އަޅުގަނޑުގެ އެންމެ ގާތް އެކުވެރިންގެ ތެރެއިން 2 މީހުންނަކީ ތަނަވަސް މީހުންނެވެ. ނަމަވެސް ފަޤީރުވެދާނެކަމަށް މުށްބާރުކުރަން ހަދައިގެން ފަޤީރަކު ސަލާންޖެހިނަވެސް އަޑުއިވޭކަމަށްވެސް ނުހަދައެވެ. ބައްދަލުކުރަން ދިއަ ނަމަވެސް ބައްދަލެއްވެސް ނުކުރެއެވެ. މި 2އެކުވެރިންނަށް ޢިބްރަތަކަސްވާނެ ފަދަ ވާހަކައެއ ގެނެސްދެއްވިދާނެތޯ؟
ތިރީގައި އެވާ ވާހަކައަކީވެސް ތިއަ ޙާލަތާ ގުޅޭ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ.
ޖޯ އޭނާގެ އާދައިގެމަތިން މަގުމަތީގައި ސަލާންޖަހަން މަދުކޮށްލައިގެން އިންދާ ފެނުނީ ކުރިމަތީގައި ޒުވާން ރީތި، އަގުބޮޑު ހެދުމެއްލައިގެން ހުރި އަންހެނަކު ހުއްޓި ހުއްޓައެވެ. އަންހެން މީހާ އޭނާ އާއި ގާތްވާން ފެށުމުން ދުރަށް ދިއުމަށް ބުނުމުންވެސް އޭނާ އައީ ގާތަށެވެ. އަންހެން މީހާ އޭނާގެ ކިބައިން އެދުނީ ރެސްޓޯރަންޓަކަސް ގޮސް އޭނާ އާއިއެކު ކެއުމަށެވެ.
ޖޯއެ ދައުވަތު ޤަބޫލުކުރަން ބޭނުމެއް ނުވިއެވެ. އެވަގުތު ފުލުހަކު އެތަނަށް އައިސް ވެގެން އުޅޭގޮތް އޮޅުން ފިލުވިއެވެ. އަދި ޖޯ ދޫކޮށް އެތަނުން ދިއުމަށް އަނހެން މީހާއަށް އިރުޝާދު ދިނެވެ. ނަމަވެސް އަނަހެން މީހާ ފުލުސްމީހާގެ ކިބައިން އެދުނީ ޖޯ ރެސްޓޯރަންޓަކަސް ގެންދަން އެހީތެރިވެދިނުމަށެވެ.
ދެމީހުންކުރި މަސައްކަތުން އެންމެފަހުން ޖޯ އެއްބަސްވެ އެމީހުންނާއިއެކު ރެސްޓޯރަންޓަކަށް ދިއައެވެ. ނަމަވެސް ގޮނޑީގައި އިށީނުމުން މެނޭޖަރު ބުނީ އެހައި ހަޑިކޮށް ތިބޭ ފަޤީރުންނަށް ރެސްޓޯރަންޓުން ޚިދުމަތްދިނުމުން ތަނުގެ އަގުވެއްޓޭނެ ކަމަށެވެ.
އެވަގުތު އަނހެން މީހާ އޭނާއަކީ ކާކުކަން ބުނެދިނުމަށްފަހު ކާދު ދައްކައިލިއިރު އޭނާއަކީ ރެސްޓޯރަންޓް ހިންގާ ކުންފުނީގެ އެންމެ އިސްވެރިޔާއެވެ. ކައިނިމިގެން އަނހެން މީހާ ޖޯއަށް ބުންޏެވެ!
"ޖޯ މިއަދު ހަނދާން ނުހުރެދާނެއެވެ. މިދައްކަނީ މީގެ އަހަރުތަކެއް ކުރީ ދުވަހެއްގެ ވާހަކައެވެ. އަހަރެން ކިޔަވައި ނިމިގެން ވަޒީފާއެއް ހޯދަމުންދަނިކޮށް އަހަރެން އަތުން ފައިސާ ހުސްވުމުން އެޕާޓްމަންޓުން ނެރެ ބޭރުކޮށްލި ދުވަހުގެ ވާހަކައެވެ. އެދުވަހު ކާނެ ފައިސާވެސް ނެތި ވަރަށް ހައިހޫނު ކަމުގައި ހުރެ ޖޯ އާއި މަގުމަތިން ބައްދަލުވެ ކައިލާނެ އެއްޗަކަށް އެދުމުން ޖޯ އަހަރެން ގޮވައިގެން ރެސްޓޯރަންޓަކަށް ގޮސް ކާންދީ ބިލްދެއްކިއެވެ. އަހަރެން ވަރަށް މަސައްކަތުން ޖޯ ހޯދީ އެހެންވެގެންނެވެ.
ޖޯ ހަދަންވީ ގޮތަކީ މިކާޑު ހިފައިގެން ގޮސް އަހަރެންގެ އެޗްއާރު މެނޭޖަރާ ބައްދަލުކުރަންވީއެވެ. ޖޯ ހެދުންގަންނާނެ ފައިސާވެސް ދޭނެއެވެ. ހުރިހާ ކަމެއްވެސް ކޮށްދޭނެއެވެ. އެއްވެސް ކަމަކަސް ބޭނުންވެއްޖެ ނަމަ އަހަރެންގެ ހުރިހާ ދޮރުތަކެއް އަބަދުވެސް ހުންނާނީ ޖޯއަށް ހުޅުވިފައެވެ.
އޭނާއަށް ތަނަވަސްކަން ލުބުނު ގޮތާއިބެހޭގޮތުން ޖޯ ސުވާލުކުރުމުން ކިޔައިދިނެވެ. "އަހަރެން ކުރި މަސައްކަތުން ހަމަ އެދުވަހު ވަޒީފާއެއް ލިބުނެވެ. އެވަޒީފާގައި ހުރެގެން އަމިއްލަ މަސައްކަތެއް ފެށީއެވެ. އެމަސައްކަތް ކުރިއަރައި ތަނަވަސްކަން ލިބުނީއެވެ."
މިއީ ވަރަށް އާދައާއި ޚިލާފް ޙާދސާއެއްގެ ވާހަކައެވެ.، ނަމަވެސް މިއީ ހަމަ ޙަޤީޤީ ވާހަކައެކެވެ. ޙާޞިލުކުރަންވީ ޢިބްރަތަކީ ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވމުގެ މުހިންމުކަމެވެ. އެކަމުގެ ފައިދާ މިދުނިޔޭގައިވެސް އެކި ގޮތްގޮތަށް އެކި މީހުންނަށް ލިބިގެންދާ ކަމެވެ. ހަމަ އެއާއިއެކު ކިތަންމެ ފަޤީރު ނަމަވެސް ހިތްވަރާއި ޢަޒުމާއިއެކު މަސައްކަތްކުރުމުން ތަނަވަސްކަމާއި ކުރިއެރުން ލިބޭނެ ކަމެވެ. ﷲ ތަޢާލާ އެމީހަކަށް ކަންކަން ފަހިކުރައްވަވައި ދެއްވަވާނެ ކަމެވެ.