ބަރަކާތްތެރި ރަމަޟާން މަސް ނިމިގެންދާއިރު ކުރެވުނު އަޅުކަން މަދުވާކަށް ހަމައެކަކުވެސް ބޭނުމެއް ނުވާނެއެވެ. އެހެނަސް ފަރުވާކުޑަކުރެވިގެން އެކަން އަމިއްލައަށްވެސް ޤަބޫލުކުރެވޭތީ ބައެއް މީހުން މިހާރުވެސް ވަނީ މާޔޫސްވެފައެވެ. އެމީހުންނަށްވެސް ބުނެލަން އޮތީ އަދިވެސް މާޔޫސް ނުވާށެވެ. މިރެއަކީ 23 ވިލޭރެއެވެ، 25، 27، 29 ވިލޭރޭ ކުރިއަށް އެބައޮތެވެ.
މަހުން ބާކީ އޮތް ދުވަސްކޮޅު ހީވާގި ނުވެވިއްޖެ މީހާއަކީ މުޅި އުމުރުދުވަހު ހިތާމަކުރަންޖެހޭނެ މީހަކުކަމުގައިވެ އަދި އާޚިރަތްވެސް ގެއްލިގެން ހިނގައިދާނެ މީހަކުކަމުގައިވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.
ލައިލަތުލްޤަދްރް ވިލޭރެއަކީ ކޮން ރެއެއްކަން އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. ޔަޤީންކަމާއިއެކު އެނގޭ ވަރަކީ އެ ރެއަކީ ފަހު ދިހައިގެ ރޭތަކުގެ ތެރެއިން ރެއެއް ކަމެވެ. އަދި ލައިލަތުލްޤަދްރް ޙާޞިލުކުރަން އެދޭ މީހާ ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި ގަދައަޅައި މަސައްކަތްކުރުމަށް ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވާ ކަމެވެ.
އެ ރެއާއިމެދު ޢިލްމުވެރިންގެ ރައުޔުތައް ވަރަށް ތަފާތެވެ. ދެއްވާފައިވާ ފަތުވާތައް ވަރަށް ގިނައެވެ. އެހުރިހާ ފަތުވާތަކުން ވެސް އެ ރެއަކީ މިވެނި ރެއެއްކަމަށް ބުނެވޭނެ އެއްވެސް ގޮތެއް ނެތެވެ. ކުރިން ބަޔާން މިކުރިވަރަށްވުރެ އިތުރަށް ބުނެވޭނެ ބަހެއް ނެތެވެ. ނަމަވެސް ވަރަށް ގިނަ ޢިލްމުވެރިން ބަޔާން ކުރައްވަވާފައިވަނީ އެރޭ ހިމެނިފައިވުން އެންމެ ގާތީ ފަހު ދިހައިގެ ފަހުކޮޅުގައި ކަމެވެ.
ކޮންމެއަކަސް އަހަރެމެންނަށް އޮތީ ގަދައަޅައި މަސައްކަތްކުރުމެވެ. ގަދައަޅައި މަސައްކަތްކުރުމެވެ. މާޔޫސްވުމެއް ނެތެވެ. ހަމައެކަނި ލައިލަތުލްޤަދްރް ވިލޭރޭ މަސައްކަތްކޮށް ކާމިޔާބުކުރުމުގެ ނިޔަތުގައި އެމީހަކަށް ޤަބޫލުކުރެވޭ ވަކި ރެއަކު މަސައްކަތްކޮށްގެން އެރޭ ޙާޞިލުކުރުމަކީ އެހައި ފަސޭހަކަމަކަށް ނުވެދާނެއެވެ.
މަހުގެ މިހިސާބުގައި ވެސް މިހާހަކަކޮޅު ދައްކައިމިލީ ގިނަ ބައަކު ތަފާތު ސުވާލުތައް ކުރާތީއެވެ. މަހުގެ ދުވަސްތަކުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުމުން ގިނަ ބައަކު ވަރަށް ބޮޑަށް މާޔޫސްވެފައި ތިބުމުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން