ޢިބްރަތް ޙާޞިލުކުރަންޖެހޭ ފިލާވަޅެއް!: އަނބިމީހާގެ ފުރާނަ ސަލާމަތްކުރެވޭތޯ މަސައްކަތްކުރި ޒުވާނަކަށް ޙަމަލާދީ މަރާލަން މަސައްކަތްކުރެވުނީތީ ހިތާމަކުރަންޖެހުނު ފިރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ޢިބްރަތް ޙާޞިލުކުރަންޖެހޭ ފިލާވަޅެއް!: އަނބިމީހާގެ ފުރާނަ ސަލާމަތްކުރެވޭތޯ މަސައްކަތްކުރި ޒުވާނަކަށް ޙަމަލާދީ މަރާލަން މަސައްކަތްކުރެވުނީތީ ހިތާމަކުރަންޖެހުނު ފިރިއެއްގެ ވާހަކަ-

އެދެމަފިރިން އެކުގައި ޕާކަށް ދިއައީ ގުޅުން ބަދަހިކޮށް ލޯބިން އެކުގައި ވަޤުތުކޮޅެއް ހޭދަކޮށްލުމަށެވެ. ޕާކުގައި އުޅުމުގެ ތެރޭގައި ބަނޑުހައިވުމުން ކާއެއްޗެއް ގަންނަން ފިރިމީހާ ތަންކޮޅެއް ދުރަށް ދިއަ ވަޤުތަކު ގަހަކުން ފެންނަންއިން ކުޑަކުޑަ "މޭވާއެއް" ބިނދެލައިގެން އަނބިމީހާ ކައިލިއެވެ. 

ބަނޑަށް ދިއުމާއިއެކު ހޮޑުލެވެން ފަށައިފިއެވެ. އެތަން ފެނުނު ޒުވާނަކު އައިސް އޭނާއަށް އެހީތެރިވެދޭން މަސައްކަތްކުރިއެވެ. ހޮޑުލަމުން ގޮސް ބިންމައްޗަށް ވެއްޓުނު ވަގުތު ނޭވާލާން އުނދަގޫވާތީ "ފަސްޓްއެއިޑް" އެހީތެރިކަންފޯރުކޮށްދޭން ޒުވާނާ މަސައްކަތްކުރިއެވެ.

އެއިރު އަންހެނަކު ދުރުގައި ހުރެގެން މަންޒަރު ފޮޓޯ ނަގަނީއެވެ. ފިރިމީހާއަށް އައުދެވުމާއިއެކު ކަންތައް ވެގެން އުޅޭގޮތަށް ނުބަލައި އެޒުވާނާގެ ގައިގައި ތަޅައިގަތެވެ. އަނިޔާކުރަން ފެށިއެވެ. ޒުވާނާއަށް އަނގައިން ބުނުމުގެ ފުރުޞަތުވެސް ނުދީ ފިރިމީހާ ބޭނުންވީ ޒުވާނާގެ ދުވަސް ދުއްވައިލުމަށެވެ. 

އަނބިމީހާއަށް ޙަރަކާތްތެރިވެވޭވަރުވީ ފިރިމީހާ ޒުވާނާއަށް އެތައް އަނިޔާތަކެއް ކުރިފަހުންނެވެ. މަޑުމަޑުން ތެދުވެގެން އައިސް ފިރިމީހާގެ ގައިގައި އަތްޖައްސައިގެންހުރެ ބަލިއަޑަކުން ކަންތައްވީގޮތް ކިޔައިދިނުމުން ފިރިމީހާ ވަރަށް ދެރަވިއެވެ. އޭނާއަށް އަނިޔާމިކުރެވުނީ އޭނާގެ ލޯބިވާ އަނބިމީހާގެ ފުރާނަ ސަލާމަތްކޮށްދޭން މަސައްކަތްކުރި ޒުވާނަކަށްކަން އެނގުމުންނެވެ. އަވަސް އަވަހަށް މާފަށް އެދި ސަލާމްކުރިއެވެ. 

ފޮޓޯ ނެގި އަންހެންމީހާ އެއިރު އައިސްހުއްޓެވެ. އޭނާ ބޭނުންވެގެން ހުރީ ފިރިމީހާއަށް ފޮޓޯތައް ދައްކައިގެން ފިތުނަ އުފެދުމަށެވެ. ނަމަވެސް ޙަޤީޤަތް އެނގުމުން ޖެހުނީ ލަދުގަންނާށެވެ. 

މިއީ އަޅުގަނޑު ވީޑިއޯއަކުން ބަލާފައިވާ ވާހަކައެކެވެ. މިވާހަކަކޮޅު ވަރަށް ކުރުކަންވެސް އެނގެއެވެ. ނަމަވެސް ވަރަށް ޢިބްރަތްތެރިއެވެ. ޙަޔާތުގެ ބައިވެރިޔާ ނުވަތަ ލޯބިވެރިޔާ ބޭވަފާތެރިވާތަން ލޮލަށް ފެނިއްޖެނަމަ ރުޅި އައުދެވޭނެއެވެ. އެއީ ނުވެ ނުދާނެ ކަމެކެވެ. ނަމަވެސް ރުޅިއައިސްގެން ނުބައި ބަސްބުނުމާއި އަތް އިސްކުރުމުގެ ކުރިން ޙަޤީޤަތަކީ ކޮބައިކަން ދެނެގަންނަން ބޭނުންނުވާނަމަ މިފަދަ ޙާދިސާތައް ދާނީ ހިނގަމުންނެވެ. 

ވިސްނާލަންވާނެ އެވެ. ކޮންމެ އަންހެނަކީ ބޭވަފާތެރިވާނެ އަންހެނެއް ނޫނެވެ. އަދި ކޮންމެ ފިރިހެނަކީ ރޭޕްކުރާނެ މީހެއްވެސް ނޫނެވެ. ވީމާ ކަމެއް ފެނިއްޖެނަމަ އެކަން ހިނގަން މެދުވެރިވި ސަބަބު އޮޅުންފިލުވާލަން އެބަޖެހެއެވެ. 

މިހައިވަރަށް މިވާހަކަ ދައްކަން މިޖެހުނީ 2 ދަރިންނާއިއެކު ވަރިކޮށްލާފައި އަޅުގަނޑު ގެއިން ނެރެލީ މީހަކު ގެނުވައިގެން ބަދިގޭގައި މަސައްކަތެއް ކުރުވަންހުރެފައި އޭނާއަށް ތަނެއް ދައްކަންވެގެން ސިންކާ ދިމާއިން ތަޅުންގަނޑުގައި އިށީދެއިނދެފައި ތެދުވިތަން ފިރިމީހާއަށް ފެނުނީމައި ނުބައި ޢަމަލެއް ކުރިކަމުގެ އިލްޒާމް އަޅުވާފައެވެ. 

ވަރިކޮށް ގެއިން ފޮނުވައިލީ ހަވީރުއެވެ. އެރޭ 8 ނުޖަހަނީސް ޙަޤީޤަތް އެނގިގެން މާފަށް އެދެން އަތުވެއްޖެއެވެ. އަޅުގަނޑު އޭނާއަށް މާފުކުރީމެވެ. ނަމަވެސް ނިންމީ ދެން އެކުގައި ނުއުޅުމަށެވެ. އެއީ އެވަރުގެ ކުޑަކަމެއްގައި ހަޤީޤަތް ބަލާނުލައި ވަރިކޮށްލި މީހަކު ދެންވެސް އެގޮތަށް ކަންތައް ނުކުރާނެކަމަށް ޤަބޫލުނުކުރެވުނީމައެވެ. 6 އަހަރު އެކުގައި އުޅުނުއިރު ޘާބިތުކޮށް ދައްކައިދިން ވަފާތެރިކަމުގެ އަގުވަޒަން ނުކުރި މީހަކާއިއެކު އިތުރަސް ދިރިއުޅެން ބޭނުން ނުވީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަކޮޅު ފިލާވަޅަކަށްވާނެ ކަމަށް ހީކުރަމެވެ.

 

- މުނީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން