މިދިއަ ހުކުރު ދުވަހު ކިޔާފައިވާ ޚުޠުބާގައިވަނީ ވަރަށް މުހިންމު ވާހަކަތަކެކެވެ. ކޮންމެ މުސްލިމަކުވެސް ކަންބޮޑުވާންޖެހޭނެ ކަންތައްތަކެއްގެ ވާހަކައެވެ. އިސްލާމީ ދަރިފަސްކޮޅެއް ބިނާ ކުރުމުގެ އެންމެ މުހިންމު އަސާސްތަކުގެ ވާހަކައެވެ.
ސުވާލަކީ މިވާހަކަތައް އަޑުއިވުމުން ރައްޔިތުންނަށް ކުރެވެން އޮތީ ކޮންކަމެއްތޯއެވެ؟ މިވާހަކަތައް ރައީސުލްޖުމްހޫރިއްޔާ އާއި ތަޢްލީމީ ވަޒީރުގެ ކަންފަތްޕުޅުތަކަށް އަޑު އިއްވައިގެން ނޫނީ މަޤްޞަދު ޙާޞިލުކުރެވެން އެބައޮތްތޯއެވެ؟
ކީރިތި ޤުރްއާނުގެ ޢިލްމާއި އިސްލާމީ ތަޢުލީމާއި ތަރުބިއްޔަތު ނެތިކޮށްލަން ސަރުކާރުން ކުރަމުން ގެންދާ ކަންކަން ކުރަމުން އެގެންދަނީ ފައުޅުކަންބޮޑު ގޮތެއްގައެވެ. ޢަރަބިއްޔާއަށް ޙަމަލާދީ ނެތިކޮށްލަން މަސައްކަތްކުރަމުން އެގެންދަނީ ފައުޅުކަންބޮޑު ގޮތެއްގައެވެ. މިކަންކަން ނުއެނގޭ ހަމައެކަކުވެސް މިޤައުމުގައި ހުންނާނެ ކަމަށް ޤަބޫލެއް ނުކުރެވެއެވެ.
ބައެއް އުސް އަލިތައް:
" ޢިލްމާއި އަޚުލާޤުގެ މަތީގައި ޖީލެއް ބިނާކުރެވޭނީ، ތަޢުލީމާއި ތަރުބިއްޔަތުގައި ޤުރުއާނުގެ މަންހަޖަށް ރުޖޫއަވެގެންނެވެ."
" ޢިލްމާއި އަޚުލާޤުގެ މަތީގައި އާ ޖީލެއް ބިނާކުރަން ބޭނުންނަމަ، އަހަރެމެން ވެސް ކުރަންވީ ކަމަކީ، ކީރިތި ޤުރުއާނުގައި ވާ މަތިވެރި ޢަޤީދާއާއި، އެ ޤުރުއާނުގައި ވާ މަތިވެރި ޢިލްމު، އަހަރެމެންގެ ޅަދަރީންގެ ހިތްތަކުގައި ބިންވަޅު ނަގައިދިނުމެވެ. އެ ކަން ކޮށް ނުދެވިއްޖެ ނަމަ، އެއް ދުވަހުން އަނެއް ދުވަހަށް، ޤައުމު ދާނީ ނިކަމެތިވެ ދަށު ދަރަޖައަށް ވެއްޓެމުންނެވެ."
"ހަމަ ކަށަވަރުން، މި ފޮތުގެ ސަބަބުން، ﷲ ތަޢާލާ، ޤައުމުތަކެއް މަތިވެރި ކުރައްވައެވެ. އަދި އަނެއް ބަޔަކު ނިކަމެތި ކުރައްވައެވެ." މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައިގެ މި ބަސްފުޅުގައި އިޝާރާތް ކުރައްވައިފައި މި ވަނީ، ކީރިތި ޤުރުއާނަށެވެ. ﷲ ތަޢާލާ މަތިވެރިކުރައްވަނީ، ފުރިހަމަ މާނައިގައި އެ ޤުރުއާނަށް ތަބާވާ ޤައުމުތަކެވެ. ނިކަމެތިކުރައްވަނީ، ﷲ ތަޢާލާގެ ފޮތް، ކީރިތި ޤުރުއާން ދުކޮށްލައި، އޭގައިވާ ގޮތަށް އަމަލުނުކުރާ ޤައުމުތަކެވެ. އެ ފޮތަކީ، އިންސާނާގެ ދެ ދުނިޔޭގެ ހަޔާތް ބާއްޖަވެރި ކުރުމަށް މަގުދައްކާ ފުރިހަމަ މަންހަޖެވެ."
" ޢިލްމާއި އަޚުލާޤުގެ މަތީގައި ރަނގަޅު ޖީލެއް ބިނާކުރެވޭނީ، އަހަރެމެންގެ ދަރިންގެ އުނގެނުމާއި ތަރުބިއްޔަތުގައި، ހުރިހާ ދިމާއަކުން ވެސް ޤުރުއާނުގެ މަންހަޖު ހިމަނައިގެންނެވެ. އޭގެ އާޔަތްތަކުގެ މާނަ ބޭރުފުށުން ކިޔަވައިދިނުމުގެ ބަދަލުގައި، އެ އާޔަތްތަކުގައިވާ ޢިލްމީ ހަޤީޤަތްތަކާ ހަމައަށް، ކިޔަވާ ކުދިންގެ ވިސްނުން ވާސިލުކޮށްދެވިގެންނެވެ. އެ ޙަޤީޤަތްތަކުގެ މަތީގައި އީމާންކަމުގެ ބިންގާ ހަރުދަނާ ކޮށްދެވިގެންނެވެ. ޤުރުއާނުގައިވާ ވާހަކަތަކުން ޢިބުރަތް ހާސިލުކޮށްދެވިގެންނެވެ. އޭގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ އާޔަތަތްތަކާއި ނަރަކައިގެ ބިރުވެރިކަމުގެ އާޔަތްތަކުގެ ތެރެއިން، ނަފްސާނީ ދުޅަހެޔޮކަމާއި، ރޫޙާނީ ދުޅަހެޔޮކަމުގެ ތިލަފަތް ހަމަކޮށްދެވިގެންނެވެ. ކީރިތި ޤުރުއާނުގައިވާ އަޅުކަމުގެ ތަރުބިއްޔަތުގެ ތެރެއިން، އެ ކުދިންގެ ނަފުސަށް ހަމަހިމޭންކަން ހޯދައިދެވިގެންނެވެ. އޭގައިވާ ޙަރާމާއި ޙަލާލުގެ މައްޗަށް ދަރިން ހެޔޮގޮތުގައި ހާނުވައި ތަރުބިއްޔަތު ދެވިގެންނެވެ. މި ހުރިހާ ކަމެއްގެ ތެރެއިން، ﷲ ތަޢާލާ މަޢުރިފާކޮށްދެވި، ނުގުޑާ ފަދަ ތައުޙީދުގެ ބިންގަލެއްގެ މަތީގައި ޖީލެއް ތަރުބިއްޔަތު ކުރެވިއްޖެ ނަމަ، އިސްލާމީ އުންމަތް އޭގެ އަސްލު މަޤާމަށް ރުޖޫޢަވަގެން އަންނާނެކަމި ޝައްކެއް ވަސްވާހެއް އޮތް ކަމެއް ނޫނެވެ. އެހެނީ ﷲ ތަޢާލާ ވަނީ އެ ކަމަށް ވަޢުދުވެވޮޑިގެންފައެވެ."
ފުރަތަމަ ޚުޠުބާއިން:
އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެ ކަލާނގެ އުނގަންނަވައިދެއްވިއެވެ." އަދި މުއުމިންނާއި ޢިލްމުވެރިންގެ ދަރަޖަ މަތިވެރި ކުރެއްވިކަން އަންގަވައި، އެ ކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި، ޢިލްމު ލިބިގެންވާ މީހުން ﷲ ދަރަޖަތަކަކަށް އުފުއްލަވާނެތެވެ."
ލޮބުވެތި މުސްލިމް އަޚުންނޭވެ! ޢިލްމާއި އަޚުލާޤުގެ މަތީގައި ޖީލެއް ބިނާކުރެވޭނީ، ތަޢުލީމާއި ތަރުބިއްޔަތުގައި ޤުރުއާނުގެ މަންހަޖަށް ރުޖޫއަވެގެންނެވެ. އެ މަންހަޖަކީ ވިސްނައި ފިކުރު ކުރުމުގެ މަންހަޖެވެ. ކީރިތި ޤުރުއާނަށް ފުންކޮށް ނަޒަރު ހިންގުމުން ދޭހަވަނީ، ﷲ ތަޢާލާ މަޢުރިފާކޮށް ދެނެގަތުމުގައި އޮތް އެންމެ ފުރިހަމަ މަންހަޖަކީ، ވިސްނައި ފިކުރު ކުރުމުގެ މަންހަޖު ކަމެވެ. މި ކަމަށް އިޝާރާތް ކުރައްވައި، ﷲ ތަޢާލާ އެ ކަލާނގެ ފޮތުގައި ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި، ރޭދުވާ ތަފާތު ވުމުގައި، ބުއްދީގެ އަހުލުވެރިންނަށް ކަށަވަރުވެގެން ހުރި ހެކިތަކެއް ވެއެވެ. އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެ ތިބެގެންނާއި، އޮށޯވެ ތިބެގެން، ﷲ ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާ މެދު، ފިކުރުކޮށް އުޅޭ މީހުންނެވެ. (އެއުރެން ދަންނަވާނެތެވެ.) އަޅަމެންގެ ވެރި ރަސްކަލާކޮ! އިބަ ރަސްކަލާނގެ މި ތަކެތި ހައްދަވައިފައި ވަނީ، ބާޠިލު ގޮތެއްގައެއް ނޫނެވެ. އިބަ ރަސްކަލާނގެ ހުސްޠާހިރުވަންތަ ކަމާއެވެ! ފަހެ، ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ!"
ލޮބުވެތި މުސްލިމު އަޚުންނޭވެ! މި ދެ އާޔަތުގައި މި ވަނީ، ހިތްތައް ބިރުން ތެޅިގަންނަ ފަދަ ވަރުގަދަ ބަސްފުޅުތަކެކެވެ. ލޯތަކުން ކަރުނަ އޮހިރޭ ފަދަ އަސަރުގަދަ ބަސްފުޅުތަކެކެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ އެ ބަސްފުޅުތަކަކީ، ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ، ގަދަ ކީރިތި ވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން އައިސްފައިވާ ބަސްފުޅުތަކެކެވެ. އިންސާނާއަށް ދެއްވައިފައިވާ އެންމެ މަތިވެރި ޖައުހަރު ކަމުގައިވާ، ސިކުނޑީގެ ބޭނުން ހިފައި، ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާ މެދު ވިސްނައި، ﷲ ގެ ދަރުބާރުގައި ހުއްޓި، ތިމާގެ ނިކަމެތިކަމާއި، ތިމާއަށް ލިބިފައިވާ ޢިލްމުގެ މަދުކަމާއި، ތިމާއަށް ކުރެވިފައިވާ ކުށްތަކަށް އިއުތިރާފުވުމަށް މަގުދައްކަވައިފައިވާ ބަސްފުޅުތަކެކެވެ. ވިސްނައި ފިކުރުކުރާ ބަޔަކަށް، ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ބޮޑުކަން އަންގައިދޭ، މިފަދަ ކިތަންމެ އާޔަތްތަކެއް ކީރިތި ޤުރުއާނުގައި ވެއެވެ.
ލޮބުވެތި މުސްލިމު އަޚުންނޭވެ! އިންސާނާއަށް ﷲ ތަޢާލާ ދެއްވި ޢިލްމުގެ ކުޑަކުޑަ މިންވަރުގެ ބޭނުން ހިފައިގެން، ލިބުނު ކުރިއެރުމާއި ތަރައްޤީގެ ސަބަބުން އޭނާ ވަނީ އޭނާގެ އަމިއްލަ ނަފުސު ހަނދާން ނައްތައިލައިފައެވެ. އަދި އޭނާ ހެއްދެވި ފަރާތް ވެސް ހަނދާން ނައްތައިލައިފައެވެ. މި ހޯދުނު ކުރިއެރުމުގެ ސަބަބުން އޭނާއަށް ހީވެފައިވަނީ މުޅި ކާއިނާތު އޭނާގެ މުށުތެރެއަށް ލެވިއްޖެ ހެންނެވެ. އެހެނެއް ކަމަކު އަރަހުށި ހުސްޠާހިރުވަންތަ ﷲ ތަޢާލާގެ ބަސްފުޅަށް އެ އިންސާނާ ކަނުލައި އަޑުއެހި ނަމަ، އޭނާގެ ނިކަމެތިކަން، އޭނާއަށް ވިސްނުނީހެވެ. ﷲ ތަޢާލާގެ ޢިލްމުފުޅުގެ މަތިވެރިކަމާއި އެ ކަލާނގެ ކުޅަދުންވައްތަ ކަމުގައި ނިޔާހަތެއް ނެތްކަން އަންގަވައި އެ ކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "އަދި ހަމަކަށަވަރުން، ބިމުގައި ވާހައި ގަސްގަހާގެއްސަކީ، ގަލަންތަކެއް ކަމުގައި ވެފައި، އަދި ކަނޑު (ދެލި ކަމުގައި ވެފައި) އޭގެ ފަހަށް ހަތް ކަނޑު އެއާއެކު ވިޔަސް، ﷲ ގެ ކަލިމަފުޅުތައް (އެއިން ލިޔެ) ހުހެއް ނުވާނެތެވެ. ހަމަކަށަވަރުން، ﷲ އީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ."
ލޮބުވެތި މުސްލިމް އަޚުންނޭވެ! ޢިލްމާއި އަޚުލާޤުގެ މަތީގައި އާ ޖީލެއް ބިނާކުރަން ބޭނުންނަމަ، އަހަރެމެން ވެސް ކުރަންވީ ކަމަކީ، ކީރިތި ޤުރުއާނުގައި ވާ މަތިވެރި ޢަޤީދާއާއި، އެ ޤުރުއާނުގައި ވާ މަތިވެރި ޢިލްމު، އަހަރެމެންގެ ޅަދަރީންގެ ހިތްތަކުގައި ބިންވަޅު ނަގައިދިނުމެވެ. އެ ކަން ކޮށް ނުދެވިއްޖެ ނަމަ، އެއް ދުވަހުން އަނެއް ދުވަހަށް، ޤައުމު ދާނީ ނިކަމެތިވެ ދަށު ދަރަޖައަށް ވެއްޓެމުންނެވެ. ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވައިފައި ވެއެވެ. މާނައީ: "ހަމަ ކަށަވަރުން، މި ފޮތުގެ ސަބަބުން، ﷲ ތަޢާލާ، ޤައުމުތަކެއް މަތިވެރި ކުރައްވައެވެ. އަދި އަނެއް ބަޔަކު ނިކަމެތި ކުރައްވައެވެ." މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައިގެ މި ބަސްފުޅުގައި އިޝާރާތް ކުރައްވައިފައި މި ވަނީ، ކީރިތި ޤުރުއާނަށެވެ. ﷲ ތަޢާލާ މަތިވެރިކުރައްވަނީ، ފުރިހަމަ މާނައިގައި އެ ޤުރުއާނަށް ތަބާވާ ޤައުމުތަކެވެ. ނިކަމެތިކުރައްވަނީ، ﷲ ތަޢާލާގެ ފޮތް، ކީރިތި ޤުރުއާން ދުކޮށްލައި، އޭގައިވާ ގޮތަށް އަމަލުނުކުރާ ޤައުމުތަކެވެ. އެ ފޮތަކީ، އިންސާނާގެ ދެ ދުނިޔޭގެ ހަޔާތް ބާއްޖަވެރި ކުރުމަށް މަގުދައްކާ ފުރިހަމަ މަންހަޖެވެ. ވީމާ، މިފަދަ ބަސްފުޅުތަކުން އިބުރަތް ހާސިލުކޮށް ޢިލްމާއި އަޚުލާޤުގެ ފުރިހަމަ ޖީލެއް ބިނާކުރުމަށް ޓަކައި، ގަދައަޅައި މަސައްކަތް ކުރުމަށް، ތިޔަބައިމީހުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތް ކުރުމަށެވެ.
ފަހު ޚުޠުބާއިން:
އެއަށްފަހު ދަންނާށެވެ! މާތްﷲ ގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ބިރުވެތިވާށެވެ! އެހެނީ، ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގެ މާނައިގައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲ އަށް ތަޤުވާވެރިވާ ނަމަ، ތިޔަބައިމީހުންނަށް ޙައްޤާއި، ބާޠިލު ވަކިކުރާނެ މަގު، އެ ކަލާނގެ ދައްކަވާނެތެވެ. އަދި ތިޔަބައިމީހުންގެ ކިބައިން ކުށް ފާފަތައް ފިއްލަވާނެތެވެ. އަދި ތިޔަބައިމީހުންނަށް ފާފަ ފުއްސަވާނެތެވެ. ﷲ އީ، ބޮޑުވެގެންވާ ފަޟްލުވަންތަކަމުގެ ވެރި ރަސްކަލާނގެއެވެ."
ލޮބުވެތި މުސްލިމް އަޚުންނޭވެ! ޢިލްމާއި އަޚުލާޤުގެ މަތީގައި ރަނގަޅު ޖީލެއް ބިނާކުރެވޭނީ، އަހަރެމެންގެ ދަރިންގެ އުނގެނުމާއި ތަރުބިއްޔަތުގައި، ހުރިހާ ދިމާއަކުން ވެސް ޤުރުއާނުގެ މަންހަޖު ހިމަނައިގެންނެވެ. އޭގެ އާޔަތްތަކުގެ މާނަ ބޭރުފުށުން ކިޔަވައިދިނުމުގެ ބަދަލުގައި، އެ އާޔަތްތަކުގައިވާ ޢިލްމީ ހަޤީޤަތްތަކާ ހަމައަށް، ކިޔަވާ ކުދިންގެ ވިސްނުން ވާސިލުކޮށްދެވިގެންނެވެ. އެ ޙަޤީޤަތްތަކުގެ މަތީގައި އީމާންކަމުގެ ބިންގާ ހަރުދަނާ ކޮށްދެވިގެންނެވެ. ޤުރުއާނުގައިވާ ވާހަކަތަކުން ޢިބުރަތް ހާސިލުކޮށްދެވިގެންނެވެ. އޭގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ އާޔަތަތްތަކާއި ނަރަކައިގެ ބިރުވެރިކަމުގެ އާޔަތްތަކުގެ ތެރެއިން، ނަފްސާނީ ދުޅަހެޔޮކަމާއި، ރޫޙާނީ ދުޅަހެޔޮކަމުގެ ތިލަފަތް ހަމަކޮށްދެވިގެންނެވެ. ކީރިތި ޤުރުއާނުގައިވާ އަޅުކަމުގެ ތަރުބިއްޔަތުގެ ތެރެއިން، އެ ކުދިންގެ ނަފުސަށް ހަމަހިމޭންކަން ހޯދައިދެވިގެންނެވެ. އޭގައިވާ ޙަރާމާއި ޙަލާލުގެ މައްޗަށް ދަރިން ހެޔޮގޮތުގައި ހާނުވައި ތަރުބިއްޔަތު ދެވިގެންނެވެ. މި ހުރިހާ ކަމެއްގެ ތެރެއިން، ﷲ ތަޢާލާ މަޢުރިފާކޮށްދެވި، ނުގުޑާ ފަދަ ތައުޙީދުގެ ބިންގަލެއްގެ މަތީގައި ޖީލެއް ތަރުބިއްޔަތު ކުރެވިއްޖެ ނަމަ، އިސްލާމީ އުންމަތް އޭގެ އަސްލު މަޤާމަށް ރުޖޫޢަވަގެން އަންނާނެކަމި ޝައްކެއް ވަސްވާހެއް އޮތް ކަމެއް ނޫނެވެ. އެހެނީ ﷲ ތަޢާލާ ވަނީ އެ ކަމަށް ވަޢުދުވެވޮޑިގެންފައެވެ.