ޙަޤީޤީ ހާދިސާ: ﷲ ގެ އިންތަކުގެ ބޭރުން މަސައްކަތްކުރަންޖެހޭ އެއްވެސް ވަޒީފާއެއް ބޭނުންނުވި އަންހެން ކުއްޖަކަށް ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 29ސ
ޙަޤީޤީ ހާދިސާ: ﷲ ގެ އިންތަކުގެ ބޭރުން މަސައްކަތްކުރަންޖެހޭ އެއްވެސް ވަޒީފާއެއް ބޭނުންނުވި އަންހެން ކުއްޖަކަށް ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ-

"ﷲ ގެ ވާގިފުޅާއިއެކު އަޅުގަނޑު ކިޔަވަން ކުރި ބުރަ މަސައްކަތުން ވަރަށް ރަނގަޅު ނަތީޖާއެއް ހޯދުނެވެ. ނަމަވެސް ވަޒީފާއެއް ލިބުމަށް ވަނީ ހުރަސްތައް ކުރިމަތިވެފައެވެ. އެއް ސަބަބަކީ އަޅުގަނޑުލައިއުޅޭ ހެދުން ގައަށްދޫވުމެވެ. ދެވަނަ ސަބަބަކީ އަޅުގަނޑަކީ ހަމައެކަނި އަޅުގަނޑުކުރާ މަސައްކަތަށް ލިބޭ މުސާރަ ބޭނުންވާ އަނހެނަކަށްވުމެވެ. މިދެންނެވީ ވެރިން ބުނާ އަމިއްލަ ކަންކަން ކޮށްދޭން ދެކޮޅުހަދާ ކަމެވެ. މިހާލަތުގައި އަޅުގަނޑަށް ޢަމަލުކުރަން އޮތީ ކޮންގޮތެއްތޯއެވެ؟" 

ފުރަތަމަވެސް ކިޔުންތެރިޔާގެ ޘާބިތުކަމަށް ސާބަސްދެމެވެ. ތިއަ ޘާބިތުކަމުގައި ކެތްތެރިވެލާށެވެ. ﷲ ގެ ރަޙްމަތް ތިބާއާއި އަރައިހަމަކުރާނެއެވެ. އިން ޝާ ﷲ 

ތިރީގައި އެވަނީ ހަމަ ތިއަފަދަ ޙާލަތެއް ކުރިމަތިވި އުޚުތެއްގެ ކާމީޔާބީގެ ވާހަކައެވެ. ހިތްވަރުލިބިގަންނާށެވެ. 

އަހަރެންވެސް މަތީ ތައުލީމް ޙާޞިލުކޮށް އެމްބީއޭ ޙާޞިލުކުރީ ރާއްޖެއިންނެވެ. ރާއްޖޭގެ މަޝްހޫރު ކޮލެޖަކުންނެވެ. މިއަހަރަކީ ސެޓުފިކެޓް ލިބުނުތާ 3 ވަނަ އަހަރެވެ. މިއަހަރު ފެށުނު އިރުވެސް އަހަރެންނަކަށް އެއްވެސް ކުންފުންޏަކުން ވަޒީފާއެއް ނުލިބެއެވެ. އިންޓަރވިޔުއަށް ގެންދެއެވެ. ސެޓުފިކެޓު ބަލައިގަނެއެވެ. އެންމެ މަތިން ފާސްވެފައިވާތީ މަރުޙަބާވެސް ކިޔައެވެ. ނަމަވެސް ވަޒީފާ ދޭނެ ގޮތެއް ނުވެއެވެ. 

އަހަރެން ކުރިމަތިލާ ހަމައެވަޒީފާއަށް ކުރިމަތިލާ އަހަރެންނާއިއެކު ކޔެވި މާދަށުން ފާސްވި ކުދިންނަށް ވަޒީފާ ލިބުމުން ދެރަވެއެވެ. ނަމަވެސް ހައިރާނެއް ނުވަމެވެ. އަދި މާޔޫސްއެއްވެސް ނުވަމެވެ. އެއީ ސަބަބު ވިސްނޭތީއެވެ. އެންމެ ބޮޑު ސަބަބަކީ ކިތަންމެ މުސާރަ ބޮޑު ވަޒީފާއެއް ލިބުނު ނަމަވެސް ތުންފުއްސެއްގެ ބޭނުން އަހަރެންގެ ކިބައިން ނުހިފޭނެތީއެވެ. ވަޒީފާގައި ކުރަންޖެހޭ މަސައްކަތް ފިޔަވައި އިތުރު މަސައްތަކެއް އަހަރެންލައްވައި ނުކުރުވޭނެތީއެވެ. 

ކުދިންނަށް ފިލާވަޅުތައް ބުނެލައިދީ އެހީތެރިވުމުން ލިބޭ އާމްދަނީންވެސް ފުދެއެވެ. ﷲ އަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކޮށްލައިގެން އުޅެވޭނަމަ އަހަރެންނަށް ބޮޑު އެއްވެސް ކަމެއް ނުވެއެވެ. ރީތި ހެދުމާއި އަގުބޮޑު ސެންޓާއި އެހެންވެސް ތަކެއްޗަކީ އެއްވެސް އިރެއްގައި އަހަރެންނަށް ބޭނުންވާ ތަކެތި ނޫންވީމައެވެ. 

ދެން މިކިޔައިދެނީ އެގޮތުގައި ކެތްތެރިވުމުން ލެއްވެވި ރަޙްމަތުގެ ވާހަކައެވެ. ކޮވިޑް ފެތުރެންފަށައި ވިޔަފާރިތަކަށް ބޮޑެތި ހުރަސްތައް ކުރިމަތިވާންފެށިތަނާ އަހަރެން ކުރިން ވަޒީފާއަށް އެދުނު ބޮޑު، މަޝްހޫރުކުންފުންޏަކުން އަހަރެންގެ އެހީތެރިކަމަށް އެދުނެވެ. އަދި ވަރަށް ކުޑަ އުހޫރައަކަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދިނުމަށް އެދުނެވެ. 

އެކަން އަހަރެން ޤަބޫލުކުރީމެވެ. އެއީ ވިޔަފާރީގައި ކުރިއަށް ދިއުމަކީ އަބަދުވެސް އެންމެ ކުރާހިތްވާ މަސައްކަތްކަމުގައިވާތީއެވެ. ކުންފުނިން ޙަވާލުކުރި 3 ޕްރޮޖެކްޓް މުއްދަތަށް ފުރިހަމަކޮށްދިނީމެވެ. އަދި އިތުރު ޕްރޮޖކްޓްތައްވެސް އައީ ޙަވާލުކުރަމުންނެވެ. 

މިދިއަ ޖުލައި މަހަކީ އަހަރެންގެ ޙަޔާތަށް އެންމެ ބޮޑުކުރިއެރުން ލިބުނު މަހެވެ. އަހަރެން މަސައްކަތްކުރި އެއް ޕަރޮޖެކްޓާއި ގުޅުންހުރި ބޭރުގެ ކުންފުނިން އަހަރެންނަކީ އެކުންފުނި ރާއްޖޭގައި ތަމްސީލުކުރާ އެޖެންޓުގެ ގޮތުގައި ހަމަޖެއްސި މަހެވެ. އަސާސީ މުސާރައަށް ވެސް ރަނގަޅު އަދަދެއް ލިބެއެވެ. އެއިގެ އިތުރުން ލިވިންގ އލަވަންސާއި ޢިނާޔަތްވެސް ދެއެވެ. އަދި ހޯދާ ވިޔަފާރިން ކޮމިޝަނެއްވެސް ދެއެވެ. 

ހަމައެކުންފުނިން މިހާރުވަނީ އަހަރެންނަށް ފުރިހަމައަށް މަސައްކަތްކުރެވޭނެ އޮފީސް ސެޓަޕެއްވެސް ހަދައިދީފައެވެ. ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަހަރެން މަސައްކަތްކުރަނީ މުސްލިމުންގެ ކުންފުންޏަކަށްވާތީއެވެ. އަދި އަހަރެންނަށް މިހުރިހާ ކަމެއް ހަމަޖެހިގެން މިދިއައީ ހަމަ އަހަރެން އެނެމެ ފުރަތަމަވެސް ހުރި ގޮތުގައި ހުއްޓައިކަމަށްވީތީއެވެ. އަހަރެންނަށް އުޅެން ﷲ އެންގެވި ގޮތަށް އުޅެމުންދަނިކޮށް ކަމުގައިވާތީއެވެ. ބައަކު ބުާހާ ކަމެއް ކުރަމުން ވަޒީފާ އަދާނުކޮށް ހުއްޓައިކަމަށްވާތީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިން އެމީހުންނަށް ކުރިމަތިވެފައި ހުންނަ ޢިބްރަތްތެރި ކަންކަމުގެ ވާހަކަތައް ޝާއިޢުކުރަމުން ގެންދާތީ އަހަރެންގެ މިވާހަކަކޮޅުވެސް ހިއްޞާމިކޮށްލީ މިވާހަކަކޮޅުން ބައަކަށް ޢިބްރަތެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. އަހަރެންގެ ނަޞޭޙަތަކީ އެއްވެސް އަންހެން ކުއްޖަކު އެކުއްޖެއްގެ ޝަރަފާއި ކަރާމާތް ގެއްލޭނެ އެއްވެސް ކުރަންޖެހޭ ވަޒީފާއެއް އަދާނުކުރުމެވެ. ﷲ އެންގެވި މިނަށްވުރެ ހާމަކަންބޮޑު ހެދުމެއް ޔުނިފޯމުގެ ގޮތުގައިވެސް ލާންޖެހޭ ވަޒީފާއެއް އަދާނުކުރުމެވެ. އުޅެން ﷲ އަންގަވާފައިވާ މަގުގެ ކުރިއަށް ވަޒީފާގެ ބޭނުމުގައި ނަމަވެސް އެއްވެސް ކަމެއް ނުކުރުމެވެ! 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން