މިއީ ޝައްކު އުފެދި ދެމަފިރިންގެ ގުޅުމަށް ބުރޫއެރިއަނުދިނުމަށް ދެމަފިރިން ކޮންމެހެން ސަމާލުކަން ދޭންޖެހިފައިވާ ބޮޑު ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
މިއީ ޝައްކު އުފެދި ދެމަފިރިންގެ ގުޅުމަށް ބުރޫއެރިއަނުދިނުމަށް ދެމަފިރިން ކޮންމެހެން ސަމާލުކަން ދޭންޖެހިފައިވާ ބޮޑު ކަމެއް!

އެއީ ވަރަށް ލޯބިން އެކުގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ. ކުއްލިއަކަށް ތަނަވަސް މީހަކު އަނބިމީހާ ދެކެ ލޯބިވާކަމަށްބުނެ ފަހަތުން ދުވަންފެށީއެވެ. ގޭދޮށަށްވެސް ގޮސް ލޯބިވާކަމަށް ބުނަންފެށީއެވެ. 

އަންހެންމީހާގެ ޖަވާބަކީ އޭނާއަކީ ކައިވެނިކޮށްގެންހުރި މީހެއްކަމަށާއި އެއްވެސް ޙިލޭ ފިރިހެނަކާއި އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނުވާކަމަށެވެ. ދެމަފިރިންގެ ގުޅުން ހަލާކުކުރަން ކަންކަން ނުކުރުމަށެވެ. އަދި އޭނާގެ ފަހަތުން އަޅައިގަނެގެން އުޅޭނަމަ ފުލުހުންނަށް އެކަން ހުށަހަޅާނެ ކަމަށްވެސް ބުންޏެވެ. 

އެއްދުވަހެވެ. ދެމަފިރިން އެކުގައި ސިޓިންގރޫމްގައި ތިއްބާ އެމީހާ އަންހެންމީހާގެ ފޯނަށް ފޯނުކުރަންފެށިއެވެ. ފޯނުކުރާއިރަށް އަނބިމީހާ ފޯނުކަނޑާލައެވެ. އެކަން ދެތިން ފަހަރު ތަކުރާރުވީތަނާ މައިދައިތަ އައިސް އެފޯނު ނުނަގަނީ ކީއްވެގެންތޯ ސުވާލުކުރިއެވެ. އަދި ފިރިމީހާވެސް އެ ސުވާލުކުރިއެވެ. 

އަންހެންމީހާގެ ޖަވާބަކީ އެއީ އެއްވެސް މުހިންމު މީހެއް ނޫން ކަމަށާއި އޭނާއާއި ވާހަކަދައްކަން ބޭނުންނުވާތީ ފޯނު ނުނަގަނީ ކަމަށެވެ. އެހިސާބުން ފިރިމީހާ ރުޅިއައިސްގެން ކޮޓަރިއަށްދިއުމުން ފަހަތުން ގޮސް އަނބިމީހާ އޭނާގެ ފަހަތުން މީހަކު އަޅައިގަނެގެން އުޅޭ ވާހަކަ ކިޔައިދިނެވެ. އަދި އޭނާއަށް ދީފައިވާ ޖަވާބުވެސް ކިޔައިދިނެވެ. 

އެހެންކަމާއިއެކުގައިވެސް އަނބިމީހާގެ ވާހަކަތައް ޤަބޫލުކުރަން ފިރިމީހާއަކަށް ފަސޭހައެއް ނުވިއެވެ. ފިރިމީހާއަށް ބޮޑަށް ސަމާލުކަންދެވުނީ އަނބިމީހާ އެކޯލްތަކަށް ޖަވާބު ނުދިން މައްސަލައަށެވެ. އަދި އެކަން ވެގެންދިއައީ ދެމަފިރިންގެ މެދުގައި އޮތް އިތުބާރަށް ގެއްލުންލިބި ޝައްކުތައް އުފެދުނު ކަމަކަށެވެ. 

ޙަޤީޤަތުގައި މިއީ ދެމަފިރިން ދުރުކުރުވަން މައިދައިތަ ރާވައިގެން ހިންގި ޑްރާމާއެކެވެ. އެކަމުން  ގެއްލުން ލިބުނީ ޙަޤީޤަތުގައި އެއްވެސް ކުށެއްނެތް ތެދުވެރި ވަފާތެރި، ފިރިމީހާދެކެ ނުހަނު ލޯބިވާ އަނބިމީހާއަށެވެ. 

މިވާހަކަ ކޮޅު އަޅުގަނޑު މިގެނެސްދިނީ މިއަދުނޫހުގެ ކިޔުންތެރިންނަށް އަދި ހުރިހާ އެންމެންނަށްވެސް މިއީ ވަރަށް ޢިބްރަތްތެރި ފިލާވަޅަކަށްވާތީއެވެ. މިފަދަ ކަމެއް މެދުވެރިވި އަޅުގަނޑުގެ އެކުވެރިއެއްގެ ކައިވެނި ރޫޅިގެން ދިއައީ އުފެދުނު ޝައްކުގެ ސަބަބުން އިތުބާރުގެއްލުނީތީއެވެ. 

އަޅުގަނޑު ބުނާނީ ދެމަފިރިން އެކުގައި ތިއްބާ އަންނަ ކޯލު ނަގާށެވެ. ކުރުކޮށް ނަމަވެސް ޖަވާބުދޭށެވެ. އިނީ ބައިވެރިޔާއަކުގައިކަމަށް ބުނާށެވެ. ވާހަކަދައްކަންޖެހޭ މީހެއްނަމަ ފަހުން ގުޅާލަން ނުވަތަ ފަހުން ގުޅައިލާނެކަމަށްބުނެ ކުރުކޮށްލާށެވެ. އަދި ވާހަކަދައްކަން ބޭނުންނުވާ، ޚާއްޞަކޮށް ދެމަފިރިންގެ ގުޅުމަށް ބުރޫއަރާފަދަ މީހުންގެ މީހުންގެ ނަމްބަރުތައް ބްލޮކްކުރާށެވެ. ނޫންނަމަ ޖެހޭ މައްސަލަތަކުން ވަރަށް ނުބައި ނަތީޖާ ނުކުމެދާނެއެވެ. މިކަމަކީ ފިރިންވެސް އަދި އަނބިންވެސް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. 

ކުރުނަމަވެސް އަޅުގަނޑުގެ މިވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށް އުންމީދުކުރަމެވެ.

 

- ނާޒްލީ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން