އަޅުގަނޑަކީވެސް ކިޔަވައި ނިމިގެން ވިޔަފާރީގެ ދާއިރާއިން ކުރިއަށްދާން ބޭނުންވި އަންހެނަކީމެވެ. ކޮންމެވެސް ދުވަހަކުން އަމިއްލަ ވިޔަފާރިއެއް ކުރުމުގެ ޢަޒުމްގައި މަސައްކަތްކުރަމުން އައި އަނހެނަކީމެވެ. އެހެންވެ އެމްބީއޭ ހެދުމަށްފަހު ވިޔަފާރި ކުންފުންޏަކުން ވަޒީފާ ހޯދީމެވެ.
ދުވަސްކޮޅެއްފަހުން ކައިވެނިކުރީމެވެ. ބަލިވެ އިނދެ ބަނޑަށް 8 މަހަށް އެޅުނުތަނާ ބަލިޙާލުހުރިގޮތުން ވިހެއުމުގެ ޗުއްޓީއަކަށް އެދުނީމެވެ. ސިޓީ ހިފައިގެންގޮސް ވެރިމީހާގެ ގާތުގައި އާދޭސްކުރުމުންވެސް ބުނީ ޗުއްޓީ ލިބޭނީ 9 މަހަށް އެޅުމުންކަމަށެވެ. "ބަލަ ކަލޭ ބަލިވެ އިނދެގެން ތިއައުޅެނީ މަގޭދަރިއަކަށްތަ؟ މިތަނުގަ މަސައްކަތްކުރާ ހުރިހާ އަންހެނުން ބަލިވެ އިންނަތަނުން ވިހެއުމުގެ ޗުއްޓީ ދޭންވެއްޖެނަމަ މަސައްކަތްކުރަން ތިބޭނީ ކޮން ބައެއްތަ؟"
މިއީ ފިރިހެނަކު ބުނި ބަސްތަކެއް ނޫނެވެ. ހަމަ އަޅުގަނޑުފަދަ އަންހެނެއްގެ ދުލުން ބޭރުކުރި ބަސްތަކެކެވެ. އެގޮތަށް ވާހަކަދެއްކިނަމަވެސް އެއީ އަންހެނަކަށްވުމުން އަޅުގަނޑަށް ރަޙުމްކޮށްފާނެކަމުގެ އުންމީދުގައި ތަކުރާރުކޮށް އާދޭސްކުރުމުން ގަދަކަމުން އޮފީހުން ނެރެ ފޮނުވައިލީއެވެ. ދޮރުން ނެރެލި ވަގުތު "ބަލިވެ އިން އަންހެނާ" ބުނެ ބަނޑުގައި ޖަހަންވެސް ޖެހިއެވެ. ނެރެލަމުން ބުނީ ވަޒީފާއިން ވަކިކުރީ ކަމަށާއި ވިހައިގަދަވެގެން އައުމުން ވަޒީފާ ދިނުމާއިމެދު ވިސްނާނެ ކަމަށެވެ.
އޭނާ އެގޮތަށް ކަންތައް އެކުރީ ވިހެއުމުގެ ޗުއްޓީގައި މުސާރަނުދޭންވެގެންކަން ވިސްނުނެވެ. އެހެންވެ ކުރިމަތިވާނެ ދަތިޙާލަށް ވިސްނައި ގެއަށް ދިއައީ ރޮމުންނެވެ. އެއީ ފިރިމީހާއަށް އެކަނި ލިބޭ މުސާރައިން ކުއްޔާއި ބިލްތައް ދައްކާފައި އިތުރު ޚަރަދުނުކުރެވޭނެތީއެވެ. އެހެންކަމާއިއެކުވެސް ކުރެވޭނެ އިތުރު ކަމެއް ނެތުމުން ﷲ އަށް ވަކީލްކޮށް ކެތްތެރިވެގެން ގޭގައި އިނީއެވެ.
ހަފްތާއެއްހައި ދުވަސްވެސް ނުވަނީސް ފިރިމީހާއަށް ޕްރަމޯޝަނެއް ލިބި މުސާރަބޮޑުވެއްޖެއެވެ. އަޅުގަނޑަށް ލިބެމުން އައި މުސާރަ އާއި އެއްވަރުގެ އަދަދެއް މުސާރަބޮޑުވުމުން އެއިރު ލިބިފައި އޮތް ހާސްކަން ފިލައިގެންދިއައެވެ.
ފިރިމީހާގެ ބޮސް އަކީ ފިރިމީހާއަށް ވަރަށް އިތުބާރުކުރާ މީހެކެވެ. އެހެންވެ މަޤާމު މަތިކުރަމުން ގޮސް 2 އަހަރު ތެރޭގައި ފިރިމީހާއަށް ކުންފުނީގެ އިސް މަޤާމެއް ލިބުނެވެ. އަދި ބޮސް އަޅުގަނޑަށްވެސް ވަޒީފާއެއް ދިނެވެ. އެއީ ފިރިމީހާގެ ސެކެޓްރީކަމެވެ.
ކުންފުނިން ހުޅުވައިލި ބީލަމަކަށް ކުރިމަތިލި ފަރާތްތަކުގެ ތެރޭގައި އަޅުގަނޑު ކުރިން މަސައްކަތްކުރި ކުންފުނިވެސް ހިމެނެއެވެ. ބީލަމަށް ކުރިމަތިލި ފަރާތްތަކުގެ ހުށަހެޅުންތައް ހުޅުވަން އޮތް ދުވަހު ގަދިޖެހުމުގެ ކުރިން އަޅުގަނޑު ކުރިން މަސައްކަތްކުރި ކުންފުނިން ފިރިމީހާއާއި ބައްދަލުކުރަން އައެވެ. ބައްދަލުވުމުގައި އަޅުގަނޑުވެސް ބައިވެރިވީމެވެ.
އިސްކޮށްހުރީ އެކުންފުނީގެ ވެރިޔާއެވެ. އަޅުގަނޑު ވިހެއުމުގެ ޗުއްޓީއަށް އެދުމުން ވަޒީފާއިން ވަކިކުރި އަނހެންމީހާއެވެ. އަޅުގަނޑުމެން ދެމަފިރިން ފެނުމުން އޭނާގެ މޫނަސް ގޮތްތަކެއް ވެގެން ދިއައެވެ. ފުރަތަމަވެސް ދައްކަން ފެށީ ވިހައި ގަދަވެގެން އަޅުގަނޑު ވަޒީފާއަށް ނުނުކުތް ވާހަކައެވެ. އެވާހަކަފެށުމުން ފިރިމީހާ ބުނީ މިބައްދަލުވުމުގައި ދައްކަން ޖެހޭނީ ބައްދަލުވުމާއި ގުޅުންހުރި ވާހަކަތައް ކަމަށެވެ. އިތުރު އެއްވެސް ވާހަކައެއް ނުދެއްކުމަށެވެ.
އޭނާ ބުނީ އޭނާގެ ކުންފުނި ވަރަށް ބޮޑަށް ބަނގުރޫޓުވެފައިވާ ކަމަށާއި އެޙާލަތުން އަރައިގަތުމަށް މިބީލަން ކުންފުންޏަށް ލިބުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. ބީލަން އެކުންފުންޏަށް ކާމިޔާބުކޮށްދީފިނަމަ ފިރިމީހާ އުފާވާނެވަރުކޮށްދޭނެ ކަމަށެވެ. ފިރިމީހާ ބުނީ ބީލަމުގެ ކަންކަން ނިންމާނީ ކުންފުނިން އެކަމަށް އެކުލަވާލާފައިވާ ކޮމިޓީން ކަމަށާއި ކާމިޔާބުވާ ފަރާތަކަށް ފިރިމީހާ އުފާކޮށްދޭންވެސް ހިތްދަތިކުރުވަންވެސް ކުރަންޖެހޭނެ އެއްވެސް ކަމެއް ނުއޮންނާނެ ކަމަށެވެ. އަދި ރިޝްވަތު ހުށަހެޅުމަކީ ކުރި ވަރަށް ބޮޑު ކުށެއް ކަމަށާއި ބައްދަލުވުން އެހިސާބުން ނިމުނީ ކަމަށެވެ.
"އަހަރެމެންގެ ކާމިޔާބީގެ ސަބަބަކީ ރިޝްވަތު ނުހިފުމާ ރިޝްވަތު ނުދިނުން! މިކުންފުނީގަ ސިއްރު ކަންކަމެއް ނުހިނގާނެ! މިބައްދަލުވުން ލައިވްކޮށް ބަލަން މިހާރުވެސް ބޮސް އެބައިން" ކަމަށްވެސް ފިރިމީހާ ބުންޏެވެ.
އެކުންފުނީގެ ހުށަހެޅުން ދިއައީ 5 ވަނައަށެވެ. އެހެންވެ އެކުންފުންޏަށް މަސައްކަތް ލިބޭނެ ގޮތްނުވީއެވެ. އެއިގެ ކުޑަދުވަސްކޮޅެއްފަހުން އެކުންފުނި ބަނގުރޫޓުވިކަން ރަސްމީކޮށް އިޢުލާނުވެސް ކުރިއެވެ. އެއިރު އެސެޓްތައް ވިއްކައިގެންވެސް ސަލާމަތް ނުވެވޭނެ ވަރަށް ދަރަނިވަނީ ބޮޑުވެފައެވެ.
މިއީ އަޅުގަނޑު ބަލާފައިވާ ފިލްމެއްގެ ކުރު ޚުލާޞާއެކެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަސް ގެންނަން ބޭނުންވީ ޤާނޫނުތައް ހެދިފައި ހުރިނަމަވެސް މާބަނޑު އަންހެނުންނާއިމެދު އިންޞާފުން ނޫން ގޮތްގޮތަށް މިހާރުވެސް ބައެއް ކުންފުނިތަކުން ކަންކަންކުރާތީއެވެ. އިންސާނުންނަށް ލިބެންޖެހޭ ޙައްޤުތަކަކީ ހަމައެކަނި ޤާނޫނަކުން ލިބިދެވޭނެ ޙައްޤުތަކެއް ނޫނެވެ. މަޤްޞަދު ޙާޞިލްކުރެވޭނީ އިންސާނުންގެ ހިތުގައި އިންސާނިއްޔަތުކަން އޮވެގެންނެވެ. ރަޙުމްކުރުމުގެ ޘަޤާފަތެއް އޮވެގެންނެވެ.
ވިސްނަވައި ލައްވާށެވެ. އެއަނހެންމީހާ އެފަދަ ޙާލުގައި ހުއްޓައި ރަޙުމްނުކޮށް ބަނޑުގައި ޖަހައި ނިކަމެތިކޮށްލާފައި ފޮނުވައިލިއިރު ބަނޑުގައި އޮތްދަރިފުޅަކީ ﷲ ކޮންފަދަ މަތީ ދަރަޖައެއް ދެއްވަވާފައިވާ ކުއްޖެއްކަން އެނގެނީ ކިހިނަކުންހެއްޔެވެ؟ އެކުއްޖާއަކީ ބޮޑުވެ ﷲ ދީނަށް ކިހައި ވަރެއްގެ ބޮޑު ޚިދުމަތެއްކުރާނެ ކުއްޖެއްކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟
- ދިޔާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް