މިއީ ޖަމާޢަތްތެރިކަމުގައި އިސްވެ އުޅުއްވި ޝައިޚް ޢައްބާސް އަޅުގަނޑަށް ވިދާޅުވެދެއްވި ވާހަކައެކެވެ. އަދި އޭނާގެ މުޅި ޙަޔާތުގައިވެސް މިގޮތަށް ދިމާވި ފުރަތަމަ ޙާދިސާގެ ވާހަކަވެސްމެއެވެ.
މީހަކު މަރުވީއެވެ. ޑޮކްޓަރު ބަލާފައި އޭނާ މަރުވެއްޖެކަމަށް ނިންމުމުން އޭނާ ވަޅުލަން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ނުވެގެން ފްރީޒަރުގައި 4 ދުވަހު ބާއްވަން ޖެހުނެވެ. އެހެންވެ ހިނަވަންގެންދެވުނީ 4 ދުވަސްފަހުންނެވެ.
ހިނެވުމުގެ އިސްމީހަކަށްހުރީ މިޞުރުގެ މީހެކެވެ. އޭނާ މައްޔިތާގެ ބަނޑު ސާފުކުރުމުގެ މަރުޙަލާ ފުރިހަމަކޮށްފައި ބޭއްވިތަނާ އެއް އަތް ޙަރަމުން ނެއްޓި ވެއްޓުނެވެ. އެއީ ވެދާނެ ކަމެއް ކަމަށް ބަލައި މާބޮޑު ސަމާލުކަމެއް ނުދީ ދެންކުރަންހުރި ކަންކަމުގައި އުޅެންފަށާފައި މައްޔިތާއަށް ބަލައިލިތަނާ މައްޔިތާ ބުންޏެވެ. "އަހަރެން ވަރަށް ބަނޑުހައިގަނެއްޖެއެވެ. ކާނެއެއްޗެއް ދޭށެވެ!"
އެހެންބުނާއިރަށް އޭނާ އެތަނުން ނުކުމެ ދުވަމުން ގޮސް ކާރަށް އަރައިގެން ބާރަށް ދުއްވާފައި ދިއައީއެވެ. ވާނުވާއެއް ނުއެނގިގެން ދަރިން އެތެރެއަށް ވަދެ ބައްޕައަށް ބަލައިލުމުން ބުންޏެވެ. "މާދަމާ ކަލޭމެން އެންމެން ކޯޓަށް ގެންދާނަމެވެ. މިހާރު މިއޮތީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. އަވަހަށް ކާނެ އެއްޗެއް ދޭށެވެ."
ޙަޤީޤަތަކީ އޭނާ މަރުނުވާކަމެވެ. މިފަދަ ކަންކަން މެދުވެރިވެއެވެ. މަރުނުވަނީސް މަރުވެއްޖެ ކަމަށް ހީކުރެވި ވަޅުލެވެން އުޅެވެއެވެ. ވީމާ އެއީ އެހައި ބޮޑުކަމެއްގެ ގޮތަކު ނުބަލަމެވެ. ނަމަވެސް ބޮޑުކަމެއްގެ ގޮތުގައި އަހަރެން މިނަގަނީ ނުވަތަ ފާހަގަކުރަނީ ފްރީޒަރެއްގައި 4 ދުވަހު އޮތްއިރު އޭނާ މަރުނުވި ސަބަބެވެ.
އެމީހާ ފަހުން ޖަމާޢަތްތެރިންނާއި ބައްދަލުކުރަން ދިއުމުން އެމީހުން ބުނިކަމަށްވެއެވެ. "ތިއައައީ ކީއްކުރަންހެއްޔެވެ؟ 100 ފަހަރު ކަލޭ މަރުވިޔަސް އަހަރެމެން ކަލޭ ވަޅެއްނުލާނަމެވެ." މިކަމާއި ގަތްބިރުން މިޞުރުމީހާ ވަޒީފާ ދޫކޮށްލާފައި ފުރައިގެންދިއައީއެވެ.
ތަންކޮޅެއް ފުންކޮށް ވިސްނައިލަމާ ހިނގާށެވެ! މިހުންނަނީ އާދައާއި ޚިލާފް ކަންކަމެވެ. އެހެންވެ ސަޢުދިޢަރަބިޔާގެ ޓީވީތަކާއި ނޫސްތަކުގައި ވަގުތުން މިޚަބަރު ލިޔެ ހާމަކުރިއެވެ. ޔަޤީންކުރަންވީކަމަކީ ކޮންމެ ފަދަ ގޮތަކަށް ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އެމީހަކު މަރުވާނީ ދުނިޔެއަށް ލާންހުރި ނޭވާގެ ޢަދަދުހަމަވަންދެން ނޭވާލުމަށްފަހުގައިކަމެވެ. އޭނާއަށް ދެއްވަވަންހުރި ރިޒުޤް ކައި ނިމުމުން ކަމެވެ.
- މުޙައްމަދު އަލްނަޤްވީ/ ވަން އިސްލާމް