ޤައުމުގެ ވެރިޔާ ނުވަތަ އިސްމީހަކު މިވެނި ދުވަހަކު ތިބާ އާއި ބައްދަލުކުރާނެކަން އެނގޭނަމަ އެކަމަށް ތިބާ ތައްޔާރުވާނެވަރު ހިތަށް ގެންނާށެވެ. ތިބާ އެދުވަހަށް ތައްޔާރުވާން ނުކުރާނެ އެއްވެސް ކަމެއް އޮންނާނެ ހެއްޔެވެ؟
މީސްތަކުންނޭވެ! ﷲ ތަޢާލާ އަހަރެމެންނަށް ކުރިއާލައި އަންގަވާފައިވާ މި ވަޙީ ބަސްފުޅުގެ މުހިންމުކަމާއި އެކަމުގެ ފައިދާއަށް ނިކަން ވިސްނައިލަބަލާށެވެ! އަދި އެކަމަށް ސަމާލުކަންދޭންޖެހޭނެ މިންވަރު ނިކަން ހިތަށް ގެނެސްބަލާށެވެ!
ފުރަތަމަ ވަޙީ ކުރައްވަވާފައި މިވަނީ އެރޭގެ މުހިންމުކަމެވެ. އެރޭ އަޅުކަންކުރުމުން ޙާޞިލުކުރެވެން އޮތް ފައިދާގެ ބޮޑުކަމެވެ.
"ލައިލަތުލްޤަދްރި ވިލޭރޭ 1000 މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ!" (އަލްޤަދްރި: 3)
ދެން މިވަޙީ ކުރައްވަވަނީ:
"މަލާއިކަތުންނާއި ޖިބްރީލްގެފާނު އެބޭކަލުންގެ ވެރި ރަސްކަލާނގެ އިޛްނަފުޅާއިއެކު ހުރިހާ އަމުރުފުޅުތަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ!" (އަލްޤަދްރި: 4)
އަދި އަހަރެމެންނަށްޓަކައި ބިންމަތީގައި ހޭދަކުރައްވަވާނެ ވަޤުތުވެސް މިވަނީ ވަޙީކުރައްވަވައިފައެވެ.
"އެއީ ފަޖުރުގެ އަލިކަން ފައުޅުވެއްޖައުމަސްދާންދެން، އަމާންކަމާއި ސަލާމަތްކަން ލިބިގެންވާ ރެއެކެވެ." (އަލްޤަދްރި: 5)
މީސްތަކުންނޭވެ! ﷲ ތަޢާލާ ކުރިއާލައި އަންގަވާފައި އެވަނީ ޖިބްރީލްގެފާނަށާއި މަލާއިކަތުންނަށް މަރުޙަބާ ކިޔުމަށް ތައްޔާރުވެގެން ތިބުމަށެވެ. މަރުޙަބާ ކިޔުމަށެވެ. ވީމާ ކޮންމެ މީހަކުވެސް ވީހައި ގިނައިން އަޅުކަންކުރުމުގައި ވަގުތުތައް ހޭދަކުރަންވީ ﷲ ތަޢާލާ ފޮނުއްވަވާ މަލާއިކަތުންނާއި ޖިބްރީލްގެފާނު ޒިޔާރަތްކުރައްވަވާނެ މީހުންގެ ތެރޭގައި ތިމާ ވުމަށެވެ. މަލާއިކަތުންނާއި ޖިބްރީލްގެފާނުގެ ދުޢާފުޅު ލިބޭނެ މީހުންގެ ތެރޭގައިވުމަށެވެ.
އެކަން ޙާޞިލު ނުކުރެވިއްޖެނަމަ މި ބަޔާންކުރި އާޔަތްތަކުން އެމީހަކަށް ކުރި އެއްވެސް ފައިޑާއެއް ނެތެވެ. އެމީހަކު އަމިއްލައަށް ހިމެނިގެން އެދަނީ އެމަތިވެރި ރޭގެ ޘަވާބާއި ރަޙްމަތުން ބަރީޢަވި މީހުންގެ ތެރޭގައެވެ.
ބުނެލަން އޮތީ ތިމާއަކީ ރަމަޟާން މަހުގެ ފުރިހަމަ ޘަވާބާއި ދަރުމަ ލިބި، ފާފަތައް ފުއްސަވައި ދެއްވަވާ އަޅުންގެތެރޭގައި ހިމެނުމަށްޓަކައި މަލާއިކަތުންނާއި ޖިބްރީލްގެފާނުގެ ދުޢާ ލިބޭނެ މީހަކު ކަމުގައިވުމަށްޓަކައި ގަދައަޅައި މަސައްކަތްކުރާށެވެ! ރަމަމާން މަހު މިކުރި ބުރަ މަސައްކަތުގެ ޙަޤީޤީ ކާމިޔާބުވެރިއަކު ކަމުގައި ވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން