ރޯދަމަހު އެންމެ ބޮޑަށް މަސައްކަތްކުރަންވީ ހިތް ޠޯހިރުކޮށް ހެޔޮ މަގަށް ބަދަލުކޮށްލަން! ރޯދަމަހު ލިބޭނެ އެންމެ ރަނގަޅު ފުރުޞަތަކީ އެއީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ރޯދަމަހު އެންމެ ބޮޑަށް މަސައްކަތްކުރަންވީ ހިތް ޠޯހިރުކޮށް ހެޔޮ މަގަށް ބަދަލުކޮށްލަން! ރޯދަމަހު ލިބޭނެ އެންމެ ރަނގަޅު ފުރުޞަތަކީ އެއީ!

ހިތް ޠޯހިރުކޮށް ހެޔޮ މަގަށް ބަދަލުކޮށްލަން ލިބޭނެ އެންމެ ރަނގަޅު ފުރުޞަތަކީ ރޯދަމަހެވެ. ސަބަބަކީ ޝައިޠޯނާ ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ރަމަމާން މަހުގެ ކަރާމާތް ނަގައެއް ނުލެވޭނެއެވެ. ކޮންމެ މީހެއްގެ ހިތަށްވެސް މަޑުމޮޅިކަން އޮންނާނީ ވެރިވެފައެވެ. އެކަމުން ފައިދާ ޙާޞިލްކުރެވޭނީ އެމީހަކު އެކަމަށް މަސައްކަތްކުރިވަރަކުންނެވެ.  

މީސްތަކުންނޭވެ! ހިތް އެންމެ ހަރުކަށި މީހުންގެ ހިތްވެސް ރަމަޟާން މަހު ކޮންމެވެސް މިންވަރަކަށް މަޑުމޮޅިވާނެއެވެ. ފުރުޞަތުގެ ބޭނުންހިފައި ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ. ޢަމަލުތައް އިޞްލާޙްކުރަން މަސައްކަތްކުރާށެވެ.  

އިންސާނުންނަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢްމަތަކީ މަޑުމޮޅި، ﷲ ތަޢާލާއަށް ބިރުވެތިވާ ސާފު ޠޯހިރު ހިތެއް ލިބުމެވެ.  

ހިތާއި ބެހޭ ގޮތުން ކީރިތި ޤުރްއާނުގައިވާ މި 5 އާޔަތަށް ވިސްނައިލިނަމަވެސް ގިނަ ފިލާވަޅުތަކެއް ލިބިގެންދާނެއެވެ. އިން ޝާ ﷲ

"ދެން އެއަށްފަހުގައި ތިޔަބައިމީހުންގެ ހިތްތައް ގާވެ ހަރުކަށިވިއެވެ. ފަހެ، އެ ހިތްތައް ހިލައެކޭ އެއްފަދައެވެ. ނުވަތަ އެއަށްވުރެވެސް ހަރުކަން ގަދައެވެ. (އެހެނީ) ހަމަކަށަވަރުން، އެއިން ފެން ކޯރުތައް އުފެދިގެން އަންނަ ހިލަ، ހިލަތަކުގެ ތެރެއިންވެއެވެ. އަދި ހަމަކަށަވަރުން، ފަޅިފަޅިވެގެންގޮސް އެއިން ފެން ނިކުންނަ ހިލަވެސް އޭގެތެރެއިން ވެއެވެ. އަދި ހަމަކަށަވަރުން، ﷲ އަށް ބިރުވެތިވުމުގެ ސަބަބުން ތިރިއަށް ފައިބާ ހިލަވެސް އޭގެތެރެއިން ވެއެވެ. ތިޔަބައިމީހުން ކުރާ ޢަމަލުތަކާމެދު ޣާފިލުވެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ނުވެއެވެ."

(އަލް ބަޤަރާ: 74)  

"ފަހެ، އެމީހެއްގެ އެދުންތައް އެއީ، އެމީހަކު އަޅުކަންކުރާ إله އެއްކަމުގައި ހަދައި، އަދި علم ލިބިފައިވުމާއެކުވެސް، ﷲ އެމީހަކު މަގުފުރައްދަވައި، އަދި އޭނާގެ އިވުމާއި، ހިތުގައި ސިއްކަގައްސަވައި، އަދި އޭނާގެ ލޮލުގައި ފަރުދާއެއްލައްވައިފިމީހާ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟ ﷲ މެނުވީ އެމީހަކަށް ތެދުމަގު ދައްކާނީ ފަހެ، ކާކުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟"

(އަލް ޖާޘިޔަ: 23)  

"އެއުރެންނީ، ﷲ ގެ آية ތަކާމެދުގައި އެއުރެންނަށް ލިބިފައިވާ އެއްވެސް ދަލީލަކާނުލައި ޖަދަލުކުރާ މީހުންނެވެ. ﷲ ގެ حضرة ގައްޔާއި، إيمان ވިމީހުންގެ ގާތުގައި އެކަމަށްހުރި ނުރުހުން ބޮޑުވެގެންވެއެވެ. ކޮންމެ ކިބުރުވެރި ޖައްބާރަކުގެ ހިތުގައި ﷲ ސިއްކަގައްސަވަނީ އެފަދައިންނެވެ."

(އަލް ޣާފިރު: 35)

"އެއުރެންނީ، إيمان ވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟"

(އައް ރަޢްދް: 28)  

"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް حق ން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބަރަސްކަލާނގެ حضرة ން رحمة އެއް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ نعمة ތައް ދެއްވާ ރަސްކަލާނގެއެވެ."

(އާލް އިމްރާން: 8)  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން