"ﷲ އަށް ބިރުވެތިވާ ޒުވާނުން މިއަދު ވަރަށް މަދުކަމަށް ބުނެވޭ ބަހުގެ މާނައަކީ ﷲ ތަޢާލާއަށް ބިރުވެތިވާ ޒުވާނުން ނެތުމެއް ނޫނެވެ. ބިރުވެތިނުވާ ޒުވާނުންނަށްވުރެ މަދީއެވެ. މިއީ އަޅުގަނޑު ޤަބޫލުކުރާ ގޮތެވެ. މިގޮތަށް ބުނުމުން ރީތި އަންހެނަކު ދަޢުވަތުދީފިނަމަ ޤަބޫލުނުކުރާނެ ޒުވާނަކު މިހާރު ނުހުންނާނެކަމަށް ބުނެ އެކުވެރިން އަޅުގަނޑަށް ގޮންޖަހައެވެ. މިހައި ގިނަ ޒުވާނުން 5 ވަޤުތު ނަމާދުކުރަމުން ގެންދާއިރު އެފަދަ ބަހެއް ބުނަން ހެޔޮވެދާނެތޯއެވެ؟"
ކިޔުންތެރިޔާ ތިއަ ބަޔާންކުރި ޢިބާރާތުން ބުނާކަށް ނުވާނެއެވެ. މަދުވާނެ ކަމަށް ބުނެވިދާނެއެވެ. މިއަދުނޫހަށް އެނގިގެންވެސް ދީނަށް ޢަމަލުކުރާ ބައެއް ޒުވާނުންނަށް ވަރަށް ރީތި، ތަނަވަސް އަންހެނުންގެ ކިބައިން އެފަދަ ޙަމަލާތައް ފޯރާފައި އެބަހުއްޓެވެ. މަޅީގައި ޖައްސުވަން މަސައްކަތްކޮށްފައި އެބަހުއްޓެވެ. ނަމަވެސް އެޒުވާނުން ތިބީ ސަލާމަތުންނެވެ. މިފަދަ ބައެއް ކަންކަމުގެ ތެރެއިން އެޒުވާނުންގެ ޘާބިތުކަން އެނގުމުން އޭނާގެ ކޮޅަށް ދީލާލައި ކައިވެނިވެސްކޮށްފައި އެބަހުއްޓެވެ.
ތިރީގައި އެވަނީ ހަމަ ދާދިފަހުން ހިނގާފައިވާ ޙާދިސާއެއްގެ ވާހަކައެކެވެ. އެފަދަ ޒުވާނުންތައް ހަމަ މިރާއްޖޭގައިވެސް ތިބޭނެކަން ޔަޤީނެވެ. ވީމާ އެ ބަހަކީ ބުނެގެންވާނެ ބަހެއް ނޫނެވެ.
ޤިޔާމަތް ދުވަހަކީ ﷲ ތަޢާލާ ޢަރުޝީގެ ހިޔާވަހިކަން ދެއްވެވި މީހަކަށް ނޫނީ އެއްވެސް ހިޔާވަހިކަމެއް ނުލިބޭނެ ދުވަހެވެ. 50000 އަހަރަށް ދެމިގެންދާ އެދުވަހުގެ އިރު ދާދި ގާތަށް ތިރިވެފައިހުރުމުން ލިބޭ ހޫނު އިންތިހާއަށް ގަދަވާނެއެވެ. ފައިބާ ދަލުން އޮންނާނީ ފެންގަނޑު ބޮޑުވެފައެވެ. އެއްބައަކަށް އުޅެންޖެހޭނީ ގެނބިގެން ދިއުމުން ސަލާމަތްނުވެވިގެންނެވެ.
އެފަދަ ހާލަތެއްގައި މީސްތަކުންނަށް އުޅެންޖެހޭނެ އެދުވަހު ޢަރުޝީގެ ހިޔާވަހިކަން ލިބޭނެ މަގުތައް ﷲ ތަޢާލާ ވަނީ ބަޔާންކުރައްވަވައިފައެވެ. ރަސޫލް (ﷺ) ވަނީ އެފަދަ މީހުންގެ ވާހަކަ ޙަދީޘްފުޅު ކުރައްވަވައިފައެވެ. މިކިޔައިދެނީ ޢަރުޝީގެ ހިޔާވަހިކަން ހޯދުމުގެ ފުރުޞަތު ލިބުނު ޒުވާނަކު އެފުރުޞަތު ހޯދިގޮތުގެވާހަކައެވެ.
30 ވަރަކަށް އަހަރުގެ ޒުވާނަކު އޭނާގެ ބޮޑުބޭބެ އާއި ބައްދަލުކުރަން ޖިއްދާއަށް ދިއައެވެ. އެގޭގައި ހުރުމުގެ ތެރޭގައި އެއް ރޭ ދަންވަރު 2:00 ހައިއިރު އޭނާއަށް ހޭލެވުނީ ކޮޓަރީގެ ދޮރު ހުޅުވޭހެން ހީވެގެންނެވެ. ނަމަވެސް އެއީ ފެންނަ ހުވަފެނެއް ކަމަށް ބަލައި ދެލޯ ގަދައަށް މަރައިގެން ނިދޭތޯ މަސައްކަތްކުރީއެވެ.
އިރުކޮޅަކުން މީހަކު އޭނާގެ މަގަތުގައި އޮށޯތްހެން ވެސް ހީވިއެވެ. ދެންވެސް ހަމަ ހުވަފެނެއް ކަމަށް ހީކޮށް ދެ ލޯ ނުހުޅުވައި އޮތީއެވެ. ހުވަފެނެއް ނޫންކަން އެނގުނީ އޭނާގެ ގައިގައި ބައްދައި މޫނަށް ދޮން ދޭންފެށުމުންނެވެ.
ބޮކީގެ އަލިގަދަކޮށްފައި ރަނގަޅަށް ބަލައިލިއިރު ކައިރީގައި އޮތީ ގޭގައި ގެންގުޅޭ ބޭރުޤައުމެއްގެ އުމުރުން 20 ވަރަކަށް އަހަރުގެ ސަރވަންޓެވެ. ވަގުތުން ފުންމައިގެން ތެދުވެ "ﷲ އަށް ބިރުވެތިވަމެވެ. ކަލޭވެސް ﷲ އަށް ބިރުވެތިވާށެވެ." ބުނުމަށްފަހު ހެޔޮ އެއްޗެތި ކިޔައި ﷲ ތަޢާލާއަށް ޛިކުރު ކުރަމުން ފޭރާން ބަދަލުކޮށްގެން ގެއިން ނުކުމެގެންދިއައީ އެވެ.
އޭނާ ދިއައީ މިސްކިތަށެވެ. ފަތިސްވަންދެން މިސްކިތުގައި އިނީ ހިނގައިދިއަ ކަންތަކަށް ހިތާމަކޮށް ރޯށެވެ. ފަތިސް ވުމުން ނަމާދުކޮށްގެން ގެއަށް ގޮސް ބޮޑުބޭބެ މެންނަށް އެކަން ހިނގައިދިއަ ގޮތް ކިޔައިދިނުމުން އެމީހުން އަވަސް އަވަހަށް އަންހެން ކުއްޖާ ޑީޕޯޓްކޮށްލީއެވެ.
ހަމަ އެގޭގައި ހުއްޓައި މާގިނަ ދުވަސްތަކެއް ނުވަނީސް އެޒުވާނާ ވަނީ ނިޔައުވެފައެވެ. ނިކަން ވިސްނައިބަލާށެވެ! ޤިޔާމަތް ދުވަހު ކަންކަން މެދުވެރިވާނެ ގޮތް ހަމަ އެކަކަށްވެސް ބުނާކަށް ނުއެނގޭނެއެވެ. ނަމަވެސް ކީރިތި ޤްރްއާނާއި ސުންނަތުން ފެންނަން ހުރި ކަންކަމަށް އުންމީދު ކުރެވިދާނެއެވެ.
އެގޮތުން ބަލައިފިނަމަ އެ ޒުވާނާއަކީ ކޮންފަދަ ބޮޑު ނަޞީބުވެރިއެއް ހެއްޔެވެ؟ ޢަރްޝީގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއް ނުލިބޭނެ އިންތިހާއަށް ހޫނުގަދަ އެދުވަހު ޢަރްޝީގެ ހިޔާވަހިކަން އެ ޒުވާނާއަށް ލިބޭނެ ކަމަށް އުންމީދު ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އަންހެނަކު ދޭ އެފަދަ ދައުވަތެއް ﷲ ތަޢާލާއަށް ބިރުން ޤަބޫލުނުކޮށްފިނަމަ އެމީހަކަށް ޤިޔާމަތް ދުވަހު ޢަރްޝީގެ ހިޔާވަހިކަން ލިބޭނެކަން ރަސޫލް (ﷺ) ވަނީ ބަޔާން ކުރައްވަވައިފައެވެ. ސުވާލަކީ އެފަދަ ހާލަތެއް މެދުވެރިވެ އެފަދަ ފުރުޞަތެއް ލިބިއްޖެނަމަ ފުރުޞަތުގެ ބޭނުން ނުކޮށް ޢަރްޝީގެ ހިޔާވަހިކަން ހޯދާނީ މިތަނުގައި މިތިބަ އެތައް ހާސް ޒުވާނުންގެ ތެރެއިން ކިތައް ޒުވާނުން ހެއްޔެވެ؟
- މިއީ މިއަދުނޫހުގައި ޝާއިޢްކުރި ލިޔުމަކާއި ގުޅިގެން ކިޔުންތެރިއަކު ދިން މައުލޫމާތަށް ލިޔެފައިވާ ލިޔުމެކެވެ. ކިޔުންތެރިންގެ މިފަދަ ހަދިޔާތަކަށް އަބަދުވެސް އިންތިޒާރުކުރަމުއެވެ!