ލައްވަވާ ރަޙްމަތް މާބޮޑުވާނެއެވެ. އަޅުގަނޑު ބުނާނީ މިއީ އެކުވެރިންނަށް ޙިއްޞާކޮށްލަންވެސް ރަނގަޅު ވާހަކައެއް ކަމަށެވެ. މައިންބަފައިން މުސްކުޅިވާދުވަހު އެމީހުން ދޫކޮށްނުލައި އެމީހުން ހިތްހަމަޖައްސައިދިނުމުން ކުރާނެ ފައިދާ މާބޮޑުވާނެކަން ވިސްނައިދިނުމަށެވެ. އެމީހެއްގެ ދިރިއުޅުމަށް ކުރިއެރުން ދެއްވަވާނެކަން ވިސްނައިދިނުމަށެވެ.

 

- ޝަހީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން