އަޅުގަނޑުމެންގެ މަންމަ ނިޔާވިއިރު އަޅުގަނޑަށް 21 އަހަރެވެ. އަޅުގަނޑު އުޅެނީ ވަޒީފާއެއްގައެވެ. ބައްޕަ ނިޔާވިފަހުން އެކަނި އަހަރުތަކެއްވަންދެން ހުރެފައި ކައިވެނި ކޮށްގެން ލިބިފައިހުރި 3 އަހަރުގެ އަންހެން ކޮއްކޮއަކުވެސް ހުއްޓެވެ. މަންމަ ނިޔާވުމާއިއެކު ދޮންބައްޕަ ގެއިން ނުކުމެގެން ދިއަގޮތަށް ލޮލަކުން ނުދެކެވެ. އެހެންވެ މަންމަ ނިޔާވުމުން ކޮއްކޮގެ މަންމައަކަށްއަދި ބައްޕައަކަށްވެސް ވާންޖެހުނީ އަޅުގަނޑަށެވެ.
އެހިސާބުން އޮފީހަށްދާން އުނދަގޫތަކެއް ކުރިމަތިވިއެވެ. ނަމަވެސް އޮފީހަށް ނުގޮސް ދިރިއުޅެވޭނެ ގޮތެއްވެސް ނެތެވެ. ކޮއްކޮ އެކަނި ގޭގައި ބަހައްޓާފައި ތަޅުލާފައި ދާންޖެހޭތީ ވަރަށް ދެރަވިއެވެ. ނަމަވެސް ކުރެވޭނެ ކަމެއް ނެތުމުން ދާންޖެހެނީ ތަޅުލައިފައެވެ. މުސާރަދީގެން ކޮއްކޮ ބަލައިދޭނެ މީހަކު ގެންގުޅެވޭ ވަރުގެ މުސާރައެއް ނުލިބޭތީ ހެދޭނެ އިތުރު ގޮތެއް ނެތުމުންނެވެ.
ކޮންމެ ފަހަރަކު ގެތަޅުލާފައި ނުކުންނަނީ ދުޢާކޮށް ޛިކުރުކޮށްފައެވެ. އެހެންކަމުން ﷲ ތަޢާލާ ރަނގަޅު ގޮތެއް މިންވަރުކުރައްވަވާނެ ކަމަށް އަބަދުވެސް ހުންނަނީ ޔަޤީންކޮށްގެންނެވެ.
އެންމެ ބޮޑަށް ދެރަވަނީ ކައިވެނިކުރަން ބޭނުންވާ މީހުންވެސް ކޮއްކޮ ހުރުމުން އެއީ ތަކްލީފެއްކަމަސް ދެކި ދުރުވާތީއެވެ. އެހެންކަމާއިއެކުވެސް އަޅުގަނޑު ނިންމީ އެންމެ މުހިންމު ކަމަކީ ކޮއްކޮ ބެލުން ކަމަށެވެ.
ޤަބޫލުކުރަން އުނދަގޫވެދާނެއެވެ. ނަމަވެސް 4 މީހުން ކައިވެނިކުރަން ބޭނުންވެގެން ވާހަކަދައްކާފައި ކޮއްކޮ ފެނުމުން ދުރުވިއެވެ. އެހެންވެ ފަހުން ހަދާގޮތަކީ ކޮންމެ މީހަކު ގާތުވެސް ފުރަތަމަ ކޮއްކޮގެ ވާހަކަ ބުނަނީއެވެ.
އެހެން ހުއްޓައި ބައްދަލުވިމީހަކު ކައިވެނިކުރަން ބޭނުންކަމަށް ބުނުމުން ދިރިއުޅުންހުރިގޮތް ކިޔައިދީފައި ކޮއްކޮގެވާހަކަވެސް ކިޔައިދިނީމާވެސް ބައްދަލުކުރަން ބޭނުންކަމަށް ބުނުމުން ގެއިން ބައްދަލުކުރީމެވެ. އޭނާއަށް ކޮއްކޮ ފެނުމުން ބުނީ ކޮއްކޮއަކީ ދޮށީ ދަރިފުޅު ކަމަށްވަލައިގެން އުޅޭނީ ކަމަށެވެ. އެއިރުން މަންމައަކު ނެތް ކުއްޖަކު ބެލިކަމުގެ ޘަވާބުވެސް ދެއްވަވާނެ ކަމަށާއި އިރާދަކުރައްވަވާނީ ކިހައި ރަނގަޅު ގޮތްތަކެއްކަން ނުވެސް އެނގޭނެ ކަމަށެވެ.
ކޮންމެއަކަސް ދެމީހުން ކައިވެނިކުރީއެވެ.. އޭނާވީ ކޮއްކޮދެކެ ވަރަށް ލޯބިވާ މީހަކަށެވެ. ކިތަންމެ ބުރަކޮށް މަސައްކަތްކޮށްފައި ގެއަށް އައިނަމަވެސް ކޮއްކޮ އާއިއެކު ކުޅެން ވަޤުތުކޮޅެން ހޭދަނުކޮށް އެއްވެސް ކަމެއްވެސް ނުކުރާނެއެވެ. އަދި ކއަިވެނިކުރުމާއިއެކު ކޮއްކޮ ބލަން ނޭޕާލް، މުސްލިމް އަންހެންކުއްޖަކުވެސް އޭނާގެ ޚަރަދުގައި ގެނެސްދިނެވެ.
އޭނާއަކީ އެހައި ވާހަކަ ގިނަ މީހެއް ނޫނެވެ. އޭނާކުރާ މަސައްކަތަކީ ޢިމާރާތްކުރުމުގެ ވިޔަފާރިއެވެ. ކައިވެނީގެ 2 ވަނަ އަހަރު އެއްރޭ ގެއަށް އައިސް ބުންޏެވެ. "ކޮއްކޮ ގޮވައިގެން އަވަހަށް ޢުމްރާއަކަށްދަމާ ހިނގާށެވެ. މަސައްކަތްކުރާތާ 7 އަހަރުވީއިރު އެއްވެސް އަހަރަކު ފައިދާނުވާވަރަށް މިއަހަރު ފައިދާވެއްޖެއެވެ. އެއީ ލޯބިވާ އަނބިމީހާ އާއި މިކޮއްކޮގެ ބަރަކާތުންނެވެ."
ކުރުކޮށްލާނަމެވެ. އުފާވެރި ޒަވާޖީ ހަޔާތެއް ވޭތިކުރަމުން އައިސް ދެމީހުންނަށް ދަރިން ކިޔަވައި ދަރިންވެސް އެތިބީ ވަޒީފާގައެވެ. ފިރިމީހާއަށް މަސައްކަތު ނުކުންނާކަށް ނުޖެހެއެވެ. ބޯޑުމީޓިންގއަކަށް ނޫނީ ނުދެއެވެ. ކުންފުނި ހިންގަނީ ދަރިންނާ މުވައްޒިފުންނެވެ.
ބައަކަށް ބިރަކަށްވި އެކޮއްކޮއަކީ މިހާރު ޑޮކްޓަރެކެވެ. ހަމަ ފިރިމީހާގެ މަސައްކަތުންނެވެ. ފިރިމީހާއަކީ މިހާރު ބަލިމީހެކެވެ. ފިރިމީހާގެ ހުރިހާ ކަންކަން ބަލަހައްޓަނީ ކޮއްކޮއެވެ. އަހަރެމެންގެ ދަރިންނަށްވުރެ ދެމަފިރިންނަށްވެސް ކޮއްކޮ މާރަނގަޅުކަމަށް މިބުނަނީ ދަރިން ގޯސްވެގެނެއް ނޫނެވެ. ދަރިންނަށްވެސް ހަމަ އޭރިޕޯޓެކެވެ. އެކަމަކު ކޮއްކޮއަށް އޭ ޕްލަސް ދޭންޖެހެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ ޙަޔާތުގެ މިވާހަކަ ކިޔައިދިނުމުގެ ބޭނުމަކީ ދަރިއަކު ހުރީތީ، ނުވަތަ ބަލްނަޖެހޭ ކޮއްކޮއަކު ހުރީތީ ކައިވެނިކުރަން ބުރަވާ މީހުންނަށް ފިލާވަޅެއްގެ ގޮތުންނެވެ. އެއީ ލެއްވެވި ރަޙްމަތެއް ކަމުގައި ބަލައިގެން އެދަރިން ގެންގުޅެ ބޮޑުކުރުމަކީ ﷲ ތަޢާލާގެ ރަހްމަތް އެމީހަކަށް ލިބިގެންދާނެކަމެއްކަމަށް ޤަބޫލުކުރުމުގެ ނަތީޖާއަކަށް ފިރިމީހާއަށް ލެއްވެވި ރަޙްމަތް ފުދޭނެ ކަމަށް ހީކުރަމެވެ.
- ޝަޒީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް