ޢިބްރަތްތެރި ވާހަކަ: ފިރިމީހާ މަނާކުރާތީ މަންމަ ނުދެކި 5 އަހަރު ހޭދަކުރި އަންހެނަކު ވަރިކޮށްލުމުން މަންމަގާތަށް ދިއައިރު މަންމަ ނިޔާވެފައިވުމުން ކުރަންޖެހުނު ހިތާމައިގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 13ސ
ޢިބްރަތްތެރި ވާހަކަ: ފިރިމީހާ މަނާކުރާތީ މަންމަ ނުދެކި 5 އަހަރު ހޭދަކުރި އަންހެނަކު ވަރިކޮށްލުމުން މަންމަގާތަށް ދިއައިރު މަންމަ ނިޔާވެފައިވުމުން ކުރަންޖެހުނު ހިތާމައިގެ ވާހަކަ-

އަޅުގަނޑު ވަރަށް ކުޑައިރު ބައްޕަ ނިޔާވެއްޖެއެވެ. އަޅުގަނޑާއި އަޅުގަނޑުގެ ކޮއްކޮ ގެންގުޅެ ބޮޑުކުރީ މަންމައެވެ. ވަރަށް ބުރަ އުފުލައިގެންނެވެ. ވަޒީފާއަދާކޮށްގެން ލިބުނުހައި ފައިސާއެއް ޚަރަދުކުރީ ދެބެއިންނަށް ކިޔަވައިދިނުމަށެވެ. ދެބެއިންނަށް ރަނގަޅަށް ކަންކަން ކޮށްނުދެވިދާނެކަމަށް ބިރުން މަންމަ ދެވަނަ ކައިވެންޏެއްވެސް ނުކުރެއެވެ.

ކިޔަވައި ނިމި ވަޒީފާއަށް ދެވެން ފެށުމުން މަންމައަށްވުރެ އިސްކަންދެވުނީ އެކުވެރިންނަށެވެ. މަންމަ ނުކުރަން ބުނާ ކަންކަންވެސް ކުރެވެން ފެށިއެވެ. ރޭގަނޑު ބޭރަށް ނުދާން ބުނުމުންވެސް ބޭރަށް ދަމެވެ. އެއީ އެކުވެރިންނާއިއެކު ބޭރަށް ނުދާނަމަ އެކުވެރިން މަލާމާތްކުރާތީއެވެ.  

އެހެން އުޅުމުގެ ތެރޭގައި އެކުވެރިންގެ ފަރާތުން ތަޢާރަފްވި މީހަކު ދެކެ ލޯބިވެވުނެވެ. އެކަންވެސް ހިނގީ އެކުވެރިން ވަރަށް ބޮޑަށް ބާރުއަޅައިގެންނެވެ. އޭނާގެ އަޚްލާޤަށް ބަލައި އޭނާ އާއި ކައިވެނިނުކުރަން މަންމަ ބުންޏެވެ. އާދޭސްވެސް ކުރިއެވެ. ނަމަވެސް މަންމަގެ ބަހަށް ބެލުމެއް ނެތި ކައިވެނިކުރީއެވެ.  

ކައިވެނީގައި 5 އަހަރު ފާއިތުވިއެވެ. އެއިރު 2 ދަރިންވެސް ވަނީ ލިބިފައެވެ. މަންމަ ދުނިޔޭގައި ހުރިތޯވެސް ބަލައެއް ނުލެވެއެވެ. އުޅޭ ޙާލެއްވެސް ބަލައެއް ނުލަމެވެ. ފިރިމީހާ އޮންނަނީ މަންމަ ޢާއި ބައްދަލުކުރުން މަނާކޮށްފައެވެ. އެހެންވެ މަންމަ ގާތަށް ދެވޭނެ ގޮތެއްވެސް ނޯވެއެވެ.  

ކިޔަމަންތެރި އަންތބެއްގެ ގޮތުގައި އިންދައި ފިރިމީހާ އެއްދުވަހު ގެއަށް އައިސް ބުނީ އަޅުގަނޑާއިއެކު އުޅެން ބޭނުންނުވާ ކަމަށާއި ވަރިކުރީ ކަމަށެވެ. ގެއިން ނުކުމެގެން ދިއުމަށެވެ. ވީގޮތެއްވެސް ނުބުނެއެވެ. ކުރެވުނު ކުށެއްވެސް ނުބުނެއެވެ.  

ވީދެރައިން ސިޓިންގރޫމްގައި ރޯން އިންދައި އަޅުގަނޑާއި ދެކުދިންގެ އެއްޗެތި ލަގެޖަށް އަޅައިގެން ސިޓިންގރޫމަށް ގެނެސްފައި ޓެކްސީއަކަށް ގުޅައިގެން ގެނުވާފައި އެއަށް އަރުވާފައި ފޮނުވައިލީއެވެ.  

ދާންވީ ކޮންތަނަކަށްތޯ ޑްރައިވަރު ސުވާލުކުރުމުން ޖަވާބުދޭން ވަރަށް އުނދަގޫވިއެވެ. އެކަމަކުވެސް ބުނަން ޖެހުނީ މަންމަގާތަށް ކަމަށެވެ. އަޅުގަނޑުމެންގެ ގެއަށް ކަމަށެވެ. ގެއަށް ގޮސް ވަނީ ވަރަށް ބިރުން ހުރެއެވެ. މަންމަ އާއި ކޮއްކޮ އަޅުގަނޑު ބަލައިގަންނާނެ ކަމުގެ ޔަޤީންކަމެއް ނެތުމުންނެވެ. 

ވަރަށް ލަދުން ހުރެ ބެލްޖެހުމުން ދޮރުހުޅުވީ ކޮއްކޮއެވެ. އަޅުގަނޑަށް އެއިރުވެސް ރޮވެއެވެ. ކޮއްކޮއަށްވެސް ރޮވުނެވެ. އިތުރު ސުވާލެއްވެސް ނުކޮށް ގެއަށް ވެއްދިއެވެ. ގެންގޮސް ކޮޓަރިއަށް ވެއްދިއެވެ.  

ހަމަޖެހިލައިގެން ނުކުމެ މަންމަ ކޮބައިތޯ ސުވާލުކުރުމުން ބުނީ މަންމަ ނިޔާވެއްޖެ ކަމަށެވެ. ނިޔާވީ ވަރަށް ބަލިޙާލުގައި އުޅެފައި ލަންކާގައި ކަމަށެވެ. ބުނާނެ އެއްޗެއްވެސް ނުއެނގި އެތައް އިރަކު މަޑުން އިނދެވުނެވެ.   

ކޮއްކޮ އަޅުގަނޑަށް ކިތަންމެހައިވެސް ރަނގަޅެވެ. އަޅައިލިއެވެ. އެހީތެރިވިއެވެ. އޭނާގެ ދަރިންފަދައިން އަޅުގަނޑުގެ ދަރިންވެސް ބަލައިދިނެވެ. އެހެނަސް މަންމައާއިމެދު ކަންކަން ކުރެވުނު ގޮތުން އަބަދުހެން ހުންނަންޖެހުނީ ވަރަށް ދެރަވެފައެވެ. އެކަމުގެ ހިތާމައިގައެވެ.  

އަޅުގަނޑަށް ދެވަނައަށް ކައިވެނިކުރެވުނީ ވަރަށް ރަނގަޅު މީހަކާއިއެވެ. އޭނާއަކީ ތަނަވަސްވެސް މީހެކެވެ. އެހެންވެ ފުރަތަމަ ކަމަކަށް ދެމަފިރިން ޙައްޖުވެފައި ޖެހިގެން އައި އަހަރު މަންމައަށް ޙައްޖެއްވެސް ވީމެވެ. އެހިސާބުން ހިތަށް ފިނިކަމެއް ލިބުނެވެ.  

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ އަޅުގަނޑަށް އަޅުގަނޑުގެ މަންމަ އާއިމެދު ކަންކަން ކުރެވުނު ގޮތަށް މަންމައާއިމެދު ކަންކަން ނުކުރުމަށެވެ. އެކުވެރިންނަށްވުރެ މަންމައަށް އިސްކަން ދިނުމަށެވެ. މަންމައާއި ބައްދަލުކޮށް އެހީތެރިވާން ހުރަސް އަޅާ ފިރިއަކާއިއެކު ނުއުޅުމަށެވެ. ވަރިކޮށްފައި އެއްލައިލާނީ ކޮންވަޤުތަކުކަމެއް ނުއެނގޭނެއެވެ. އެނބުރި އާދޭސްކުރަން ދާންޖެހޭނީ މައިމީހާގެ ފައިބުޑަށެވެ.  

ކޮންމެ ނަމާދެއްގެ ފަހުގައި މަންމަގެ ފާފަ ފުއްސަވައި ދެއްވަވައި ފުރާނައަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާކުރަމެވެ. އަދި އަޅުގަނޑަށް ކަންކަން ކުރެވުނު ގޮތާއިމެދު ހިތާމަކޮށް އަޅުގަނޑުގެ ފާފަ ފުއްސަވައިދެއްވެވުން އެދިވެސް ދުޢާކުރަމެވެ.  

އަޅުގަނޑަށް މިހާރު ލިބިފައިވަނީ އުފާވެރި ތަނަވަސް ދިރިއުޅުމެކެވެ. އެހެނަސް މަންމަގެ ހަނދާވުމުން މިހާރުވެސް ލޮލުން ކަރުނަ އާދެއެވެ. އަޅުގަނޑުގެ ހިތް ވަނީ މަރުވެފައެވެ. ވިންދުޖެހިނަމަވެސް ދިރުމެއް ނެތެވެ.  

- އިޙްޞާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން