ރަމަމާން މަހުގައި އެންމެ މުހިންމު ކަމެއް ދޭންޖެހޭ އެއްކަމަކީ ރޭއަޅުކަމެވެ. އެހެންވެ ބައެއް ޢިލްމުވެރިން ރަމަޟާން މަހަށް ރޭއަޅުކަމުގެ މައްސަރުގެ ނަމުން ނަމްވެސް ދެއްވަވައެވެ.
ބަރަކާތުން ފުރިގެންވާ ރަމަޟާން މަހުގެ ރޭތައް ފާއިތުވެގެންދާއިރު ތަންމަތި ދޫކޮށްލައި ތެދުވެ ރޭއަޅުކަން ކުރަން ފަސްޖެހޭ މީހާއަކީ މިރޭތަކުގެ ދަރުމައާއި ޘަވާބަށް އެދޭ މީހަކު ކަމުގައެއް ނުބެލެވެނެއެވެ. އެހެނީ މިއީ ރޭއަޅުކަމުގެ އެންމެ މުހިންމު މޫސުމެވެ.
ނިދަން ކިތަންމެ ބޭނުންވި ނަމަވެސް ނިދި ދޫކޮށް އެނދުން ތެދުވާށެވެ! ވުޟޫކުރާށެވެ! މަދުވެގެން ދެރަކްޢަތް ނަމަވެސް ކުރާށެވެ! ހިތްވަރުކޮށްލައިގެން ނަމަވެސް ވީހައި ގިނަ ރަކްޢަތްކުރަން މަސައްކަތްކުރާށެވެ! ޤުރްއާން ކިޔަވާށެވެ! ޛިކުރުކުރާށެވެ! ބޭނުންވާ ކަންކަމަށް އެދި ދުޢާކުރާށެވެ!
އެއިރުން ތިބާ އާއިމެދު ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވާނެތެވެ! އަދި އެކަން މަލާއިކަތުންނަށް ވަޙީކުރައްވަވާނެކަމަށް ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
މީސްތަކުންނޭވެ! އެހިނދު ﷲ ތަޢާލާ ދެފަހަރަށް ވަޙީކުރައްވަވާނެތެވެ. "ތިމަން ﷲ ގެ އަޅާ އެދެނީ ކޮންކަމަކަށް ހެއްޔެވެ؟ ފުއްދަވައި ދެއްވަވާހުށީމެވެ."
ޢިލްމުވެރިން ބަޔާންކުރއްވާ ގޮތުގައި ދެފަހަރަށް މިފަދައިން ވަޙީކުރެއްވެވުމުން އެއިގެ މާނައަކީ އޭނާ ދުނިޔެއިން އެދޭ ކަންކަމާއި އާޚިރަތް ދުވަހު އެދޭކަންކަން ވެސް ހިންމަވައި ދެއްވަވާނެ ކަމެވެ. ވީމާ މިއީ ކޮންފަދަ ބޮޑު ރަނުގެ ފުރުޞަތެއް ހެއްޔެވެ؟ މިއަށްވުރެ ވަކިން އަގުހުރި ފުރުޞަތަކީ ކޮބައިހެއްޔެވެ؟ މިފަދަ އަގުހުރި ފުރުޞަތެއް ދޫކޮށްލަން ހެޔޮވެދާނެ ހެއްޔެވެ؟
މީސްތަކުންނޭވެ! ނަރަކައިން ސަލާމަތްވެ ސުވަރުގެ ލިބިގަންނަން އެދޭ މީހާ މިފުރުޞަތު ނަގައެއް ނުލާނެވެ. އަދި ކީއްހެއްޔެވެ؟ އޭނާ ގަދައަޅައި މަސައްކަތްކުރާނީ އެފުރުޞަތު ލިބިގަތުމަށެވެ.
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން