އިންސާނާ ދުނިޔެއަށް އުފަންވީންސުރެ އޭނާގެ ފަހަތުގައި ވިއްދައިގެން ތިބެ ޝައިޠޯނުން ވަސްވާސްތައްދެއެވެ. އެކަންކަމުން ސަލާމަތްވެހުރުމަށް ﷲ ތަޢާލާ އިންސާނާއަށް ބުއްދި ދެއްވަވައެވެ. އޭނާ ބޭނުންވެއްޖެ ނަމަ އެހީތެރިވެދެއްވަން މަލާއިކަތުން ލައްވަވަތެވެ.
އެވަރުންވެސް އިންސާނުން، އެމީހުންނަށް ދެއްވެވި ބުއްދީގެ ބޭނުން ނުކުރަނީއެވެ. އެމީޙުންނާއިއެކުގައި ލައްވަވާފައިވާ މަލާއިކަތުންގެ ބޭނުންވެސް ނުހިފަނީއެވެ. އަދި މިއީ މިކަން ހިނގާނެ ގޮތްކަންވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
އަހަރުގެ 12 މަހުގެ ތެރެއިން 1 މަސް، ރަމަޟާން މަސް މަތިވެރިކުރައްވަވައި އެމަހަކީ ސުވަރުގެ އެދިގެން މަސައްކަތްކުރި ކޮންމެ މީހަކަށް ސުވަރުގެ ދެއްވަވާނެ މަސް ކަމުގައި ލެއްވެވީ އެސަބަބަށްޓަކައެވެ. އަހަރުގެ 11 މަހުގައި ކުރެވިފައިވާ ފާފަތަކުން ސަލާމަތްވެ އަލުން އެނބުރި ﷲ ތަޢާލާގެ މަގަށް ރުޖޫޢަ ވުމަށް ފުރުޞަތު ދެއްވެވުމުގެ ގޮތުންނެވެ.
އެފުރުޞަތު ދެއްވަވަނީ ކީއްވެގެން ހެއްޔެވެ؟ އެއްވެސް މީހަކު ނަރަކައަށް ވަނުމަކީ ﷲ ތައާލާ އެދިވޮޑިގަންނަވާ ގޮތް ކަމުގައި ނުވާތީއެވެ. މިހެން ބުނީމާ ތިއަ ކިޔަނީ ކީކޭތޯ ސުވާލުކޮށްފާނެއެވެ. މީސްތަކުންނޭވެ! އަހަރެމެންގެ ލޮލުގެ ކޮޔަށްވުރެ ލޯބިން ގެންގުޅެ ބޮޑުކުރާ، އަމިއްލަ ބޭނުންތައް ނުފުއްދައި އެދަރިންގެ ބޭނުންތައް ފުއްދައިދީގެން ބޮޑުކުރާ ދަރިން ބޮޑެތިވެ ކުށްތައް ކުރަން ފެށުމުން އަދަބު ނުދެމުހެއްޔެވެ؟ އަމިއްލައަށް ފުލުހުންނަށް ގުޅައި އެދަރިންނަށް އަދަބުދޭން ޙަވާލުނުކުރަމުހެއްޔެވެ؟
ކުރިން މިބަޔާންކުރި ފަދައިން ކޮންމެ މީހަކަށްވެސް ރަނގަޅު ގޮތް ވިސްނަވައި ދެއްވަވަން އެމީހަކާއިއެކުގައި ވަނީ މަލާއިކަތުން ލައްވަވާފައެވެ. އަދި ޝައިޠޯނުންގެ ކިބައިން ސަލާމަތްވެ ހުރުމަށްޓަކައި ކިޔަންޖެހޭ ޛިކުރުތައް ވެސް ވަނީ ބަޔާންކުރައްވަވައިފައެވެ. މިއިން އެއްވެސް ނިޢުމަތެއްގެ ބޭނުން ނުހިފައި އަމިއްލައަށް ގޮސް ޝައިޠޯނާގެ މަޅީގައި ޖެހި ނަރަކައަށް ވެއްޓިގަންނަނީ ނޫންހެއްޔެވެ؟
އަދި އެއިގެ އިތުރުން ތައުބާވުމަށް ދެއްވަވާފައިވާ ފުރުޞަތުގެ ބޭނުން ނުހިފަނީ ނޫންހެއްޔެވެ؟ އެއީ އެންމެ ފަހުނޭވައާއި ހަމައަށްވެސް (މަރު ހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތުން އެމީހަކަށް ފެންނަ ވަޤުތާއި ހަމައަށްވެސް) ކޮންމެ މީހަކަށްވެސް ދެއްވަވާފައިވާ ފުރުޞަތެކެވެ. އިންސާނާ ބޮޑާވެ ފުރުޞަތުގެ ބޭނުން ނުހިފަނީ ނޫންހެއްޔެވެ؟
މީސްތަކުންނޭވެ! ރަމަޟާން މަސް ނިމިގެންދަނީއެވެ. އަޅާނުލައި ފަރުވާ ކުޑަކޮށްލައިގެން ތިބެން ހެޔޮނުވާނެއެވެ. ﷲ ތަޢާލާ ދެއްވެވި ފުރުޞަތުގެ ބޭނުންހިފަނަ ގަދައަޅައި މަސައްކަތްކުރަމުން ގެންދާށެވެ! ކާމިޔާބު ކުރެވޭނެއެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން