ޢަލީ އިޙްޞާން ފިރާޤް
އިފްކުގެ ޙާދިޘާ
އަފްސޫސްތަކުން ހިތްޕުޅު އެމާތް ކަމަނާގެ ފުރިއްޖެއޭ
އިފްކުގެ ދޮގުން މުނާފިޤުން ބަނދެވި ނިމިއްޖެއޭ
އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ޙަޔާތްޕުޅުގައި ފާހަގަކޮށްލެވޭ އެންމެ މުހިއްމު އެއް ޙާދިޘާއަކީ ޔަހޫދީންނާއި މުނާފިޤުން އެކަމަނާ އިސްތަށިފުޅުގައި ޒިނޭގެ ދޮގު ތުހުމަތު އެޅުވި ޙާދިޘާއެވެ. މި ވާހަކައަކީ، ޞަޙީޙު ޙަދީޘް ފޮތްފޮތުގައި އުއްމުލް މުއުމިނީންގެ ދޫފުޅުން ނުހަނު ތަފްސީލުކޮށް ވާރިދުވެގެން އައިސްފައިވާ ވާހަކައެކެވެ. އެކަމަނާގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވައިފައިވެއެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم، ދަތުރަކުވަޑައިގަންނަވަން ޤަޞްދުކުރައްވައިފިއްޔާ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ މެދުގައި ޤުރްޢަތު ލައްވައެވެ. އެކަލޭގެފާނު އެ ދަތުރެއްގައި ގެންދަވަނީ ޤުރްޢަތުން ހޮވިވަޑައިގަންނަވާ ބޭކަނބަލެކެވެ. އެއްފަހަރު އެގޮތަށް އެކަލޭގެފާނު ޣަޒުވާއަކަށް ނުކުމެވަޑައިގަންނަވަންވެގެން ޤުރްޢަތު ލެއްވިފަހަރަކު ހޮވުނީ އަހަރެންނެވެ. އަހަރެން އެ ދަތުރުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ހިނގައްޖައީމެވެ. އޭރު ފަރުދާގެ އާޔަތްތައްވަނީ ބާވައިލައްވައިފައެވެ. އެހެންކަމުން އަހަރެން ދަތުރުކުރަމުން ގެންދިޔައީ ހައުދަޖުގެ ތެރޭގައި އިނދެގެންނެވެ.
މި ޣަޒުވާ ނިމިވަޑައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم އެނބުރި މަދީނާއަށް ވަޑައިގަންނަވާ ދަތުރުފުޅު ފެއްޓެވިއެވެ. މަދީނާއާ ދާދި ކައިރިފަހުން އެއް ރެޔަކު މަންޒިލު ކުރައްވައިފައި ކުއްލި ގޮތަކަށް އަލުން ޤާފިލާ ދަތުރަށް ފެއްޓެވުމަށް އެންގެވިއެވެ. އޭރު އަހަރެން ހުރީ ޤާފިލާއާ މާދުރުގައެވެ. ޤަޟާހާޖަތަކަށް ދާންވެގެން ގޮހެވެ. އެކަންތަކުން އަވަދިވެގެން އައި މަގުމަތީގައި ކަރުގައި އޮތް ހާރު ކެނޑިގެން ވެއްޓިއްޖެކަން އެނގުނެވެ. އެއީ ޡިފާރުން ހެދިފައިވާ ހާރެކެވެ. އެ ހާރު ހޯދައިގެން އައިއިރު ޤާލިފާގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ހައުދަޖު އުފުލާމީހުންވެސް އަހަރެން އޭގެ ތެރޭގައި އިންކަމަށް ހިތައި އެ ޖަމަލުގެ ބުރިކަށި މައްޗަށް ލައިގެން ދަތުރުކޮށްފައި ގޮއްސިއެވެ. އޭރުގެ އަންހެނުންނަކީ މަސްޖަހައި ފަލަވެފައި ތިބޭ ބައެއް ނޫނެވެ. އަދި އޭރު އަހަރެންނަކީ ޒުވާން ޢުމުރުގެ އަންހެންކުއްޖެވެ. އެހެންކަމުން އަހަރެން ހައުދަޖުގައި ނެތްކަން އެބައިމީހުންނަށް ނޭނގުނީއެވެ.
އެއްވެސް މީހަކު ފެންނާން ނެތުމުން އަހަރެން އެތަނުގައި އިށީންދެގެން އިނީމެވެ. އަހަރެން ނެތްކަން އެނގުމުން ހޯދަން އަންނާނެކަން އެނގޭތީއެވެ. އެ ގޮތުގައި އަހަރެން އިންދާ ނިދި އައިސްގެން އަހަރެންނަށް ނިދިއްޖެއެވެ.
ޞަފްވާނު ބިން މުޢައްޠިލުއް ސުލަމީއަކީ ލަޝްކަރުގެ ފަސްފަހަތުން ވަޑައިގެންނެވި ބޭކަލެކެވެ. އެކަލޭގެފާނު ރޭގަނޑުގެ ދަންބައިގައި ދަތުރުކުރައްވައި އަހަރެން އިން ހިސާބާ އަރައި ހަމަކުރެއްވީ ހެނދުނުގެ ވަގުތުގައެވެ. އެކަލޭގެފާނަށް އަހަރެން ފެނިވަޑައިގެން ލިބުނު ޙައިރާންކަމެއްގެ ސަބަބުން ވިދާޅުވިއެވެ. إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون އެވެ. އެއަޑަށް ކުއްލިއަކަށް އަހަރެންނަށް ހޭލެވިއްޖެއެވެ. ދެން އަވަސްއަވަހަށް އަހަރެން އަހަރެންގެ މޫނު ނިވާކޮށްލީމެވެ. މާތްﷲ ގަންދީ ބުނަމެވެ. إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون ނޫނީ އެކަލޭގެފާނު އަހަރެންނާ އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ.
ދެން، އެކަލޭގެފާނު ޖަމަލުގެންނެވިއެވެ. އޭތި ބަނޑުޖެހުމުން އަހަރެން އެއަށް ސަވާރު ވެއްޖައީމެވެ. އެއަށްފަހު އެކަލޭގެފާނު ޖަމަލުގެ ލަގަނުގައި ހިއްޕަވައިގެން ދަތުރުކުރައްވައި ޤާފިލާއާ ހަމަކުރެއްވީ މެންދުރެއް ހާއިރުއެވެ. ދެން ހަލާކުގެންތެރެއަށް ވެއްޓެން މިވަރުކުރައްވައިފައިވާ މީހަކު ހަލާކުގެ ތެރެއަށް ވެއްޓިއްޖެއެވެ. ދޮގުވާހަކަ ފެތުރުމުގައި އެންމެ އިސްކޮށް އުޅުނު އެކަކީ ޢަބްދުﷲ ބުން އުބައްޔު ބުން ސަލޫލެވެ.
މަދީނާގައި ދޮގުވާހަކަ ފެތުރެމުން ދިޔަ ގޮތް:
އަހަރެން މަދީނާއަށް އައިތަނުން ވަރަށް ބޮޑަށް ބަލިވެ އޮންނަން ޖެހިއްޖެއެވެ. އޭރު ދޮގުވާހަކަތައް ދައްކަމުން ގެންދާ މީސްތަކުން އެ ވާހަކަތައް ދައްކަމުން ގެންދެއެވެ. އޭގެއިން އެއްވެސް ކަމެއްގެ ޚަބަރެއް އަހަރެންނަކަށް އެނގިފައެއްނެތެވެ. ނަމަވެސް އެއްކަމެއް ފާހަގަކުރެވުނެވެ. އެއީ އެހެންޏާވެސް އަހަރެން ބަލިވެއުޅޭއިރު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުން ލިބޭ އަޅާލުން މިފަހަރު ނުލިބޭކަމެވެ. މިފަހަރު އެކަލޭގެފާނު އަހަރެންގެ ގާތަށް ވަޑައިގެން ވިދާޅުވާހާވެސް ބަސްފުޅަކީ ހަމައެކަނި ޙާލުކޮޅުގެ ވާހަކައެވެ. އެއަށްފަހު އިތުރު އެއްޗެއް ވިދާޅުނުވެ ވަޑައިގަންނަވަނީއެވެ. މިހެންވެ އަހަރެންގެ ހިތުގައި ހިސާބެއްގެ ޝައްކުތަކެއް އުފެދެން ފެށިއެވެ.
އެއްރެއަކު އަހަރެން މިސްތަޙުގެފާނުގެ މައިކަނބަލުންނާއެކު އަލްމަނާސިޢު އޭ ކިޔުނުތަކަށް ދިޔާމެވެ. އެތަނަކީ އޭރު އަހަރެމެން ޤަޟާހާޖާ ކުރުމަށް ގޮސް އުޅޭތަނެވެ. އެއީ އަދި އެފަދަ ތަންތައް ގޭކައިރީގައި ހެދިފައިނުވާ ދުވަސްވަރެކެވެ. މިސްތަޙުގެފާނުގެ މައިކަނބަލުންނަކީ، އަބޫ ރުހުމް ބިން ޢަބްދު މަނާފުގެ ދަރިކަނބަލެކެވެ. އެކަމަނާގެ މައިކަނބަލުންނަކީ ޞަޚްރު ބިން ޢާމިރެވެ. އެއީ އަބޫބަކުރުގެފާނުގެ ބޮޑުދައިތާފުޅެކެވެ. އެކަމަނާގެ ދަރިކަލުންނަކީ މިސްތަޙު ބިން އުޘާޘާއެވެ.
ދެން އެކަމުން އަވަދިވެގެން އައި މަގުމަތީގައި މިސްތަޙުގެފާނުގެ މައިކަނބަލުންނަށް އެކަމަނާގެ ހެދުންކޮޅުގެ ފަސްބަޔަށް އެރި ކުއްލި ސިހުމެއް ލިބިއްޖެއެވެ. އެއާ އެކު އެކަމަނާ ވިދާޅުވިއެވެ. [މިސްތަޙަށް ހަލާކު ހުއްޓެވެ.] އަހަރެން ދަންނަވައިފީމެވެ. [ތިޔަ ވިދާޅުވީ ހާދަ ދެރަބެކެވެ. ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ޞަޙާބީއަކާ ދިމާއަށް ހުތުރުބަސްފުޅެއް ވިދާޅުވީތާއެވެ.] ދެން އެކަމަނާ ވިދާޅުވެއްޖެއެވެ. [އޭނާ ކަމަނާއޭ ކިޔައިގެން އެ ދައްކާ ވާހަކައެއް ނާއްސަވަމުންތޯއެވެ؟] އަހަރެން ދަންނަވައިފީމެވެ. [އެއީ ކޮންވާހަކައެއް ހެއްޔެވެ؟] ދެން އެކަމަނާ މީސްތަކުން ދައްކަމުން ގެންދާ ވާހަކަތައް ކިޔައިދެއްވިއެވެ.
ދެން އަހަރެން ގެއަށް އަތުވެއްޖައީމެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެއަށް ވަޑައިގެން ޙާލުކިހިނެއްތޯ އެއްސެވުމުން އަހަރެން ދަންނަވައިފީމެވެ. [އަޅުގަނޑު މިހާލުކޮޅުގައި އޮތުމަށް މަންމާފުޅުގެ ގާތަށް ދިޔުމުގެ ހުއްދައަކަށް އެދެމެވެ.] ދެން މާތް ރަސޫލާ صلّى اللّـه عليه وسلّم އަހަރެންނަށް އެ ހުއްދަ ދެއްވައިފިއެވެ.