ޙަޤީޤީ ޙާދިސާ: ހަގުއަނބި ބަލިވެއިނީމަ ދަރިވައްޓާލަން ފިރިމީހާ އުޅުމުން ހުރަސް އަޅާ، ކައިވެނި ޤުރްބާންކޮށްފަ އެދެމައިން ބަލައިދިން އަންހެނަކަށް ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ-

ކިޔުމަށް ހޭދަވާނީ 3މ 26ސ
ޙަޤީޤީ ޙާދިސާ: ހަގުއަނބި ބަލިވެއިނީމަ ދަރިވައްޓާލަން ފިރިމީހާ އުޅުމުން ހުރަސް އަޅާ، ކައިވެނި ޤުރްބާންކޮށްފަ އެދެމައިން ބަލައިދިން އަންހެނަކަށް ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ-

އަޅުގަނޑަށް އަލަތު ކައިވެނިކުރެވުނީ ދެވަނަ އަންތބެއްގެ ގޮތުގައެވެ. ކައިވެނިކޮށްގެން ފިރިމީހާގެ ގެއަށް ގެންދިއައެވެ. އޭނާގެ އަނބިމީހާ އަޅުގަނޑު ބަލައެއް ނުގަތެވެ. ނަމަވެސް ފިރިމީހާ ބާރުއެޅިލެއް ބޮޑުކަމުން ދުވަސްކޮޅަކު އެގޭގައި މަޑުކޮށްލުމުގެ ފުރުޞަތު ލިބުނެވެ. 

ފިރިމީހާ ކަންކަން ކުރަމުން އައީ ވަރަށް ރަނގަޅަށެވެ. ދެއަނބިންނަށްވެސް ހަމަހަމަކަން ބާއްވައެވެ. އަޅައިލައެވެ. ޢާއިލާއަކީ 3 މީހުން ކަމާއި 3 މީހުންނަށްވެސް އެކުގައި އުފާވެރި ދިރިއުޅުމެއް އުޅެވިދާނެކަން ހާމަކޮށްދޭން ވަރަށް މަސައްކަތްކުރިއެވެ. 

ދެއަނބިންގެ މެދުގައި މައްސަލަޖެހެއެވެ. ޚިޔާލުތަފާތުވެއެވެ. އަދި ކަންކަން ހޫނުވެސްވެއެވެ. ނަމަވެސް އެކުގައި އުޅެން ފެށުމުން އެކަންކަން އައީ ޙައްލުކުރެވެމުންނެވެ. ދުވަސްކޮޅެއްފަހުން ދެއަނބިންނަށްވެސް އެކުގައި އުޅެވިދާނެ ކަމުގެ އުންމީދުތައް ކުރެވެން ފެށުނެވެ. 

އަހަރެއްހައި ދުވަސްފަހުން އަޅުގަނޑު ބަލިވެއިނދެއްޖެއެވެ. އެކަން ދޮށީ އަނބިމީހާއަށް އެނގުނު ވަޤުތު ކުޑަކޮށް ރުޅިއައެވެ. ތިއަވިސްނަނީ ފިރިމީހާގެ ތަނަވަސްކަން ދަމައިގަންތޯ ސުވާލުވެސް ކުރިއެވެ. އެހެންބުނެފައިވެސް ބުނެވުނު ބަހަށް ވަޤުތުން މާފަށް އެދުނެވެ. އަޅުގަނޑު އަބަދުވެސް އައީ ކުރެވޭ ކަންކަމަށް މާފަށް އެދެމުންނެވެ. ނަމަވެސް އެއީ އެއްވެސް ކަމަކާއި ގުޅިގެން އޭނާ އަޅުގަނޑުގެ ކިބައިން މާފަށް އެދުނު ފުރަތަމަ ފަހަރެވެ. އެހެންކަމުން އެކަމާއި ވަރަށް އުފާވިއެވެ. 

އަޅުގަނޑު ބަލިވެއިންކަން ފިރިމީހާއަށް އެނގުމުން އުފާކުރުމުގެ ބަދަލުގައި އޭނާ އައީ ރުޅިއެވެ. ބުނީ ދަރިއަކު ބޭނުން ނުވާ ކަމަށާއި އުފާވެރި ދިރިއުޅުން ޚަރާބްކޮށްލަން ކަމަށެވެ. ދަރިފުޅު ވައްޓައިނުލިނަމަ ގެއިން ނެރެލާނެ ކަމުގެ އިންޒާރުވެސްދިނެވެ. 

އަޅުގަނޑު ހީކުރީ ފިރިމީހާ ދެއްކި ވާހަކައިގެ އަޑުއަހަންހުރި ދޮށީ އަނބިމީހާ ވަރަށް އުފާވެ ފިރިމީހާއަށް ތާއީދުކުރާނެ ކަމަށެވެ. އެހެންވެ ހުރެވުނީ ވަރަށް ދެރަވެފައެވެ. ނަމަވެސް އޭނާ ކަންކަންކުރީ އެގޮތަކަށް ނޫނެވެ. އޭނާ ދިފާޢުކުރީ އަޅުގަނޑެވެ. ބުނީ ދަރިއަކު ވައްޓާލައިގެން ނުވާނެ ކަމަށާއި އެއީ ކުރެވޭނެ އެންމެ ބޮޑު އެއް ފާފަ ކަމަށެވެ. އޭނާއަށް ދަރިއަކު ނުލިބި 5 އަހަރު ކައިވެނީގައި ހޭދަކުރަންޖެހިފައިވުމުން ދަރިއަކު ގެންގުޅުމުގެ އުފާ ލިބިފައިނުވިނަމަވެސް ދަރިން ލިބުމަކީ ކިހައި ބޮޑު ނިޢްމަތެއްކަމާއި އެކަމުން ލިބޭނެ އުފާވެރިކަން އިޙްޞާޞްކުރެވޭ ކަމަށެވެ. ވީމާ ދަރިއަކު ވައްޓާލައި މައަކު މާޔޫސްކޮށްލުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.

އެވަރުންވެސް އޭނާ ފުއްދައެއް ނުލިއެވެ. ފިރިމީހާ ގާތުގައި ބުނީ ގެއަކީ އޭނާގެ ގެއެއް ކަމަށާއި ދަރިފުޅު ބަލައިގަނެ ދަރިފުޅަށް ލޯބިދީގެން އުޅެން ބޭނުންނުވާނަމަ ފިރިމީހާ ގެއިން ނުކުތުމަށެވެ. އަދި އަޅުގަނޑު އޭނާ އާއިއެކު ގޭގައި މަޑުކުރުމަށެވެ. ފިރިމީހާ ޚިޔާރުކުރީ ގެއިން ނުކުމެގެންދިއުމެވެ. އަޅުގަނޑު ޚިޔާރުކުރީ އޭނާ ގާތުގައި މަޑުކުރުމަށެވެ. އެހެންކަމުން ދެ އަނބިން އެކުގައި ވަރިކޮށްލާފައި އޭނާ ނުކުމެގެންދިއައީއެވެ.

ކުރިން އަޅުގަނޑާއި ދެކޮޅު ނަމަވެސް އެހިސާބުން އޭނާ އަޅުގަނޑަށް ވަރަށް ހެޔޮކޮށް ކަންތައްތައް ކޮށްދޭންފެށިއެވެ. އެއްބަނޑު އަންހެނަކަށް ކުރާނެ އިޙްތިރާމް ކުރިއެވެ. ހުރިހާ ގޮތަކުންވެސް އަޅުގަނޑަށް އެހީތެރިވިއެވެ. އެއިގެ އިތުރުން ވިހޭގެ ބަލައިދީ ހުރިހާ ޚަރަދެއްކޮށްދިނުމަށްފަހު ހޮސްޕިޓަލުން ގެއަށް ގެނެސްފައި ވެސް ހަމައެގޮތުގައި ގެންގުޅުނެވެ. 6 މަސްފަހުން އަޅުގަނޑު ކައިވެނިކުރުމުންވެސް އެދުނީ އޭނާ ގާތުގައި އިނދެ ދިނުމަށެވެ. އެކަން އަޅުގަނޑު ޤަބޫލުކުރީމެވެ. 

އެއިގެ ހަމަސް ފަހުން އޭނާވެސް ދެވަނަ ކައިވެނި ކުރިއެވެ. އެންމެ ޙައިރާންވި ކަމަކީ ދަރިއަކު ލިބުމުގެ އުންމީދު ޑޮކްޓަރުން ކަނޑައިލާފައިވާ އޭނާގެ ދެވަނަ ކައިންވެންޏަށް 3 ވަނަ މަހުގައި ބަލިވެ އިނދެ ލޯބިލޯބި ފިރިހެން ކުއްޖަކު ވިހެއިކަމެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ތަޖުރިބާކުރެވިފައިވާ ކަންކަމެވެ. މީހަކު ކިޔައިދިން ވާހަކައެއް ނޫނެވެ. ބުނެލަން ބޭނުންވަނީ ހެޔޮ ނިޔަތުގައި އަނެކާއަށް އެހީތެރިވެއްޖެނަމަ ކުރާނެ ފައިދާގެ ވާހަކައެވެ. އަޅުގަނޑު ބަލިވެއިނުމާއިއެކު އޭނާ އަޅުގަނޑަށް ހެޔޮކޮށް ހިތައި ދަރިފުޅު ވައްޓާލުމުން ސަލާމަތްކޮށްދީ އަދި އެތައް ބައިވަރު ރުފިޔާއެއް ދެމައިންނަށް ޚަރަދުކުރިއެވެ. ބަދަލުގައި އޭނާއަށް ޙާޞިލްވެގެންއެދިއައީ އޭނާ އެންމެ ބޭނުންވެގެންހުރި ކަންތަކެވެ. ދަރިއަކު ލިބުމެވެ. ވީމާ ދުނިޔޭގައިވެސް ﷲ ބަދަލުދެއްވަވާ ފުރިހަމަކަން މިއޮތީ ފެންނާށެވެ. 

މިހާރު އަޅުގަނޑުމެން ދިރިއުޅެނީ ވަކިން ދެގެއެއްގައެވެ. އެއީ ދެއަންހެނުންގެވެސް ބައިވަރު ދަރިން ތިބުމާއި އަޅުގަނޑުގެ ފިރިމީހާއަކީވެސް ފުދިގެން އުޅޭ މީހަކަށްވާތީއެވެ. ދެގޭގައި އުޅުނުނަމަވެސް މިއުޅެނީ ހަމަ ދެ އުޚުތުންފަދައިން އެކުގައެވެ. 

އަޅުގަނޑުގެ ދުޢާއަކީ އޭނާއަށް ހެޔޮގޮތްތައް މިންވަރުކުރެއްވެވުމެވެ. އަބަދުވެސް އުފާވެރިކަން މިންވަރު ކުރެއްވެވުމެވެ. އާމީން. 

- ޒައިނަބް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން