ކައިވެނިކުރުމަށް ފަހުގައިވެސް ދެމަފިރިންވެސް އުޅުނީ ވަޒީފާގައެވެ. އަނބިމީހާ ވަޒީފާއަށް ފޮނުވަނީ ނުފުދިގެނެއް ނޫނެވެ. ދަރިއަކު ލިބެންދެން އެކަނި ގޭގައި ހުންނަން އޭނާ ބޭނުންނުވާތީއެވެ. އޭނާގެ ހިތްހަމަޖެހުމަށެވެ.
ކޮންމެއަކަސް ކައިވެނީގެ 3 ވަނަ އަހަރު މަސައްކަތް މާބުރަވެއްޖެއެވެ. ރޭގަނޑުވެސް ދާންޖެހެނީއެވެ. ހަފްތާ ބަންދުދުވަސްތަކުގައިވެސް ނުކުންނަންޖެހެނީ އެވެ. ޣޭގައި މަޑުކޮށްލާނެ ވަޤުތެއް ނުވެއެވެ.
ހިތްބަރެއް ނުކުރަމެވެ. ދަރިއަކު ލިބުމުން ވަޒީފާއަށް ނުދާން އެއްބަސވެފައި އޮތިމާ ކެތްކޮށްލައިގެން ހުރީއެވެ. ގޭގައި ނޯކަރެއް ނުގެންގުޅެމެވެ. އަނބިމީހާއަށް އެހައި މަސައްކަތް ބުރަވީމާ ގޭތެރޭގެ މަސައްކަތްވެސް ކުރަމެވެ. ކައްކައި ކާންހަދަމެވެ. ނަމަވެސް އަނބިމިހާއަށް އޮންނަނީ ކާނެ ވަޤުތުވެސް ނުވެފައެވެ.
އެއްރޭ ވަރަށް މީރުކޮށް ކައްކައިގެން އަނބިމީހާ އައިއިރަކުން ދެމީހުން އެކުގައި ކެއުމުގެ ބޭނުމުގައި އިންދާ އަނބިމީހާ ގެއަށް އައިސް ބުނީ ނުކާނެ ކަމަށެވެ. މަސައްކަތްކޮށްކޮށް ވަރުބަލިވެފައިހުރިލެއް ބޮޑުކަމުން ބޭނުންވަނީ ފެންވަރައިގެން ނިދާލަން ކަމަށެވެ.
އެއީ ފުރަތަމަ ފަހަރަށް އަނބިމިހާ އާއިމެދު ޝައްކު ކުރެވުނު ރެއެވެ. އެހެންވެ ޔަޤީންކޮށްލުމަށްޓަކައި އަނބިމީހާ އޮށޯވެ ނިދުމުން އޭނާގެ ފޯނު ނެގީމެވެ. ފޯނުގެ ޕާސްވޯޑަކީ ޝަހާދަތް އިނގިލީގެ ނިޝާންކަން އެނގޭތީ ނިޝާން ޖައްސުވައިގެން ގޮސް ސިޓިންގ ރޫމްގައި އިނދެ ފޯނު ހުޅުވައިގެން ބަލައިލީމެވެ.
ބަލައިލުމުން ބިޒީވެގެން މިއުޅޭ ސަބަބު އެނގުނެވެ. ލޯބިވެރިއަކު ހޯދައިގެން އޭނާއާއިއެކު ތަންތަނުގައި ވަޤުތުހޭދަކުރަމުން އަންނަތާ އަހަރަކަށްވުރެ ގިނަވީއެވެ. މެސެޖުތަކާއި ފޮޓޯތައް ފެނުމުންވެސް ޤަބޫލުކުރަން އުނދަގޫވިއެވެ. އުނދަގޫވިނަމަވެސް ޖެހުނީ ޤަބޫލުކުރާށެވެ.
ވީދެރައިން ނިދަން ކޮޓަރިއަށް ނުގޮސް ސިޓިންރޫމްގައި އިންދާ އަނބިމިހާއަށް ހޭލެވިގެން ފޯނުހޯދައި ނުފެނުމުން ސިޓިންގރޫމަށް އަތުވެއްޖެއެވެ. ފޯނު ނުދޭން ހިފަހައްޓާފައި ލޯބިވެރިޔާ އާއިބެހޭ ގޮތުން ސުވާލުކުރާއިރަށް އެއްބަސްވެއްޖެއެވެ. ބުނީ އަޅުގަނޑަކީ އެކުގައި ދިރިއުޅެން ކަމުދާ ފިރިއެއް ނޫންކަން އެނގުނީމާ ބޭނުންވަނީ ވަރިވާންކަމަށެވެ.
ވިސްނައިދޭން ވަރަށް މަސައްކަތްކުރީމެވެ. ނަމަވެސް ޤަބޫލުނުކުރުމުން ވަރިކުރީއެވެ. ޖެހިގެން އައިމަހު އަޅުގަނޑު ދެވަނަ ކައިވެނިކުރީމެވެ. އޭނާ އާއިއެކު އުފަލުގައި ދިރިއުޅެމުން އަންނަތާ 2 ވަނަ އަހަރު ކުރީގެ އަނބިމީހާ ގެއަށް އައީ 2 މަހުގެ އެއްމާބަނޑު ދެދަރިން ގޮވައިގެންނެވެ. ބުނީ ފިރިމީހާ އޭނާ ވަރިކޮށްލައި ގެއިން ނެރެލީ ކަމަށެވެ. އުޅޭނެ ތަނެއް ހޯދާނެ ކަމަށާއި ހޯދެންދެން ގޭގައި ބައިންދައިލަދިނުމަށް އެދޭ ކަމަށެވެ.
އަޅުގަނޑު ބުނީ އެކަމަށް ގޮތެއް ނިންމޭނީ އަނބިމީހާއަށް ކަމަށެވެ. އެހެންބުނުމުން އޭނާ ދިއައީ ސިއްސައިގެންނެވެ. އަނބިމީހާ ބަދިގެތެރޭގައި ހުރެފައި އައިސް ބުނީ ދެދަރިންނާއިއެކު މަގުމަތިވެފައިވާތީ 2 ދަރިންނަށްޓަކައި ގޭގައި އިނދެވިދާނެ ކަމަށެވެ. ދެ ދަރިންގެ ކަންކަންވެސް ކޮށްދޭނެ ކަމަށާއި ނަމަވެސް ދަރިން ބަލަން ގޭގައި އިންނަން ޖެހޭނެ ކަމަށެވެ. ބޭރަށް ނުދެވޭނެ ކަމަށާއި ހިނގައްޖެނަމަ ގެއިން ނެރެލާނެ ކަމަށެވެ.
ގޭގައި ދުވަސްކޮޅަކު އިނދެފައި ގެއްލިއްޖެއެވެ. ދެ ދަރިން ގޭގައި ބާއްވާފައި ފިލީއެވެ. ފުލުހުންނަށް އަންގައިގެން ބެލިއިރު އިންޑިއާ މީހަކާއިއެކު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ. އަނބިމީހާ ނިންމީ 2 ދަރިން ޔަތީމްޚާނާއަކަށް ނުލައި، ސަރުކާރާއިވެސް ޙަވާލުނުކޮށް ކުދިން ބެލުމަށެވެ. އެހެންވެ އަންހެނަކަށް މުސާރަދީގެން ގެނެސް ކުދިން ބެއްލުވީއެވެ.
އެނބުރި އައީ ކުދިންގެ ޢުމުރުން 18 އަހަރުވެ ކިޔަވައި ނިމުނުފަހުންނެވެ. އައިސްބުނީ އެނބުރި އައީ ކުދިންމަތިން ހަނދާންވާވަރުން އިންޑިއާގައި ނުއިނދެވިގެން ކަމަށެވެ. ދެކުދިން ގެނެސް އޭނާގެ ކުރިމަތީގައި ބެއިތިއްބުމުން ބުނީ އަޅުގަނޑުގެ އަނބިމީހާ ނޫން މަންމައަކު ހުންނަކަން ޤަބޫލުކުރަން ބޭނުން ނޫންކަމަށެވެ. އެހެންބުނީމާ އެކްޓްތައް ޖައްސައި ރޮއިކަރުނައަޅަން ފެށީމާ އޭނާ މިގެއިން ނެރޭށޭ ބުނެފައި ދެބެއިން ދިއައީއެވެ. އެހެންވެ އަޅުގަނޑުމެން އޭނާ ގެއިން ނެރުނީއެވެ. ޙަޤީޤަތަކީ ވަރިކޮށްފައި ރާއްޖެ ފޮނުވައިލީކަމެވެ.
އަޅުގަނޑުމެންނަށްވެސް 3 ކުދިން ލިބުނެވެ. 5 ދަރިންވެސް ކިޔަވައި ނިމި ވަޒީފާގައެވެ. އަޅުގަނޑުމެން މިއަދު މިތިބީ މުސްކުޅިވެފައެވެ. އަޅުގަނޑުމެންނަށް އެހީތެރިވުމުގައި 5 ދަރިންވެސް ހަމަހަމައެވެ. 5 ކުދިންވެސް އެހީތެރިވެއެވެ.
މިއީ ޝްރީލަންކާގައި ނެރޭ ނޫހަކުން އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑު މިވާހަކަ މިއަދުނޫހާއި ޙިއްޞާމިކުރީ ކިޔުންތެރިންނަށް ޢިބްރަތަކަށްވާނެ ކަމުގެ އުންމީދުގައެވެ. ޚާއްޞަކޮށް ދަރިން އެއްލައިލާ މައިންބަފައިންނަށެވެ. އަޅުގަނޑުގެ އެންމެ ބޮޑު ބޭނުމަކީ ނިކަމެތިވެ ޙާލުގައި ޖެހޭ މިފަދަ ކުދިން ބެލުމަކީ ބުރައަކަށް ނުދެކި އެހީތެރިވާން ބުނުމެވެ. ދުނިޔޭގައި މޮޅެއް ނުލިބުނު ނަމަވެސް ހަމަޔަޤީނުންވެސް ޤިޔާމަތް ދުވަހު އެކަމުގެ ސަބަބުން ހާދަގިނަ ޘަވާބެއް ދެއްވަވާނެތެވެ. އިން ޝާ ﷲ
- ޢަލީ ނަޒީރު / މިއަދުނޫހުގެ ކިޔުންތެރިއެއް