ރާއްޖޭގެ ސަރުކާރަށާއި އަމިއްލަ ވިޔަފާރިތަކަށް ފައިދާކުރާނެ އިތުރުކަންތައްތަކެއް ޗައިނާއިން ކުރިއަށް ގެންދާނެ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ހަރ އެކްސެލެންސީ މިސް ވާންގ ލިޒިން ވިދާޅުވެއްޖެއެވެ.
އެކަމަނާ މިމޭރުމުން ވިދާޅުވީ ޗައިނާ ސަރުކާރުން އޭޑީކޭ ހޮސްޕިޓަލަށް ޕީސީއާރު މެޝިނާއި ޓެސްޓްކިޓްތައް ހަދިޔާކުރުމަށް މިއަދު މެންދުރުފަހު އޭޑީކޭ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ސަފީރު ވިދާޅުވީ 1972 ވަނަ އަހަރު ރާއްޖެއާއި ޗައިނާގެ މެދުގައި ސިޔާސީ ގުޅުން އުފެއްދުނީންސުރެ ޗައިނާއިން އަންނަނީ އެކި ގޮތްގޮތުން އެހީތެރިވެދެމުން ކަމަށެވެ. އެތައް ބައިވަރު ބޮޑެތި މަޝްހޫރުތަކެއް ހިންގިފައިވާއިރު އެންމެ ބޮޑަށް ފާހަގަކޮށްލެވޭ މަޝްރޫޢަކީ ސިނަމާލެ ބްރިޖް ކަމަށެވެ.
ކޮވިޑާއި ގުޅިގެންވެސް ޗައިނާއިން ރާއްޖެއަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދީފައިވާކަމާއި އަދި ކުރިއަށް އޮތްތަނުގައިވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.