އަނބިމީހާއަކީ މުސާރަނުދީ ގޭގެ މަސައްކަތް ކުރުވަން ގެނައި އަޅަކަށް ހަދަން ހުއްދަދިނީ ކާކު؟ ނިކަން ޤުރްއާނާ ސުންނަތުން އެންމެ ދަލީލެއްވެސް ދައްކަބަލަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
އަނބިމީހާއަކީ މުސާރަނުދީ ގޭގެ މަސައްކަތް ކުރުވަން ގެނައި އަޅަކަށް ހަދަން ހުއްދަދިނީ ކާކު؟ ނިކަން ޤުރްއާނާ ސުންނަތުން އެންމެ ދަލީލެއްވެސް ދައްކަބަލަ!: މުފްތީ މެންކް

މިވާހަކަ މިހެން ބުނީމާ އެކަމަށް ހިތްހަމަނުޖެހޭ މީހުން ސުވާލުތައް އުފައްދާނެއެވެ. ނަމަވެސް އަހަރެން އެންމެންނަށް ގޮންޖަހައި ބުނަމެވެ. އާއިލާއަށް އުފާވެރިކަން ބޭނުންނަމަ ގޭތެރޭގެ މައްސަލަތައް ﷲ ތަޢާލާ ދައްކަވައިދެއްވަވާފައިވާ މަގުން ޙައްލުކުރަން މަސައްކަތްކުރަން ޖެހޭނެއެވެ.

އެގޮތުން ގެއަށް ބޭރުން ގެނެވޭ ދަރިފުޅު އެއީ އަންހެންދަރިއަކާއި ކައިވެނިކޮށްގެން އައި ފިރިހެނަކުނަމަވެސް އަދި ފިރިހެން ދަރިއަކާއި ކައިވެނިކޮށްގެން އައި އަންހެން ދަރިއަކުނަމަވެސް އެމީހުންކޮށްދޭ ކަންކަމަށް ތަޢްރީފްކުރާށެވެ! އެމީހުންނަށް އެހެޔޮކޮށްހިތާށެވެ! ޤިޔާމަތްދުވަހު އެބަސްތައް ތިބާގެ ކުރިމަތީގައި ހެކިދޭނެއެވެ. އެކަމުން ތބާއަށް ހެޔޮ ރަޙްމަތް ލައްވަވާނެތެވެ.

ނަމަވެސް ގިނަފަހަރަށް ބޭރުންގެނެވޭ އަންހެން ދަރިފުޅާއިމެދު މިދެކެވެނީ އެއީ މުސާރަނުދީ މަސައްކަތްކުރަން ގެނެވުނު އަޅެއް ކަމަށެވެ. އެއީ އެއްވެސް ޙާލެއްގައި އިސްލާމް ދީނުގައި އެކަން އޮތްގޮތެއް ނޫނެވެ. ގެއަށް ވެއްދުމަށްފަހު އެއީ ހަމަ ޢާއިލާގެ އެހެންދަރިންފަދަ ދަރިއެކެވެ. ހެޔޮކޮށްހިތަންވާނީ އެއް މިންވަރަކަށެވެ. މަސައްކަތްކުރުވަންވާނީވެސް ހަމަ އެއް މިންވަރަކަށެވެ.

ވިސްނައިލަންވީ ތިބާގެ ދަރިފުޅާއިމެދު އެހެން ގެއަކުން އެއީ އަޅެއްކަމަށް ހަދައިގެން ކަންކަން ކުރުވާނަމަ ތިބާއަށް ކުރާނެ އަސަރަށެވެ. ނުބައިބަސްތައް އެދަރިފުޅަށް ބުނާނަމަ ތިބާއަށް ކުރާނެ އަސަރަށެވެ. ހަމަ އެއަސަރު އެހެން މީހުންނަށްވެސް ކުރާނެ ކަމަށެވެ!

ބޭރުން ގެނެވުނު ދަރިފުޅުވެސް ވަރުބަލިވާނެއެވެ. ބަލިވެސްވާނެއެވެ. އަދި ބަލަންޖެހޭ ދަރިންވެސް ތިބޭނެއެވެ. ހަމައެއާއިއެކު މީގެ އިދިކޮޅަށްވެސް އެބަ ޢަމަލުކުރެވެއެވެ. ކައިވެންޏަށްފަހު މަިންބަފައިން އެބަ "ވަރިކުރެއެވެ. އެއީވެސް ކުރެވޭނެ ކަމެއް ނޫނެވެ. ކިތަންމެ ގިނަފަހަރު ވަރިކުރަން ބަސްބުނިނަމަވެސް މައިންބަފައިން ބަފައިން ވަރިއެއް ނުކުރެވޭނެއެވެ. ދުރުކޮށެއްވެސް ނުލެވޭނެއެވެ. ޖެހޭނީ ހެޔޮކޮށްހިތާށެވެ!

ހަނދާންކުރާށެވެ! ތިބާގެ މައިންބަފައިން ތިބާއަށްޓަކައި އިޚްތިޔރުކުރެއްވެވީ ﷲ ތަޢާލާއެވެ. އެއީ މުސްލިމުން ނޫން ނަމަވެސް އޮތީ ހެޔޮކޮށްހިތުމެވެ.

ހަމައެއާއިއެކު ބައެއް ފިރިހެނުން އެމީހުންގެ މައިން ގޭތެރޭގައި ކޮންމެ ކަމެއް ކުރިނަމަވެސް، މުޅިގޭގައި ފިތުނަ ފަސާދަ އުފެއްދިނަމަވެސް، ﷲ ތަޢާލާ މީސްތަކުން އަމަލުކުރަން އަންގަވާފައިވާ އުޞޫލުތަކުން ބޭރުން ޢަމަލުކުރިނަމަވެސް އެއީ މަންމަ ކަމުގައިވީތީ އަޅާނުލައި އެބަހުރެއެވެ. ނިކަން ބުނެބަލާށެވެ! އެކަމަށް އަޅައިނުލައި ހުންނަން އޮތީ ކީރިތި ޤުރްއާނުގެ ކޮން އާޔަތެއްގައިހެއްޔެވެ؟

މިފަދަ ހުރިހާ މައްސަލަތަކެއްގެ ޙައްލަކީވެސް އިންޞާފުވެރިވުމެވެ. އިންޞާފުން ކަންކަން ކުރުމެވެ. ކުށްކުރީ ކާކުކަން ބަލައި ޙައްޤުބަސްބުނުމެވެ. އަދި ޙައްޤުބަސްބުނުމުގައިވެސް އޯގާތެރިވުމެވެ.

ޙައްޤުބަސްބުނާވަގުތު ރައްދުވާ މީހާ ރުޅިއަތުވެދާނެއެވެ. ނަމަވެސް ތިބާ ހިނިތުންވާށެވެ. ހިނިތުންވެހުރެ އޯގާތެރިކަމާއިއެކު ބަސްބުނެ މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރާށެވެ!

މިފަދަ ވާހަކަތައް އަބަދުހެން ދައްކަން މިޖެހެނީ މިފަދަ ތަހުޒީބީ ޒަމާނުގައި އަނިޔާވެރިކަން އިތުރުވާތީއެވެ. ގޭތެރޭގެ މައްސަލަތައް ޙައްލުނުކުރެވޭތީއެވެ. އެކަމުގެ ސަބަބުން ޅަދަރިންތައް ނިކަމެތިވަމުންދާތީއެވެ. އެކަންކަން ޙައްލުނުކޮށް ގޭތެރޭގައިވެސް މުޖުތަމައުތަކުގައިވެސް ހަމަޖެހުމާއި އުފާވެރިކަން ނުއޮންނާނެތީއެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން