ޙަޤީޤީ ޙާދިސާ: ސިފަހުތުރުވެ ބާކީވި އެކުވެރިޔާ އާ ކައިވެނިކުރުމުން އެންމެ ކާމިޔާބު، އެންމެ އަޅުވެރި ތަނަވަސް ދެމަފިރިންނަށްވީ ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ޙަޤީޤީ ޙާދިސާ: ސިފަހުތުރުވެ ބާކީވި އެކުވެރިޔާ އާ ކައިވެނިކުރުމުން އެންމެ ކާމިޔާބު، އެންމެ އަޅުވެރި ތަނަވަސް ދެމަފިރިންނަށްވީ ގޮތުގެ ވާހަކަ-

އެޒަމާނުގައި ރާއްޖެތެރޭގައި ދެވޭ ތަޢްލީމުގެ ޙާލަތު ހުރިގޮތުން ކިޔަވަން މާލެ އައިސް ސަރުކާރުގެ ސްކޫލަކަށް ވަނުމަކީ ވަރަށް ދަތި އުނދަގޫކަމެކެވެ. ޔަވަން އާދެވޭއިރުގެ ޢުމުރާ ވަންނަން ޖެހޭ ގްރޭޑް ދިމާނުވާތީއެވެ. ދޭއިމްތިޙާނުން ފާސްނުވާތީއެވެ. އެހެންވެ އަޅުގަނޑަށްވެސް ވަންނަން ޖެހުނީ އަމިއްލަ ސްކޫލަކަށެވެ. ކިޔެވީ އަނހެންކުދިންނާއި ފިރިހެންްކުދިން އެކުގައެވެ.  

އަޅުގަނޑުމެންގެ ކްލާހުގައި އުޅުނީ ވަރަށް އެކުވެރި ކުދިންކޮޅެކެވެ. ކިޔަވައި ނިމިގެންވެސް ވަރަށް ގާތް ގުޅުމެއް އޮތެވެ. އެއިގެ ތެރޭގައި 4 އަންހެންކުއްޖަކާއި 4 ފިރިހެންކުދިންގެ ގުޅުން ފާހަގަކޮށްލެވެއެވެ. އަޅުގަނޑަކީވެސް އެގްރޫޕަށް ނިޞްބަތްވާ ޒުވާނަކީމެވެ.  

ކިޔަވައި ނިމި ވަޒީފާއަދާކުރަންފެށުމާއިއެކު ގްރޫޕުގައި ހިމެނޭ އެންމެ ރީތި 3 އަންހެންކުދިންނާއި 3 ފިރިހެންކުދިން ވަރަށް އަވަހަށް ކައިވެނިކޮށްފިއެވެ. ބަލައިލަން އެންމެ ހުތުރު ކުއްޖާއަށް އަސް ޖެހުނީ ބާކީވާށެވެ. ރީތި ކުއްޖަކާއި ގުޅެން އަޅުގަނޑަށް ފުރުޞަތު ލިބުނެވެ. ނަމަވެސް އެފުރުޞަތު ދޫކޮށްލެވުނީއެވެ.  

ކޮންމެއަކަސް އަޅުގަނޑު ޤަޞްދުކުރީ އެކުއްޖާއާއި ގުޅޭށެވެ. ޙަޤީޤަތުގައި އެގޮތަށް ހިތަށް އެރީ އޭނާ ދެރަވެފައި ހުންނަވަރުންނެވެ. ޢިޝްޤީ ލޯބީގެ ކަންފުޅެއްވެސް ހިތުގައި ނެތިއެވެ. ނަމަވެސް އެކުވެރިކަމުގެ ލޯތްބާއި ހަމްދަރުދީ ހިތުގައި އޮތެވެ. އެހެންވެ އެކުވެރިއަކަށް އުފާވެރިކަން ހޯދައިދިނުމުގެ ބޭނުމުގައެވެ. ހިތުގައި އޮތީ އަނބިރީތީ ހެވިއްޔާ ކަމަށާއި ވަޅި ރީތީ ތޫނިއްޔާއެވެ ބުނާ އުޞޫލުން ވަޅީގެ ތޫނުކަން ތަޖުރިބާކޮށްލުމަށެވެ. ކޮށިވެއްޖެނަމަ ވަޅި އެއްލައިލުމުގެ ވިސްނުމުގައެވެ.  

އެކުއްޖާއަކީވެސް އަޅުގަނޑު ފަދައިން ބީރައްޓެހި ކުއްޖެކެވެ. އެހެންވެ ގުޅިގެން އުޅެންޖެހުނީވެސް ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ. ދެމީހުންނަށް ލިބޭ މުސާރަ އެއްކޮށްލައިގެންވެސް ކުލިދައްކައި ދިރިއުޅެންޖެހުނީ ވަރަށް ދަތިޙާލުގައެވެ.  

މިހާރު އަޅުގަނޑުމެންގެ ކައިވެންޏަށް 40 އަހަރުވީއެވެ. 7 ދަރިން ލިބި ބޮޑެތިވެއްޖެއެވެ. ދިރިއުޅެނީ ހަމަ މިމާލެއިން ބިމެއް ގަނެގެން ގެއެއް އަޅައިގެންނެވެ. ދެމަފިރިން އެކުގައި 2 ފަހަރު ޙައްޖުވެވިއްޖެއެވެ. އެތައް ފަހަރަކު ޢުމްރާ ވެވިއްޖެއެވެ. 

އަޅުގަނޑަށް ލިބުނު ކުރިއެރުމުގެ ސިއްރަކީ އަނބިމީހާއެވެ. އޭނާގެ ކުލަދާނަކަމެވެ. ހިފެހެއްޓުންތެރިކަމެވެ. އޭނާއަށް ފާރަލާން ނުޖެހުނު ކަމެވެ. ބޭކާރު ކަންކަމަށް ވިސްނަން ނުޖެއްސުވިކަމެވެ. އަދި ކަންކަމުގައި ހެޔޮ ނަޞޭޙަތްދިން ކަމެވެ.  

ދެން އޮތީ ގްރޫޕުގައި ހެމެނުނު އަނެއް 3 އެކުވެރިންގެ ވާހަކައެވެ. އެ 3 މީހުންގެ ކައިވެނިވެސް ރޫޅުނެވެ. 2 މީހުން ވަނީ އެހެން 2 އަންހެނުންނާއި ކައިވެނިކޮށްފިއެވެ. އަނެކަކު ވަރިކޮށް 2 އަހަރު ފަހުން އަލުން ކައިވެނިކުރީއެވެ. އެއިން އެކުވެރިއަކަށް އަޅުގަނޑަށް ލިބިފައިވާ ފަދަ ތަނަވަސްކަމެއް ލިބިފައެއް ނުވެއެވެ. އެކިފހަރުމަތިން އެކުވެރިން ޢުމްރާއަށް ގެންދިއައީވެސް އަޅުގަނޑުމެން ދެމަފިރިންނެވެ. (މިވާހަކަ މިބުނީ އެންމެ ބޭނުމަކުއެވެ. ވާހަކަ ކިޔައިދިން މަޤްޞަދު ވިސްނައިދިނުމަށެވެ.)  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އުފާވެރި ދިރިއުޅުމަކަށް އެންމެ މުހިންމީ އަނބިމީހާގެ ފެންނަ ސިފަރީތިވުން ނޫންކަމާއި އަނބިމީހާގެ އެތެރެފުށުގެ ސިފަތައް ރީތިވެ ހަރުދަނާ އަންހެނަކުކަމުގައިވުންކަން އަޅުގަނޑަށް ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިއްޖެއެވެ. އަޅުގަނޑުގެ އެކުވެރިންނަށްވެސް އެކަން ތަޖުރިބާ ކުރެވިއްޖެއެވެ. ތިއަބޭފުޅުންވެސް ތަޖުރިބާ ކޮށްލެއްވުން ރަނގަލުވާނެތީ މިއަދުނޫސް މެދުވެރިކޮށް ހަމަ ދަންނަވައިލީއެވެ.

 

- ޒަޢީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން