އެކަނިވެރި މައިންނާ ކައިވެންޏަށް އެދި ތިބި އެންމެންވެސް ރަމަޟާން މަހުގެ ތެރެއިން ބޭނުންވާ ކަންތައް ޙާޞިލުކުރަން މަސައްކަތް ކުރާށެވެ! ކާމިޔާބުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
އެކަނިވެރި މައިންނާ ކައިވެންޏަށް އެދި ތިބި އެންމެންވެސް ރަމަޟާން މަހުގެ ތެރެއިން ބޭނުންވާ ކަންތައް ޙާޞިލުކުރަން މަސައްކަތް ކުރާށެވެ! ކާމިޔާބުވާނެ! އިން ޝާ ﷲ

އެކަނިވެރި މައިންނޭވެ! ތިބާގެ އެކަނިވެރިކަން ފޫއަޅުވާލާފައި ދެކަނިވެލަން ބޭނުން ހެއްޔެވެ؟ ކުރިއަށްވުރެ އުފާވެރި ދިރިއުޅުމެއް ބޭނުން ހެއްޔެވެ؟

އެހެންކަމަށްވާނަމަ ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ރޯދަހިފުމުގެ އިތުރުން ވީހައި ގިނައިން އަޅުކަންކުރާށެވެ. ޚާއްޞަކޮށް ރޭއަޅުކަމަށް ސަމާލުކަންދޭށެވެ. ތިބާ ބޭނުންވާ ކަންކަމުގެ ވާހަކަ ދަންނަވައި ދުޢާކުރާށެވެ! 

ރަމަޟާން މަސް އައުމުން ތަޤްވާވެރިކަން އިތުރުކޮށް ހެޔޮ ބަދަލެއް ގެންނަން މަސައްކަތްކުރާ މީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. ޚާއްޞަކޮށް ރޭއަޅުކަންކުރުން ގިނަ ކުރާ އަޅުންދެކެ ލޯބިވެވޮޑިގަތުން މާބޮޑެވެ. ވީމާ ތިބާ އަދާކުރަންޖެހޭ ކިޔަމަންތެރިކަން އަދާކުރަމުން ތިބާ އެދޭ ކަންކަމުގެ ވާހަކައިން ދުޢާކޮށްބަލާށެވެ! 

ހަމައެކަނި އެކަނިވެރި މައިންނެއްވެސް ނޫނެވެ. ކައިވެނިކުރަން ބޭނުންވެ ނުކުރެވިފައި ތިބި އެންމެންވެސް މިބުނި މަގުން ޢަމަލުކޮށް ދުޢާކުރާށެވެ! އަދި ޒަވާޖީ ޙަޔާތަށް އުފާވެރިކަން އެދިގެންވެސް މިބުނި މަގުން ޢަމަލުކުރުމާއިއެކު ދުޢާކޮށްލަބަލާށެވެ! އިން ޝާ ﷲ ދާދިއަވަހަށް ހެޔޮ ބަދަލުތައް ފެންނަން ފަށާނެއެވެ. 

ރަމަޟާން މަހަކީ ރަހްމަތުގެ މައްސަރެވެ. އެންމެ ބޮޑަށް ސަމާލުކަންދޭންވީ ނަރަކައިން ސަލާމަތްވެވި ސުވަރުގެވަންތަ އަޅަކަށްވުމަށެވެ. އެހެންކަމުން އެކަމަށް އެދިގެން މަސައްކަތްކުރަމުންވެސް ތިމާއަށް ދުނިޔެއިން ބޭނުންވެގެންހުރި ކަންކަމަށް އެދި ދުޢާކުރަން ފަސްނުޖެހޭށެވެ! ދުޢާކުރަމުން ގެންދާށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން