ޙަޤީޤީ ޙާދިސާ: ލޯތްބަކީ ފައިސާއިން ގަނެވޭނެ އެއްޗެއް ނޫންކަން ތަނަވަސް މީހަކަށް ދަސްވި ގޮތާ އެކަމުން އޭނާގެ ދިރިއުޅުމަށް ކުރި ފައިދާގެ ބޮޑުކަމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ޙަޤީޤީ ޙާދިސާ: ލޯތްބަކީ ފައިސާއިން ގަނެވޭނެ އެއްޗެއް ނޫންކަން ތަނަވަސް މީހަކަށް ދަސްވި ގޮތާ އެކަމުން އޭނާގެ ދިރިއުޅުމަށް ކުރި ފައިދާގެ ބޮޑުކަމުގެ ވާހަކަ-

އަޅުގަނޑަކީ އަޅުގަނޑުގެ މައިންބަފައިންގެ ކިބައިން ތަނަވަސްކަން ވާރުތަވި ޒުވާނަކީމެވެ. ފައިސާއަތްމައްޗަށް އެރީ އެއްވެސް މަސައްކަތެއް ކޮށްގެނެއް ނޫނެވެ. އެހެންވެ ފައިސާގެ އަގު ވަޒަންކުރާކަށް ނުއެނގުނެވެ. ކުޅިވަރާއި މަޖަލުގައި ދިއައީ ފައިސާތައް އިސްރާފްކުރަމުންނެވެ. ލޯބިވެރިއަކު ހޯދުމުގެ ބޭނުމުގައި ހިތް ރުހޭ އަންހެންކުއްޖަކު ފެނިއްޖެނަމަ އެކުއްޖަކަށް ދިއައީ އިމެއް ނެތި ހޭދަކުރަމުންނެވެ. 

އެހެން އުޅުމުގެ ތެރޭގައި އަޅުގަނޑަށް ވަރަށް ކަމުދިއަ އަންހެންކުއްޖަކު ފެނުނެވެ. އޭނާގެ ލޯބިވެރިއަކުވެސް ހުރެއެވެ. އެހެންކަމުން ކައިރިވާން އެހައި ފަސޭހައެއް ނުވިއެވެ. ކައިރިވެވޭނެ ގޮތެއް ހޯދަމުން ދަނިކޮށް އެނގުނީ އޭނާގެ މަންމަ ބަލިވެއުޅޭކަމާއި ފަރުވާކުރާނެ ފައިސާ ނުލިބިގެން އުޅޭކަމެވެ. 

ފުރުޞަތުގެ ބޭނުންހިފީމެވެ. މަންމަ ރާއްޖެއިން ބޭރަށް ފޮނުވައިގެން ބޭސްކޮށްދިނީމެވެ. ދެންވެސް އެޢާއިލާއަށް އެވަޤުތު ބޭނުންވެގެންތިބި ހުރިހާ ކަންކަން ކޮށްދިނީމެވެ. ގެއަޅައިދޭންވެސް ބުނީމެވެ. ހެޔޮއެދޭ މީހަކަށް ހެދިގެންހުރެ އެހުރިހާ ކަންކަން ކޮށްދީފައި އޭނާގެ ލޯތްބަށް އެދުމުން ދިން ޖަވާބު އެނގޭހެއްޔެވެ؟ "ކޮށްދިން ހުރިހާ ކަމެއްގެ އަގަކަށް އަހަރެންގެ މަސްގަނޑު ޙަވާލުކޮށްފާނަމެވެ. ނަމަވެސް ލޯބިދެވޭނެ ކަމެއް ނުއެނގެއެވެ." 

އެހެން ބުނުމަކުން އަޅުގަނޑު އޭނާދެކެ ރުޅިއެއް ނުއަންނަމެވެ. އުފާކުރީއެވެ. ތެދަސްބުނީތީއެވެ. އެއީ ކޮށްދިން އެއްވެސް ކަމެއް ކޮށްދިނީ އެއްވެސް ކަމެއް ޝަރުޠުކޮށްފައިކަމަށްނުވާތީއެވެ. އަދި އަޅުގަނޑު އޭނާދެކެ ލޯބިވާ ވާހަކަ ބުނެފައިވެސް ނޫންކަމަށްވާތީއެވެ. އެހެންވެ އަޅުގަނޑު ހެދިގޮތަކީ އޭނާގެ ނިންމުމަށް އިޙްތިރާމްކުރީއެވެ. އޭނާ އާއި އޭނާގެ ލޯބިވެރިޔާ ކައިވެނިކޮށްގެން އެކުގައި އުޅެން މަގުފަހިކޮށްދިނީއެވެ. 

އެހިސާބުން އަޅުގަނޑުގެ ދިރިއުޅުން މުޅިން ބަދަލުކޮށްލީމެވެ. ފެންނަހައި ރީތި ކުދިންގެ ފަހަތުން ދުވުމުގެ ބަދަލުގައި އަޅުގަނޑުދެކެ ލޯބިވާ ކުއްޖަކު ހޯދަން މަސައްކަތްފެށީމެވެ. އޭނާ އޭނާގެ ލޯބިވެރިޔާ ދެކެ ލޯބިވާވަރަށް އަޅުގަނޑުދެކެ ލޯބިވާ ކުއްޖެކެވެ. އެކަމަށް ދުވަސްކޮޅެއް ނެގިއެވެ. ނަމަވެސް އެކަން ކާމިޔާބުކުރެވުނެވެ. 

އެހިސާބުން އަޅުގަނޑު ހިތަށް އެރިއެވެ. "އަންހެންކުދިންނަށް އެހައިތަނަށް އަޅުގަނޑަށް ކުރެވުނު ހޭދަތަކަށްބަލާއިރު އޭނާއަށް ހޭދަކުރެވުނީ ކުޑަމިންވަރެކެވެ. ނަމަވެސް އޭނާއަށް ކުރެވުނު ހޭދައިން ފައިދާތަކެއް ކޮށްފިއެވެ. ލޯބީގެ ހުރި ބާރުގަދަކަމާއި ލޯތްބަކީ ކިތަންމެ ގިނައިން ފައިސާ ހޭދަކުރިޔަސް ގަނެވޭނެ އެއްޗެއް ނޫންކަން ދަސްވީ އޭނާގެ ސަބަބުންނެވެ. އެއީ ކުރެވުނު އެންމެ ފައިދާހުރި ހޭދައެވެ." 

އަޅުގަނޑު ތައުބާވީމެވެ. ކައިވެނިކުރީވެސް ތައުބާވުމަސްފަހުގައެވެ. އަޅުގަނޑުގެ ކައިވެންޏަށް މިހާރު 10 އަހަރު ފުރިއްޖެއެވެ. ކައިވެންޏަށްފަހު އަޅުގަނޑު މިއަންނަނީ ޒިންމާދާރު ދިރިއުޅުމެއް އުޅެމުންނެވެ. އަނބިމީހާ ދެރަވެދާނެ ކަމެއްވެސް ނުކުރަމެވެ. އެކަމުގެ ނަތީޖާވެސް ވަރަށް ރަނގަޅެވެ. އަޅުގަނޑު ދިރިއުޅެންކުރާ މަސައްކަތަށްވަނީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައެވެ. އަދި މިހާރުވެސް އަންނަނީ ކުރިއެރުން އިތުރުވަމުންނެވެ. 

އަޅުގަނޑުގެ ވާހަކައިން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއް ކުރާނެ ކަމަށް އުންމީދުކުރަމެވެ.

 

- ރަޝީދު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން