ﷲ ގެ ދީލަތިވަންތަކަން!: އާދައިގެ ބައްޔެއްގަ ކުއްލިއަކަށް ބަނޑުގެ އޮޕަރޭޝަނެއް ކުރަންޖެހުނުކަން އެއީ ކެންސަރުގެ ނުރައްކަލުން ސަލާމަތްވެވުނު ސަބަބުކަމުގަ ވީގޮތުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ﷲ ގެ ދީލަތިވަންތަކަން!: އާދައިގެ ބައްޔެއްގަ ކުއްލިއަކަށް ބަނޑުގެ އޮޕަރޭޝަނެއް ކުރަންޖެހުނުކަން އެއީ ކެންސަރުގެ ނުރައްކަލުން ސަލާމަތްވެވުނު ސަބަބުކަމުގަ ވީގޮތުގެ ވާހަކަ!

ވަރަށް ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. ޒުވާނެކެވެ. ޢާންމު ޞިއްޙަތު ރަނގަޅެވެ. ބަލިނުވާތީ ޑޮކްޓަރަކަށް ނުދައްކައެވެ. އެހެން ހުއްޓައި ކުއްލިއަކަށް ދިމާވި ކަމަކުން ޑޮކްޓަރަށް ދެއްކިއެވެ. އެޕެންޑިކްސް ނަގަން ކުރަންޖެހުނު އޮޕަރޭޝަނަކާއި ގުޅިގެން ކުރި ޓެސްޓްތަކުން އެނގުނީ ޒުވާނާއަށް ކެންސަރުޖެހިފައިވާ ކަމެވެ. 

ލިބުނު މައުލޫމާތާއިގުޅިގެން އަވަސްއަވަހަށް ފަރުވާފެށީއެވެ! ފަރުވާފެށިތާ 6 މަސްދުވަސްވީއިރު ވަނީ ބަލިން އަރައިގަނެވިފައެވެ. މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ޝިފާލިބިފައެވެ. 

ވިސްނާލަންވީ އެ ޒުވާނާއަށް އޮޕަރޭޝަނެއް ކުރަން ޖެހިގެން އެ ޓެސްޓްތައް ހަދަން ނުޖެހުނު ނަމަ އޭނާއަށް ކެންސަރުޖެހިފައިވާކަން އެނގިގެންދާނީ ބަލީގެ ކޮން ސްޓޭޖެއްގައިކަމާއިމެދުގައެވެ. ފުރާނަ ސަލާމަތްކުރެވޭނެ ޙާލަތުގައި ބަލި ޑައިގްނޯޒްކުރެވުނީސްބާވައެވެ. 

މި ޒުވާނާގެ ހާދިސާއަށް ބަލައިފިނަމަ އެޕެންޑިކްސް ނަގަންޖެހުން ވެގެން އެދިއައީ އޭނާއާއި ކުރިމަތިކުރެއްވެވި ވަރަށް ކުޑަކުޑަ ތަކްލީފަކަށެވެ. އެކަމުގެ ސަބަބުން އޭނާއަށް ކެންސަރުޖެހިފައިވާކަން އެނގި އަވަހަށް ފަރުވާކުރަން ފަށައިގަނެވުން ވެގެންދިއައީ އޭނާގެ ފުރާނަ ސަލާމްތަކުރަން މަގުފަހިވެގެންދިއަ ސަބަބަށެވެ. 

މުހިންމު ސަބަބެއް އޮވެގެން މެނުވީ އެއްވެސް މީހަކަށް އެއްވެސް ކަމެއް ﷲ ތަޢާލާ ކުރިމަތި ނުކުރައްވަވާނެ ކަމަށާއި އެކަމުގައި ފޮރުވިފައިވާ ސަބަބު އަހަރެމެންނަށް ނުއެނގެނީ ކަމަށް މިބުނަނީ ފެންނަމުންދާ މިފަދަ ކަންކަމުގެ ސަބަބުންނެވެ. 

ކޮންމެ މުޞީބާތެއް ކުރިމަތިވި ނަމަވެސް އަދި ކިތަންމެ ބޮޑު ރަޙްމަތެއް މިންވަރު ކުރެއްވެވި ނަމަވެސް އެއީ އިއްތިފާޤަކުން ކުރިމަތިވި ކަމެއް ކަމަށް ނުދެކޭށެވެ! ކޮންމެ ކަމެއްވެސް ކުރިމަތިވާނީ ﷲ ތައާލާ އެކަމެއް ކުރިމަތިކުރެއްވެވުމުންނެވެ. މުހިންމު ސަބަބެއް އޮވެގެން މެނުވީ އެއްވެސް މީހަކަށް އެއްވެސް ކަމެއް ﷲ ތަޢާލާ ކުރިމަތި ނުކުރައްވަވާނެތެވެ! އެކަމުގައި ފޮރުވިފައިވާ ސަބަބު އަހަރެމެންނަށް ނުއެނގެނީއެވެ. 

ބައެއް ކަންކަން ކުރިމަތިވުމުން ދެރަވެ ހިތާމަކޮށް ޝަކުވާކުރެވުން ފަދަ ކަންކަން ކުރެވެނީ އެހެންވެގެންނެވެ. އެކަމުގައި ފޮރުވިފައިވާ ސަބަބު އަހަރެމެންނަށް ނުވިސްނޭތީއެވެ! މިސާލަކަށް ފުރަތަމަ ކުރިމަތިވީ މުޞީބާތަކަށްވެދާނެއެވެ. އެކަމުގެ ސަބަބުން ފަހުން ކުރާނެ ފައިދާ އެއްވެސް މީހަކަށް ނުވެސް ވިސްނޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. 

 -އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން