މިރޭގެ ދަރުސް ފެށުމުގެ ގޮތުން މިކިޔައިދެނީ ވަރަށް މުހިންމު ވާހަކައެކެވެ. ގިނަ ކައިވެނިތަކެއް ރޫޅެން މެދުވެރިވާ އެންމެ ބޮޑު ސަބަބަށް އަމިއްލައަށް ޙައްލުހޯދައިގެން އުޅޭ މީހެއްގެ ވާހަކައިންނެވެ.
ރޭގަނޑާއި ދުވަސް ތަފާތުވެގެންވަނީ ވަރަށް މުހިންމު ސަބަބެއް އޮވެގެންނެވެ. އެހަނަސް އެކަމަށް ވިސްނަނީ ވަރަށް މަދު ބައެކެވެ. ގިނަ ބައަކު މިވަނީ ރޭގަނޑަކީވެސް ދުވާލުކަމަށް ހަދައިފައެވެ. އެހިސާބުން ދިރިއުޅުމުގެ ހުރިހާ ކަންކަން ދެނީ ނުއަތަށް އެނބުރިގެންނެވެ.
އޭނާގެ ވާހަކަ މިކިޔައިދެނީ އަހުރެންނަށް އޭނާ ކިޔައިދިންން ގޮތަށް އަކުރުން އަކުރަށެވެ.
ދުވާލުގެ ވަޤުތުތައް ހޭދަކުރަނީ ނަމާދުގެ ވަޤުތުތަކުގައި ނަމާދުކުރުމަށާއި ދިރިއުޅެން މަސައްކަތްކުރާށެވެ. (އެއިގެ ތެރޭގައި ދަރިން ސްކޫލަށް ގެންގޮސް ގެނައުން ހިމަނަމެވެ.) ބައްދަލުކުރަންޖެހޭ މީހުންނާއި ބައްދަލުކޮށް ވާހަކަދެއްކުމަށެވެ. މަޣްރިބް ނަމާދު ވަޤުތު ޖެހެންވާއިރަށް އެކަންކަން ނިންމައިލަމެވެ.
ދެމަފިރިން އެކުގައި ނުކުމެ ކުރަންޖެހޭ ބާޒާރު ނޫން އެހެން ހުރިހާ ބާޒާރެއް ދުވާލުކުރަމެވެ. ގެއަށްދަނީ އަތުގައި ފައިސާހުރިވަރަކުން އެރެއަށާއި އަނެއް ދުވަހަށް ބޭނުންވާނެ ތަކެތި ހިފައިގެންނެވެ. އެހެންވެ ގެއަށް ދިއުމަށްފަހު އަނބިމީހާ ނުލައި އެކަނި ބޭރަށް ނުކުމެ ކުރާނެ އެއްވެސް ކަމެއް ނުއޮވެއެވެ.
މަޣްރިބް ނަމާދުކުރުމަށްފަހު އަހުރެންގެ ވަޤުތުތައް ޚާއްޞަކުރަނީ އަނބިދަރިންނަށާއި ރޭއަޅުކަމަށެވެ. ރޭގަނޑުގެ އެންމެ ފުރަތަމަ ބައި އަހުރެން ޚާއްޞަކުރަނީ ދަރިންނަށެވެ. އެގޮތުން މަޣްރިބް ނަމާދުން ޢިޝާނަމާދާއި ދެމެދު ޚާއްޞަކުރަނީ އެންމެ ކުޑަކުދިންނަށެވެ. ޢިޝާނަމާދުން ފައިބައިގެން ވަޤުތު ޚާއްޞަ ކުރަނީ ދެންތިބި ކުދިންނަށެވެ.
9،10 ޖެހުމުން ވަޤުތު ޚާއްޞަކުރަނީ އަނބިމީހާއަށެވެ. އެހެންގޮތަކަށް ބުނާނަމަ ދެމަފިރިންނަށެވެ. އެއަށްފަހު ނިދަމެވެ. 3 ޖެހުމުން ހޭލައި ވަޤުތު ޚާއްޞަކުރަނީ ﷲ ތަޢާލާއަށް ކުއްތަންވާން މަސައްކަތްކުރުމަށެވެ. އެކަން އަހުރެންކުރަނީ ރޭއަޅުކަމުންނެވެ. ދަމުނަމާދުކުރުމުންނެވެ. ދުޢާކުރުމާއި ޛިކުރުކޮށް ޤުރްއާން ކިޔެވުމުންނެވެ. އެކަންކަމަށް ކުރާ މަސައްކަތް ނިންމާލަނީ ފަތިސްނަމާދުކޮށް ޛިކުރުތައް ކިޔައި އަދި ކޮންމެވެސް މިންވަރަކަށް ޤުރްއާން ކިޔެވުމަށްފަހުގައެވެ.
ދެން އަހުރެން ބުނެލަން ބޭނުންވަނީ އަހުރެންނަކީ ތަނަވަސް މީހެއް ނޫނެވެ. އެންމެ އާދައިގެ ފެންވަރުގައި ކިރިޔާ ދިރިއުލެވޭވަރުގެ މީހެކެވެ. ކިތަންމެ ދަތިޙާލުގައި އުޅެންޖެހުނަސް ދަރަނިވެރިއެއް ނުވަމެވެ. އެފަދަ ގޮތަކަށް ދިރިއުޅެ ކައިވެންޏަށް 20 އަހަރުވެއްޖެއެވެ. 7 ދަރިން ވަނީ ލިބިފައެވެ.
ދެމަފިރިންގެ ދެމެދަށް ވަދެގަންނާކަށް، ފިތުނަ އުފައްދާކަށް ޝައިޠޯނާއަކަށް އަދި މިހައިތަނަށް އެއްވެސް ފުރުޞަތެއް ނުލިބެއެވެ. ދެމަފިރިންގެ މެދުގައި އެންމެ ފުރިހަމަ ގޮތުގައި ލޯތްބާއި ކުލުނު އެބައޮތެވެ. ދަރިން ތަރުބިއްޔަތުވަމުން އަންނަނީ އެންމެ ރަނގަޅު ގޮތުގައެވެ.
މިއީ އޭނާގެ ޙަޔާތުގެ ވާހަކަ އަހުރެންނަށް ކިޔައިދިން ގޮތެވެ. މިވާހަކަ އޭނާ ކިޔައިދިނީ އަހުރެން އޭނާއާއި ބައްދަލުކުރަން އެގެއަށް ދިއަ ދުވަހަކުއެވެ. އޭނާ ދެއްކިވާހަކައިގެ ތެދުކަން ޤަބޫލުކުރެވޭނެ ހެކިތައް އެވަޤުތުކޮޅުގެތެރޭގައިވެސް ވަނީ ފެނިފައެވެ.
އަހުރެން ބުނަލަން ބޭނުންވަނީ ތަޤްވާވެރިކަމާއިއެކު އުފާވެރި ޒަވާޖީ ޙަޔާތެއް ހޭދަކުރަން ބޭނުންވާނަމަ އޭނާގެ ޙަޔާތުން ޢިބްރަތް ޙާޞިލުކުރާށެވެ! އެމީހަކަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން