ބިރުވެތިވާށެވެ! ފާހިޝް އަމަލުކުރުމަށާ ހުއްދަނޫން ގުޅުން ހިންގަން ޚަރަދުކުރުމަކީ ތަނަވަސްކަން ގެއްލި، ރިޒުޤަށް ހުރަސް އެޅޭ އެންމެ ބޮޑު ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ބިރުވެތިވާށެވެ! ފާހިޝް އަމަލުކުރުމަށާ ހުއްދަނޫން ގުޅުން ހިންގަން ޚަރަދުކުރުމަކީ ތަނަވަސްކަން ގެއްލި، ރިޒުޤަށް ހުރަސް އެޅޭ އެންމެ ބޮޑު ސަބަބު!

ޙަލާލު މަސައްކަތްކޮށްގެން ހޯދާ ޙަލާލް ފައިސާ ޙަރާމް ގޮތުގައި ހޭދަކުރާނަމަ އެކުރެވެނީ ކޮންކަމެއްހެއްޔެވެ؟ ވީމާ ލިބޭ އާމްދަނީން އުފާވެރިކަން ނުލިބިގެން އުޅެން މިޖެހޭ ސަބަބާއިމެދު ވިސްނައިލަމާ ހިނގާށެވެ!

ބޭރުފުށުން ތިމާމެންނަކީ ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެމުންދާ ބައެއްކަން ހާމަކުރަމުންދާ ގިނަ ދެމަފިރިންގެ ދިރިއުޅުމަކީ އެހައި އުފާވެރި ދިރިއުޅުމެއް ކަމަށް ބުނެވޭކަށް ނެތެވެ. ދެމީހުން އެކުގައި ތިބެގެން މީހުންގެ ކުރިމަތީގައި ހިނިތުންވެފައި އެކަނި ބައްދަލުވުމުން ކަރުނައަޅާ މީހުން ގިނަކަން މިކަމުގެ ހެއްކަކަށް ފުދެއެވެ.

މީހުން ސޯޝަލް މީޑިއާގައި ހާމަކުރާ ހަނީމޫން ފޮޓޯތަކާ އެމީހުންގެ ދިރިއުޅުން އުފާވެރިކަން ދައްކައިދޭ ފޮޓޯތަކާއި ވީޑިއޯތަކަށް ނުގެއްލޭށެވެ! އެމީހުންގެ ޙަޤީޤީ ދިރިއުޅުން މުޅިން ތަފާތުވެދާނެއެވެ. ތިބާގެ ދިރިއުޅުމަށްވުރެ މައްސަލަ މާގިނަވެފައި އުޅޭ ހިތްދަތިކަންވެސް މާބޮޑުވެދާނެއެވެ.

އެހެން މީހުން ދިރިއުޅޭ ފެންވަރަށް ވިސްނާ މީހުންނަށް ގިނަފަހަރު އޮންނާނީ ހިތާމަކުރަންޖެހިފައެވެ. ކޮންމެ މީހަކުވެސް ދިރިއުޅޭނީ އެމީހަކަށް ﷲ ތަޢާލާ ދެއްވެވި ފެންވަރުގައެވެ. ވީމާ އެހެން މީހުން ދިރިއުޅޭ ފެންވަރަށް ނުބަލައި ތިމާގެ ދިރިއުޅުމުގެ ފެންވަރު މަތިކުރަން މަސައްކަތްކުރާށެވެ!

އާމްދަނީ ހޯދަން ޙަލާލް މަސައްކަތްތައް ކުރަމުން ގެންދާށެވެ. ދެއްވަވާ މިންވަރަށް ޝުކުރުކޮށް އެއިން ތިމާގެ ދިރިއުޅުން ކުރިއަރުވަން މަސައްކަތްކުރާށެވެ. ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް އިސްރާފް ނުކުރާށެވެ! އިސްރާފްކުރާ މީހުން ދެކެ ލޯބިވެވޮޑިނުގަންނަވާކަމަށް ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. ވީމާ ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް އިސްރާފް ކުރަން ބިރުވެތިވާށެވެ.

ރިޒްޤް ދެއްވަވަނީވެސް އެހެން ނިޢްމަތްތައް މިންވަރުކުރައްވަވަނީވެސް ހަމަ ﷲ ތަޢާލާއެވެ. ވީމާ ތިމާގެ އަމިއްލަ ދިރިއުޅުން ކުރިއަރައި ކާމިޔާބުވުމަށް އެދޭމީހާ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއްކަމަކީ ﷲ ތަޢާލާ ދެއްވަވާ މިންވަރަށް ޝުކުރުކޮށް އަދި އެއިގެ ބޭނުން ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ހިފުމަށެވެ! އެއިރުން އެމީހަކަށް ހުރިހާ ކަމެއްވެސް ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

މިރޭވެސް އަދި އެއްކަންތައް ފާހަގަކޮށްލާނަމެވެ. ﷲ ތައާލާ ދެއްވަވާ މިންވަރުން ހިލޭ އަންހެނުންނަށްވެސް އަދި ފިރިހެނުންނަށްވެސް ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ޚަރަދުނުކުރާށެވެ! ހީލޭ ފިރިހެނުންނަށް އަދި ފިރިހެނުންނަށް ޚަރަދުކުރުން މާނަމިކުރަނީ ފާހިޝް އަމަލެއް ކުރުމުގެ ނިޔަތުގައި ނުވަތަ ނަހަމަ ގުޅުމެއް ބޭއްވުމުގެ ނިޔަތުގައި ޚަރަދުކުރުމަށެވެ. އެކަމަކީ ތަނަވަސްކަން ގެއްލިގެންދާ ކަމެކެވެ. އަދި ތަނަވަސްކަން އިތުރުވުމަށް ހުރަސްވެސް އެޅޭ ކަމެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން