ޢިބްރަތްތެރި ވާހަކަ: ފަޤީރުވީމަ ރަންކަނޑަން ޖެއްސުވުމުން ކުރަންޖެހުނު ހިތާމައަށް ކެތެރިވެ ސާބިތުވެލުމުން ތަނަވަސްކަމާ ރަނގަޅު ފިރިއަކު ލިބުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 26ސ
ޢިބްރަތްތެރި ވާހަކަ: ފަޤީރުވީމަ ރަންކަނޑަން ޖެއްސުވުމުން ކުރަންޖެހުނު ހިތާމައަށް ކެތެރިވެ ސާބިތުވެލުމުން ތަނަވަސްކަމާ ރަނގަޅު ފިރިއަކު ލިބުނު އަންހެނެއްގެ ވާހަކަ-

އަޅުގަނޑުގެ މައިންބަފައިންނަކީ ވަރަށް ފަޤީރު ބައެކެވެ. ފަޤީރު ޙާލުގައިވެސް އަޅުގަނޑަށް ކިޔަވައިދިނެވެ. ކިޔަވައި ނިމުނުތަނާހެން ރަނގަޅު ވަޒީފާއެއްވެސް ލިބުނެވެ. އެކަމަކުވެސް މަންމަމެން ބަލަހައްޓަންޖެހޭތީ ފައިސާ އިތުރުކުރެވޭނެ ގޮތެއް ނުވެއެވެ. ކޮންމެމަހަކުވެސް ދެކޮޅު ޖެއްސެނީ ވަރަށް ބަލައިގެން އުޅޭތީއެވެ. 

އެއީ އަޅުގަނޑު ކަންބޮޑުވާ ކަމެއް ނޫނެވެ. އަޅުގަނޑު ވިސްނި ގޮތުގައި މަންމަމެން އަޅުގަނޑަށް ކިޔަވައިދިނީ އެމީހުން ވަރަށް ދަތިޙާލުގައި އުޅެމުންނެވެ. އެމީހުންގެ އުފާތަކަށް ކުރަން ޖެހޭ ކަންކަން ނުކޮށް ތިބެގެންނެވެ. އެހެންވީމާ އެމީހުން މުސްކުޅިވި ދުވަހު އެމީހުންނަށްޓަކައި ޚަރަދުކުރަން އަޅުގަނޑު ފަސްޖެހުންވާނީ ވަރަށް ނުބައި ގޮތެއްކަމަށް ޤަބޫލުކުރީމެވެ. 

ޙާލަތު އެގޮތަށް ހުރުމުން ކައިވެންޏެއް ކުރާކަށްވެސް ނުވިސްނަމެވެ. ލޯބިވެރިއަކުވެސް ނުހޯދަމެވެ. އެހެން ހުއްޓައި ފިރިހެނަކު އަޅުގަނޑުދެކެ ލޯބިވާކަމަށްބުނެ ފަހަތުގައި ވިއްދައިގެން އުޅެން ފެށުމުން އެއީ ތެދެއްކަމަށް ހީކުރެވި އޭނާގެ ވާހަކަ ޤަބޫލުކުރެވުނެވެ. ލޯބިވާނަމަ ކައިވެނިކުރަން ބުނުމުން ކައިވެނިކުރަން ތައްޔާރުވެ ރަންވެސް ކިޔުއްވިއެވެ.

އެހިސާބަށް ކަންކަން ގެންގޮސްފައި އޭނާ އަޅުގަނޑު ލައްވައި ރަންކަނޑުވައި ކައިވެނިކުރީ ތަނަވަސްކަން ހުރި އަންހެނަކާއެވެ. އެއަންހެންކުއްޖާއަކީ ކުޑައިރު އަޅުގަނޑުގެ ގާތް އެކުވެރިއެއްވެސްމެއެވެ. 

ކުޑަކޮށް ދެރަވިއެވެ. އެއީ އޭނާ އަޅުގަނޑާއި ވަކިވީތީއެއް ނޫނެވެ. މީހަކާ އިންނަން ފުރަތަމަ ކީ ރަން ކަނޑަންޖެހުނީތީއެވެ. ނަމަވެސް އެއީވެސް ދުނިޔޭގައި ހިނގާނެ ކަންކަން ކަމަށް ވިސްނައި އެހައި ބޮޑަކަށް ދެރައެއް ނުވަމެވެ. 

އެދުވަސްވަރު ކުރާނެ އިތުރު މަސައްކަތެއްވެސް ލިބުނެވެ. އެއީ އެހެން ކުންފުނަޏަކަށް ބިޒްނަސް ޕްރަޕޯސަލެއް ތައްޔާރުކޮށްދިނުމެވެ. ހުސްވަޤުތުގައި އެމަސައްކަތްކުރުމުން ރަނގަޅު އާމްދަނީއެއް ލިބުނެވެ. އެކަމާއި ވަރަށް އުފަލުން ހުއްޓައި ދެވަނަ މަސައްކަތް ލިބި، 3 ވަނަ މަސައްކަތްވެސް ލިބުނެވެ.

އެހިސާބުން ރިސްކް ނަގައި ވަޒީފާއިން ވަކިވީމެވެ. އެގޮތަށް ލިބޭ މަސައްކަތްތައް ކުރުމަކީ ރަސްމީ މަސައްކަތް ކަމުގައި ބަލައިގެން މަސައްކަތްކުރަން ފެށީމެވެ. މަޑުމަޑުން ކުރިއަރަމުން އައިސް އަހަރެއްހައި ދުވަހުގެ ތެރޭގައި ގޭގައި ކުޑަކުޑަ އޮފީހެއްވެސް ހުޅުވީމެވެ. 

އެދުވަސްވަރު އަޅުގަނޑު ލޯ ކިޔަވައި ޤާނޫނީ ވަކީލުކަމުގެ ސެޓުފިކެޓްވެސް ހޯދީމެވެ. ހުއްދަ ލިބުނުތަނާހެން ކޭސްތައް ލިބެން ފަށައިފިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުވައްޒިފުން ލައިގެން މަސައްކަތްކުރާވަރަށް މަސައްކަތް ލިބެން ފަށައިފިއެވެ. 

ވަކީލްކަން ކުރަން ފެށިދުވަސްވަރު އަޅުގަނޑަށް އެހީތެރިވި ޒުވާނަކާއި ލޯބީގެ ގޮތުން ގުޅުނީމެވެ. ދެމީހުން ކައިވެނިވެސް ކުރީމެވެ. ކައިވެނިކޮށްގެން އެކުގައި މަސައްކަތްކުރަން ފެށީއެވެ. ކައިވެނީގެ 2 ވަނަ އަހަރު ދަރިއަކުވެސް ލިބުނެވެ. 

އުފާވެރި ދިރިއުޅުމެއް އުޅެމުން ދަނިކޮށް އެއްދުވަހަކު އަޅުގަނޑާއި ބައްދަލުކުރީ ރަން ކެނޑުވި މީހާއެވެ. އޭނާއެއިރު ހުރީ ތަނަވަސް އަންހެނަކާއި ކައިވެނިކޮށްގެން ފެށި ޒަވާޖީ ޙަޔާތް ފޭލްވެ ދަރަނިވެރިވެސް ވެފައެވެ. އޭނާ އައީ އޭނާގެ ކޭސްތަކެއް ހިފައިގެން އަޅުގަނޑާއި ޙަވާލުކުރާށެވެ. ބުނީ ކޭސްތައް ކާމިޔާބުވުމުން އަގުދޭނެ ކަމަށެވެ. 

ކޭސްތައް ބަލާފައި ބުނީމެވެ. "މިހުރިހާ ކޭސްތައް ކާމިޔާބުވިޔަސް ކަލެއަށް ލިބޭނެ ފައިސާއެއް ނެތެވެ. ހަމައެކަނި ކަލެއަށް ދަރަނިން ސަލާމަތްވެވޭނީއެވެ. އެހެންވީމާ އަގުނުދެވޭނެ ނޫން ހެއްޔެވެ؟ އަނެއްކާ މީހަކަށް ދޭން ޖެހޭ އެއްޗެއް ނުދިނުމަކީ ފާފައެކެވެ. ފާފައަކަށްވާނެ މައްސަލަތައް އަހަރެމެން ބަލައެއް ނުގަންނަމެވެ. އެކަމުން ލިބޭ ފައިސާ ޙަލާލް ނުވާނެތީއެވެ." 

ވަރަށް ދެރަވެފައި ހުރެ ނުކުމެގެން ދިއުމުން ހިތަށް އެރިއެވެ. ކޮންމެ ކަމެއްވެސް މެދުވެރިވާނީ ރަނގަޅަކަށް ކަމަށް އެބުނާ ބަހުގައި ވަރަށް ބޮޑު ޙަޤީޤަތެއް އެބައޮތްތާއެވެ. ރަން ކަނޑަން ޖެހުމުން އެދުވަހު ގަތް ލަދަށްވުރެ މީނާ އާއި ކައިވެނިކުރެވުނު ނަމަ ޖެހޭނެ މުޞީބާތްތައް މާބޮޑުވީހެވެ. އެކައިވެނި ނުކުރެވުނުކަން މިވީ ބޮޑު ނަޞީބަކަށެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ ޙިއްޞާ މިކުރީ ކުރަން ބޭނުންވާ ކައިވެނި ނުކުރެވުމުން ހިތުގައި ޖެހި މާޔޫސްވެގެން އުޅޭ އަންހެނުންނަށް ހިތްވަރުދިނުމަށެވެ. ބުނެލަން ބޭނުންވަނީ އެފަދަ ކަމެއް ކުރިމަތިވިޔަސް ކަރުއެލުވައިނުލާށެވެ. ޙައްޤު ގޮތުގައި ކުރިއަށްދާން މަސައްކަތްކުރުމުން ލައްވަވާ ރަޙްމަތް މާބޮޑުވާނެއެވެ. 

ހަމައެކަނި ކުރަން އޮތް ކަމަކީ ހަރުދަނާ އަންހެނަކަށްވާން މަސައްކަތްކުރުމެވެ. ފިރިހެނުންނަށް އާދޭސްނުކޮށް އަމިއްލަ މަސައްކަތުން ދިރިއުޅެވޭނެ މަގެއް ހޯދަން ވިސްނުމެވެ. ދިރިއުޅުން ކާމިޔާބުކުރެވެން އޮތީ އެއިރުންނެވެ.

 

- ޒުލްފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން