ޙަޤީޤީ ޙާދިސާ: ހަގު އަނބީގެ އެދުމަށް ދޮށީ އަނބި ބާކީކޮށްލުމުގެ ކުރިން ލޯބިވާވަރު ކިރާލީމާ ހަގު އަނބި ފިލީ! ޘާބިތުވެ ހުރި ދޮށީ އަންތބަށް ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 42ސ
ޙަޤީޤީ ޙާދިސާ: ހަގު އަނބީގެ އެދުމަށް ދޮށީ އަނބި ބާކީކޮށްލުމުގެ ކުރިން ލޯބިވާވަރު ކިރާލީމާ ހަގު އަނބި ފިލީ! ޘާބިތުވެ ހުރި ދޮށީ އަންތބަށް ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކަ-

ދެމަފިރިން އެކުގައި ވަރަށް ލޯބިން ދިރިއުޅެމުން ގޮސް 3 ދަރިން ލިބުނު ހިސާބުން ފިރިމީހާ އަނބިމީހާގެމަތިން ފޫހިވާން ފެށިއެވެ. އެޙާލަތުގައި އެހެން ފިރިހެނުންނަށްވެސް ކުރިމަތިވާ ކަންކަން އޭނާއަށްވެސް ކުރިމަތިވިއެވެ. އަނބިމީހާ ހުތުރުވީއެވެ. އެއްވެސް ކަމެއް ރަނގަޅަށް ކޮށްދެވޭ ކަމަކަށް ނުވެއެވެ. 

ދުވަސްކޮޅަކުން ޒުވާން އަންހެނަކާއި ކައިވެނިކޮށްގެން ގެއަށް ގެނައެވެ. އޭނާވީ ވަރަށް ޙީލަތްތެރި އަންހެނަކަށެވެ. ދޮށީ އަނބިމީހާ ބާކީކޮށްލައި އޭނާގެ ތަނަވަސްކަމަށް ވެރިވެގަތުމުގެ ބޭނުމުގައި އޭނާ ދިއައީ އޭނާއަށް ކުރެވޭނެ ހުރިހާ ކަންކަން ކުރަމުންނެވެ. ފިރިމީހާދެކެ އިންތިހާއަށް ލޯބިވާކަމާއި އަޅައިލާކަން ދައްކަމުންނެވެ. 

ފިރިމީހާ ރަނގަޅަށް މަޅީގައި ޖެއްސުމަށްފަހު ދެވަނަ އަނބިމީހާ އޭނާގެ ބޭނުންވާގޮތް ހުށަހެޅިއެވެ. ބުނީ ފިރިމީހާގެ އިންނަ ހަމައެކަނި އަންތބަކީ އޭނާ ކަމުގައި ހަދައިދީފިނަމަ މިހާރަށްވުރެވެސް ބޮޑަށް ލޯބިދޭނެ ކަމަށެވެ. އެހެންކިޔާވަރުން ގޮތް ނިންމަން އުނދަގޫވެގެން ފިރިމީހާ އޭނާގެ އެކުވެރިންނާއި މަޝްވަރާކުރުމުން ދިން ލަފާގެމަތިން ފިރިމީހާ ޢަމަލުކުރިއެވެ. 

އެއްރޭ ގެއަށް އައިސް ކާން އިނދެގެން ދެއަނބިން ދެފަރާތުގައި ބައިތިއްބާފައި ބުނީ ހަފްތާއެއްގެ ތެރޭގައި ގެހުސްކުރަންޖެހޭ ކަމަށެވެ. "މިވާހަކަ ދައްކަން ވަރަށް ދެރަވެސްވޭ! އެކަމަކު ބޭންކަށް ދަރައި ސަލާމަތް ނުވެވިގެން ބޭންކަށް ގެޙަވާލުކުރަން ޖެހިއްޖެ. 2 ފިހާރަވެސް ވިއްކާލަން ބޭންކުން ނިންމައިފި. ދެން އުޅެންޖެހޭނީ ވަރަށް ދަތިޙާލުގަ. ރައްޓެއްސެއްގެ ގެއިން 2 ކޮޓަރި ކުއްޔަށް ހިފައިފިން. އެކަމަކު ކުލި ދެއްކޭނެގޮތެއްވެސް އަދި ނުފެނޭ. އެހެންވެ ރަށަށް ބަދަލުވާންވެސް ޖެހިދާނެ." ކަމަށް ފިރިމީހާ ބުންޏެވެ. ފިރިމީހާގެ ވާހަކަ އަޑުއިވުމުން ދޮށީ އަނބިމީހާ ރޮމުން ދުރަށް ދިއައީއެވެ. ދެވަނަ އަނބިމީހާ ބަލަހައްޓައިގެން ހުރީއެވެ.

އެއިގެ ފަހުން 3 ވަނައަށްވީ ދުވަހު ދެވަނަ އަނބިމީހާ ގެއިން ނުކުމެގެން ހިނގައްޖެއެވެ. ދޮށީ އަނބިމީހާ އެވާހަކަވެސް ނުދައްކައި ކެތްތެރިވެގެން އިނީއެވެ. ދެވަނަ އަނބިމީހާ ގެއިން ނުކުމެގެންދިއަތާ 2 ދުވަސްފަހުން އެއް ރޭ ފިރިމީހާ ގެއަށް އައީ 2 އެކުވެރިންނާއިއެކުގައެވެ. އެންމެން އެކުގައި ކާންތިބެގެން ފިރިމީހާ އަނބިމީހާ އާއި ސުވާލުކުރީ ރަށަށްދާންޖެހިއްޖެނަމަ ދާނަންތޯއެވެ. އަނބިމީހާ ބުނީ ފިރިމީހާ އާއިއެކު ކޮންމެ ޙާލެއްގައިވެސް ދިރިއުޅެން އޭނާހުރީ ތައްޔާރަށް ކަމަށެވެ. ދުވަހަކުވެސް ވަކިވާން ބޭނުން ނުވާ ކަމަށެވެ. 

އަނބިމީހާގެ ޖަވާބުލިބުމުން ވާހަކަ ދެއްކީ 2 އެކުވެރިންނެވެ. އެމީހުން ބުނީ ހުކުރު ދުވަހު ހެނދުނު ގެ ބަދަލުކުރަން އަންނާނެ ކަމަށެވެ. އަނބިމީހާ ބުނީ ނުކުންނަން ތައްޔާރުވާނެ ކަމަށެވެ. 

ހުކުރު ދުވަހު އެކުވެރިން ބަލައި އައިސް ޢާއިލާ އެހެން ގެއަކަށް ގެންދިއައެވެ. ނަމަވެސް ކުލީގެއަކަށް ނޫނެވެ. ފިރިމީހާ ގަނެފައިވާ ކުރީގެ ގެއަށްވުރެ ތަނަވަސް ގެއަކަށެވެ. 3 ކޮޓަރީގެ ބަދަލުގައި 5 ކޮޓަރީގެ ގެއަކަށެވެ. ޙަޤީޤަތަކީ ފިރިމީހާ ބަނގުރޫޓުނުވާކަމެވެ. ދެއަނބިން އޭނާދެކެ ލޯބިވާވަރު މިނެކިރައިލީކަމެވެ. 

މިއީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއަކަށް ކަންކަން ދިމާވި ގޮތުގެ ވާހަކައެވެ. އެކުވެރިޔާއަށް ދިމާވިފަދަ ޙާލަތު ހަމަ އަޅުގަނޑަށްވެސް ދިމާވިއެވެ. ތަފާތަކީ އަޅުގަނޑުގެ ފިރިމީހާ ޙަޤީޤަތް ނުބަލައި ކަންކަން އަމިއްލައަށް ނިންމައިލުމުން އޭނާގެ މުޅި ޢުމުރަށް ހިތާމަކުރަންޖެހިފައިވާކަމެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް، ޚާއްޞަކޮށް ފިރިންނަށް ބުނެލަން ބޭނުންވަނީ ދެވަނަ އަނބިމީހާގެ ބަހަށް ކަންކަން ނިންމައި ދޮށީ އަނބިމީހާ ނިކަމެތިކޮށްލުމުގެ ކުރިން ކަންކަން ބަލަންވާވަރަށް ނުބެލިއްޖެނަމަ އެކަމުން ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެއެވެ. އަޅުގަނޑުގެ ފިރިމީހާ ފަދައިން މުޅި ޢުމުރަށްވެސް ހިތާމަކުރަން ޖެހިދާނެއެވެ.

 

- ނައުފާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން