ޢިބްރަތްތެރި ވާހަކަ: އަންހެނަކު ލޯބީގައި އިސްނަގައި ބައިވެރިއަކަށް ހޯދި ނިކަމެތި ޒުވާނާގެ މަސައްކަތުން މުޅި ޢާއިލާއަށް ފައިދާކޮށް، އެންމެންގެ ލޯބި ހޯދި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 21ސ
ޢިބްރަތްތެރި ވާހަކަ: އަންހެނަކު ލޯބީގައި އިސްނަގައި ބައިވެރިއަކަށް ހޯދި ނިކަމެތި ޒުވާނާގެ މަސައްކަތުން މުޅި ޢާއިލާއަށް ފައިދާކޮށް، އެންމެންގެ ލޯބި ހޯދި ގޮތުގެ ވާހަކަ-

އަޅުގަނޑު ނިޞްބަތްވަނީ ރާއްޖެތެރެއަށެވެ. އެހެންވީމާ ގިނަ ބައަކު އަޅުގަނޑަށް ކިޔަނީ ބީރައްޓެހި މީހާއެވެ. އެކަމަކާއި އަޅުގަނޑު ކަންބޮޑެއް ނުވަމެވެ. އަޅުގަނޑު މަސައްކަތްކުރަނީ ކުރަނީ ސައިކަލް މަރާމާތުކުރާ ގަރާޖެއްގައެވެ. އެއީ އެތަނުން ރަނގަޅު މުސާރައެއް ލިބޭތީއެވެ. ކުރާ މަސައްކަތަށް ރަނގަލު އަގު ލިބޭތީއެވެ.  

އަޅުގަނޑު ވިސްނާ ގޮތުގައި އެންމެން އޮފީސްތަކުގެ ބޮޑު ގޮނޑީގައި ތިބެގެން މަސައްކަތްކުރާނަމަ އެނޫން މަސައްކަތްކުރާނެ ބައަކު ނުތިބޭނެއެވެ. އެކަމަކު ގިނަ ބައަކު އާދައިގެ މަސައްކަތްކުރާކަށް ބޭނުމެއް ނުވެއެވެ. ގަރާޖުތައް ފަދަ ތަންތަނުގައި މަސައްކަތްކުރަން އެހައި ގިނަ ގިނަ ޢަދަދެއްގެ ބިދޭސީން އެއުޅެނީ އެހެންވެގެންނެވެ.  

އަދި އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއްވެސް މަސައްކަތަކީ ހަޑިހުތުރު މަސައްކަތެއްވެސް ނޫނެވެ. ބޭނުންވަނީ ޙަލާލު މަސައްކަތުން ހޯދާ ޙަލާލް އާމްދަނީއެވެ. މަންމަމެން ދުނިޔޭގައި ތިބި އިރު އެކަން ވަރަށް ބޮޑަށް ވިސްނައިދިނެވެ.  

އެގަރާޖަށް އައިސްއުޅޭ ކަސްޓަމަރުންގެ ތެރެއިން އަންހެނަކު އަޅުގަނޑާއި ވާހަކަދައްކަން މަސައްކަތްކުރަންފެށިއެވެ. އޭނާ ދުއްވާ ސައިކަލާއި ބައެއް ފަހަރު ދުއްވާތަން ފެންނަ ކާރުން އޭނާޢަކީ ތަނަވަސް ޢާއިލާއެއްގެ ކުއްޖަކުކަން އެނގެއެވެ. އެހެންވެ އޭނާ ޢާއި ވާހަކަދައްކަން ވަރަށް ބިރުވެސް ގަނެއެވެ. އެކަމަކުވެސް ދޭތެރެއަކުން އައިސް ހޯދާނީ ހަމަ އަޅުގަނޑެވެ. މަސައްކަތްކުރުވާފައި ދޭންޖެހޭ އަފަށްވުރެ ގިނަ ރުފިޔާދީފައި ބާއްވާށޭ ބުނާނެއެވެ.  

މިހެން މިކަންވަމުން އަންނަނިކޮށް އެއްދުވަހަކު ޒުވާނަކު ސައިކަލެއްގައި އައިސް ވައިޖަހައިދޭން ބުނީމާ ގުދުވެލިތަނާ ފޫކޮޅުގައި ވަރަށް ބާރަށް ކަކުލުން ޖެހީމާ ބަންޑުން ވެއްޓުނެވެ. ތެދުވެ އަނގައި ނުބުނެވިގެން އުޅެނިކޮށް ބުންޏެވެ. "ބީރައްޓެހިން މާލެ ފުންމާލެވުނީމާ ފެންވަރު އޮޅެއެވެ. ކަލެއަކީ ފެންވަރު އޮޅިފައި ހުރި އެކެކެވެ. ދެން ނީޝާ އާއި އަނގައިން ބުނިކަން އެނގުނަސް ޗިސްޗިސްކޮށްލާނަމެވެ."  

ނީޝާ ގެ ނަން އަޑުއިވުނު ފުރަތަމަ ފަހަރު ނަމަވެސް މިވީގޮތް އެނގުނެވެ. ގަރާޖުގައި ަމސައްކަތްކުރާ އެހެން 2 އެކުވެރިއަކު އޭނާއާއި ދިމާކުރަން އުޅުމުން ބުނީމެވެ. "އަޅައިނުލާށެވެ! އެބޭފުޅާ ދޫކޮށްލާށެވެ!"  

އެވަޤުތު އެތަނަށް ސައިކަލުގައި ނީޝާ އައިސް ހެޑްލައިޓުގެ ބޮކި ބަދަލުކޮށްދޭން އެދުނެވެ. އެހެން ބުނާއިރަށް އެޒުވާނާ ބުންޏެވެ. "ކޮންމެވެސް އެއްޗެކޭ ކިޔާފައި މިއަދުވެސް އައީދޯއެވެ. ނީޝާ އާ އަނގައިން ބުނިކަން އެނގުނަސް ޗިސްވިސްކޮށްލާނެ ކަމަށް އޮންނާނީ ބުނެފައެވެ."

ނީޝާ ޖެހިލުމެއް ނެތި ރައްދު ދިނެވެ. "ކަލެއަކީ މަށާ އަޅައިގަނެގެން އުޅޭ ޖިންނިއެކެވެ. ލަދެއް ޙަޔާތެއްވެސް ނެތް ޖިންނިއެކެވެ. ކަލޭ ދެންމެ އައިސް ގަތް ގަނޑު އަހަރެން ދުށީމެވެ. ކަލޭ ހުއްޓައި މިތަނަށް މިއައީ ހަމަ ކަލޭ ރުޅިއަރުވާށެވެ! ކަލޭ ހެދިގޮތަށް ހަދާނެ ބާރު މަގޭ ގައިގައި ހުރިނަމަ އެގޮތަށް ކަލޭ ފޫކޮޅުގައި ޖަހައި ބިންމައްޗަށް ވައްޓައިލާނަމެވެ. އެކަމަކު ބުނަންހެއްޔެވެ؟ ދެން ކަލޭ އެބާވަތުގެ ކަމެއް ކޮށްފިއްޔާ ގައިބާރުހުރި ބައަކު ލައްވައި ކަލެއަށްވެސް އެރަހަ ލައްވާނަމެވެ." އެހެން ބުނެފައި ނީޝާ ދިއައީއެވެ.  

އެއިރު މީހުން އެއްވެ އެހިސާބު އޮތީ ފުރިފައެވެ. ވަރަށް ލަދުގަތެވެ. އެޒުވާނާ ދަމުން ދިއައީ އިތުރަށްވެސް އިންޒާރުދީފައެވެ. އެހެންވެ ހަދާނެ ގޮތަކާއިމެދު ވިސްނީމެވެ. އަވަހަށް ރަށަށްދާންވެސް ހިތަށް އެރިއެވެ. އެކަމަކު ރަށަށްދާން ޒަމީރު ޤަބޫލެއް ނުކުރިއެވެ. ޒަމީރު ބުނީ ކެތްތެރިވެލުމަށެވެ.

އެއިގެ 3 ދުވަސް ފަހެވެ. ރޭގަނޑު 8 ޖެހީމާ ގަރާޖް ބަންދުކުރުމުން ގެއަށްދާން ހިނގައިގަތްތަނާ ނީޝާ ސައިކަލުގައި އައިސް އަރާހަމަކޮށްފައި ބުނީ ފަހަތަށ އެރުމަށެވެ. އަޅުގަނޑުގެ ހެދުން ހަޑިވެފައިހުރިވަރު ދައްކާފައި އެކަމަށް ދެކޮޅު ހެދީމެވެ. އަޅުގަނޑުގެ ފޯނު ނަމްބަރު އެހީމައި ފޯނެއް ނެތްކަމަށް ބުނީމެވެ. ދެން އުޅޭ ގެ އެހީމައި އެދްރެސް ބުނެދިނީމެވެ. ދަމުން ބުނީ އެއްގަޑިއިރުތެރޭގައި ފެންވަރައިގެން މަގުމަތީގައި ހުރުމަށެވެ. އެހެންބުނެފައި ދިއައީއެވެ.  

ވަރަށް ވިސްނީމެވެ. މިކަން ނިމޭނީ ކިހިނަކުންބާވައެވެ. ނީޝާ އަޅުގަނޑު އެހޯދަނީ ކީއްކުރަންބާވައެވެ؟ ފެންވަރުން މިހައި ތަފާތު ދެމީހުންނަށް އެކުވެރިވެވިދާނެބާވައެވެ؟ ނީޝާ އާއި ބައްދަލުކުރިކަން އެނގިއްޖިއްޔާ އެޒުވާނާ އަޅުގަނޑަށް ހަދާނީ ކިހިނެއްބާވައެވެ؟  

ކޮންމެއަކަސް އަޅުގަނޑަކީވެސް ޒުވާނަކަށްވުމުން މީހަކަށް ބިރުން ރަޖާލައިގެން ފިލާކަށް ބޭނުމެއް ނުވިއެވެ. ބައްދަލުކުރީމެވެ. ނީޝާ އަޅުގަނޑު ގޮވައިގެން ދިއައީ ރެސްޓޯރަންޓަކަށެވެ. އެތަނުން ކައިގެން އަޅުގަނޑު ގެނެސް ގެއަށްބާލާފައި ނީޝާ ދިއައީއެވެ.  

އަނެއްރޭ ގަރާޖުގެ މަސައްކަތް ނިމިގެން ގެއަށްދާން ހިނގައިގަތްތަނާ ނީޝާ އައިސް ފޯނެއް ދިނެވެ. އަދި ސިމެއް ލައްވައިގެން އޭނާއަށް ގުޅާށޭ ކިޔާފައި އޭނާގެ ނަމްބަރުދީފައި ދިއައީއެވެ.  

އެގުޅުން ބަދަހިވަމުން އައިސް އެންމެ ބޮޑަށް ބަދަހިވިއެވެ. އަޅުގަނޑަކީ ނިކަމެތި ފަޤީރެއްކަމާއި ބީރައްޓެއްސެއްކަމާއި ހުރިހާ ވާހަކަތަކެއް ދެއްކުމުންވެސް ނީޝާ ބޭނުންވީ ދެމީހުން ކައިވެނިކުރާށެވެ. އޭނާގެ މައިންބަފައިންނަކީވެސް އާދައާއި ޚިލާފް ބައެކެވެ. އެހެން ނޫންނަމަ އަޅުގަނޑު ފަދަ ނިކަމެތި މީހަކާއި ކައިވެނިކުރާކަށް އެއްބަހެއް ނުވާނެ ނޫންތޯއެވެ؟  

ކައިވެނީގެ ކަންތައްތައް ހަމަޖެހެމުން ދަނިކޮށް އެއްކަލަ ޒުވާނާ އަނެއްކާވެސް ގަރާޖަށް އައެވެ. އައިސް މިނިކާވަގެއްހެން ގައަށް އަރައިގަންނަން އުޅުނެވެ. ނަމަވެސް ގަރާޖުގައި މަސައްކަތްކުރާ އެކުވެރިން އެދުވަހު އޭނާ މައިތރިކުރީމާ ދިއައީ މަރައިލާނެކަމުގެ އިންޒާރުދީފައެވެ.  

އެކަމަކަށް އަޅައެއް ނުލަމެވެ. ވާނެގޮތެއްވާން ދޫކޮށްލީއެވެ. އޭނާއަކަށް އަޅުގަނޑު މަރައެއްވެސް ނުލެވުނެވެ. ކައިވެނިވެސް ކުރެވުނެވެ. ކައިވެންޏަށް 15 އަހަރުވެސްވެއްޖެއެވެ. 4 ދަރިންވެސް ލިބިއްޖެއެވެ. ނީޝާ އަޅުގަނޑުދެކެ އިންތިހާއަށް ލޯބިވެސްވެއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ ވާހަކަ މިކިޔައިދިނީ ޙަޤީޤީ ލޯބީގައި ހުންނަ ގަދަފަދަ ބާރު ކިޔައިދޭށެވެ. ނީޝާ ބުނީ އަޅުގަނޑު ފެނުނު ދުވަހުން ފެށިގެން އަޅުގަނޑުދެކެ ލޯބިވެވުނު ކަމަށާއި މަސައްކަތްކުރަމުން އައީ ކޮންމެ ގޮތަކުން ނަމަވެސް ކައިވެނިކުރަން ކަމަށެވެ. އިސްނަގައިގެން އެކަމާއި އުޅުނީ އޭނާ އެގޮތަށް އެކަމާއި ނުއުޅުނު ނަމަ ދެމީހުންނަށް ގުޅެވޭނެ އެއްވެސް ގޮތެއް ނުވިސްނުމުން ކަމަށެވެ.  

ކޮންމެއަކަސް މިއަދު މުޅި ޢާއިލާ އަޅުގަނޑަށް ޤަދަރުކުރެއެވެ. އެއީ ނީޝާގެ ބައްޕަގެ ވިޔަފާރި އަޅުގަނޑުގެ ވިސްނުމުންނާއި އަޅުގަނޑުގެ ބުރަ މަސައްކަތުން ބޮޑުތަނުން ކުރިއަރައިދިއައީތީއެވެ. އެއިރު ހުރި ދަރަނިތައް އަދާކޮށް ވިޔަފާރި ނަގައި ކޮޅަށް ޖެހުނީތީއެވެ. އެކަންކަން އެހިސާބަށް ގެންދެވުނީ މަސައްކަތުގައި ހުރިހާ ވަޤުތެއް ހޭދަކޮށްގެންނެވެ. އަދި ޢާއިލާގެ އެންމެންނާއިވެސް ގުޅުން ބާއްވައިގެން އުޅެން މަސައްކަތްކުރާތީއެވެ.  

ނިންމާލަމުން ބުނެލަން ބޭނުމެވެ. ނީޝާގެ ބައްޕަގެ ވިޔަފާރިއަށް އަޅުގަނޑުގެ ކިބައިން އެހައި ބޮޑު ކުރިއެރުމެއް ލިބުނުއިރު އަޅުގަނޑު ނިކަމެތިވެގެން މަލާމާތްކޮށް އަނިޔާކުރި ޒުވާނާގެ ބައްޕަ ބަލިވުމުން ބައްޕަގެ ވިޔަފާރި އެދަރިފުޅާ ޙަވާލުކުރުމުން 3 އަހަރު ތެރޭގައި ބަނގުރޫޓުވެ ޖެހުނީ ނިޔަފާރި ހުއްޓައިލާށެވެ. މިހުންނަނީ ވިސްނައިފި މީހަކަށް ޢިބަރަތްތެރި ފިލާވަޅުތައް ނޫންތޯއެވެ؟   

- ޔޫސުފް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން