ޢިބްރަތްތެރި ވާހަކަ: މިވާހަކަ ކިޔާފައި "އަހަރެންވެސް މިއީ ހަމަ ތިއަ ފަދަ" ނޫނީ "އޭނާއަށްވުރެ ރަނގަޅު ފިރިއެއް" ކަމަށް ބުނެލަން ހާހަކުން ފިރިހެނަކަށްވެސް ކެރޭނެބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ޢިބްރަތްތެރި ވާހަކަ: މިވާހަކަ ކިޔާފައި "އަހަރެންވެސް މިއީ ހަމަ ތިއަ ފަދަ" ނޫނީ "އޭނާއަށްވުރެ ރަނގަޅު ފިރިއެއް" ކަމަށް ބުނެލަން ހާހަކުން ފިރިހެނަކަށްވެސް ކެރޭނެބާ؟

އަބަދުހެން އަޑުއަހަންޖެހެނީ ބައްޕައިންގެ ނުބައިކަމުގެ ވާހަކަތަކެވެ. އެކަން އެހެން އެވަނީ ގިނަ ބައްޕައިންގެ ޢަމަލުތައް ހުންނަ ގޮތުން ކަމަށްވެދާނެއެވެ. އަޅުގަނޑު މިކިޔައިދެނީ ވަރަށް ތަފާތު ބައްޕައެއްގެ ވާހަކައެކެވެ. 

އެދެމަފިރިން އަލަތު ކައިވެނީގައި އެކުގައި 23 އަހަރު ހޭދަކުރިއެވެ. ފިރިމީހާ ވަޒީފާ އަދާކުރަމުން އައީ މާލެއިން ބޭރުގައެވެ. މާލޭގައި ހުރެ ލިބުނު 4 ދަރިން ބަލަހައްޓައި ސްކޫލަށް ގެންގޮސް ގެނެސް ހެދީ އަނބިމީހާއެވެ. ކައިވެންޏަށް 18 ވަނަ އަހަރު އަނބިމީހާ ބަލިވެ އުޅެން ފެށިއެވެ. ކަންކަން މަޑުމަޑުމަޑުން ދަށަށްދަމުންގޮސް 23 ވަނަ އަހަރު ނިޔާވީއެވެ. 

މިހާރު އެއިގެ ފަހުން 6 އަހަރުވެއްޖެއެވެ. 4 ދަރިން ބޮޑެތިވެ ވަޒީފާއަދާކުރަން ފަށައިފިއެވެ. 2 ދަރިންގެ ފަރާތުން ކާފަވެސް ކިޔައިފިއެވެ. 4 ދަރިންވެސް ބައްޕަގެ ކިބައިން އެންމެ ބޮޑަށް އެދޭކަމަކީ ބައްޕަ ދެވަނަ ކައިވެންޏެއްކޮށް އުފަލުގައި ދިރިއުޅުމެވެ. 4 ކުދިންގެ ފަރާތުން ބައްޕައާއި ވާހަކަ ދެއްކީމެވެ. ދިން ޖަވާބަކީ: 

"އަންތބަކަށް ބޭނުމެވެ. ނަމަވެސް ކައިވެނިކުރެވޭކަށް ނެތެވެ. ފުރަތަމަ ސަބަބަކީ ކައިވެނިކޮށްގެން ދުވަސްކޮޅެއްވާއިރަށް ދަރިންނަށް އެއްޗެއް ދޭކަށް ބޭނުމެއް ނުވާނެއެވެ. އެކަން ހުއްޓުވަން މަސައްކަތް ފަށާނެއެވެ. އެއީ އަހަރެންނަށް ހުއްޓައިލެވޭނެ ކަމެއް ނޫނެވެ. އަހަރެންގެ ހޮބީއަކީވެސް ދަރިންނަށް ޚަރަދުކުރުންކަން ޢާއިލާގެ އެންމެންނަށް އެނގޭނެއެވެ. 

ދެން އޮތީ އެންމެ މުހިންމު ސަބަބެވެ. 23 އަހަރު އެކުގައި ހޭދަކުރީ ހާދަ ލޯބިންނެވެ. އެއީ ހާދަ ކިޔަމަންތެރި އަޚްލާޤް ރަނގަޅު އަންތބެކެވެ. ލިބޭ މިންވަރަކުން ފުއްދައިގެން އެއްވެސް ޝަކުވާއެއް ނުކޮށް އުޅުނު އަންހެނެކެވެ. ދެމީހުންގެ ދިރިއުޅުން ކުރިއަރުވަން އޭނާ ނުކުރާ ކަމެއް ނެތެވެ. 4 ކުދިން ބަލަމުން މަސައްކަތު އަނހެނެއްގެ ވަޒީފާވެސް އަދާކުރިއެވެ.

ދެން ކައިވެނި ކުރިނަމަވެސް އެކަންކަމަށް، އެ ރީތި ދިރިއުޅުމަށް، އެދިން ލޯތްބަށް އުންމީދުކުރެވޭނެއެވެ. އެލޯބި މިއަދު ދޭނީ ކާކުހެއްޔެވެ؟ އެހައި ކިޔަމަންތެރިވާނީ ކާކުހެއްޔެވެ؟ ވީމާ އެކަންކަން ނުލިބިގެން އަބަދު ޝަކުވާ ކުރަންޖެހުމަށްވުރެ އެކަނިހުރުން މާރަނގަލު ނޫންހެއްޔެވެ؟ އެއިރުން އެއްވެސް މީހެއްގެ އެއްވެސް ޝަކުވާއެއް އަޑުއަހާކަށް، ބޯގާނާކަށް ނުޖެހޭނެއެވެ." 

މިއަޑުތައް އަހައި ނިމުނުއިރު ހަމަ ހަޤީޤަތުގައިވެސް އަޅުގަނޑުގެ ގައިން ވަނީ އޮއްދައު ހިއްލައިފައެވެ. ހިތަށް އެރިއެވެ. "އަޅެ އޭނާގެ އަނބިމީހާއަށް ދުނިޔޭގައި އިނދެވުނު ނަމައެވެ. ދެމަފިރިން މިއަދު ދިރިއުޅޭނީ ހާދައުފަލުގައެވެ." 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ މައިން އެކަނިވެރިކޮށްފައި ދަރިންބޮލަށްޖަހާފައި އަތުން އެންމެ ލާރިއެއް ޚަރަދުނުކުރާތީ އެތައް ހާސް އެތިބެނީ ކޯޓުދޮށުގައި ކިޔޫހަދައިގެންނެވެ. ލަދުން ކޯޓަށް ނުގޮސް އެކަމަކު ވަރަށް ދަތިޙާލުގައި ދިރިއުޅެންޖެހިފައިވާ މައިން އަދި މާގިނައެވެ. 

މިކިޔައިދިނީވެސް ހަމަ ފިރިހެނެއްގެ ވާހަކައެވެ. މިބަޔާންކުރި ފަދަ ޙަޤީޤީ ފިރިހެނުންގެ ވާހަކަ ގޮތެއް ފޮތެއް، ލަދު ހަޔާތެއް ނެތް ފިރިހެނުންނަށް ކިޔައިދިނަސް، އަޑު އިއިއްވިޔަސް  ލަދުގަންނަންވެސް ނުއެނގޭނެއެވެ. 

ދުޢާއަކީ ހުރިހާ އަންހެނުންނަށްވެސް އޭނާ ފަދަ ރަނގަޅު ފިރިން މިންވަރުކުރެއްވެވުމެވެ. އާމީން 

- ޒުލޭޚާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން