އަންހެނަކަށްވުމަކީ އިސްލާމް ދީނަށް ޚިދުމަތްކުރުމުގަ ފަހަތަށް ޖެހެންވީ ސަބަބެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
އަންހެނަކަށްވުމަކީ އިސްލާމް ދީނަށް ޚިދުމަތްކުރުމުގަ ފަހަތަށް ޖެހެންވީ ސަބަބެއް ނޫން!

ބައެއް އަންހެނުންނަށް ހީކުރެވިފައި އޮންނަނީ އެމީހުންނަކީ އަނހެނުން ކަމުގައިވާކަމީ އިސްލާމް ދީނަށް ޚިދުމަތްކުރުމުގެ ފުރުޞަތު ކުޑަވެގެންދާ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. އިސްލާމް ދީން ބާވައިލެއްވެވުނީންސުރެ އިސްލާމް ދީން މަތިވެރިކުރުމުގައި އަންހެނުން އަންނަނީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ.

މިބުނި ބަހުގެ ތެދުކަން ރަސޫލް ﷺ ގެ ސިޔަރަތުންވެސް ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. އަދި އިސްލާމީ ތާރީޚުންވެސް އެކަން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. އަދި މިއަދު ހިނގަމުންދާ ކަންކަމުންވެސް އެކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.

ތިރީގައިވާ ލިޔުން ވިދާޅުވާށެވެ! އެލިޔުމުން ހިތްވަރު ލިބިގަންނާށެވެ! އެއީ އަލަށް އިސްލާމްވި 3 އަންހެނަކު ކޮށްފައިވާ ޚިދުމަތުގެ ވާހަކައެވެ. މުސްލިމުންގެ ގޮތުގައި އުފަންވެ، ތަރުބިއްޔަތުލިބި، އިސްލާމީ ތައްލީމް ލިބިގެން ތިބި ތިއަ ކަނބަލުންނަށް މާބޮޑެތި ޚިދުމަތްތައް ނުކުރެވެންވީ ސަބަބެއް ނެތެވެ. ބޭނުންވަނީ ޘާބިތުކަމެވެ. ހިތްވަރެވެ!

ފަހުގެ ތާރީޚުގައި ފެނުނު ކީރިތި ޤުރްއާނުގެ އެންމެ ފުރިހަމަ އެއް މުޢްޖިޒާތް- ޞަޙީޙް އިންޓަރނޭޝަނަލުން!

މިއަދު ދުނިޔޭގެ ތަނެއްގައި މުސްލިމް ޢިލްމުވެރިންގެ ބައްދަލުވުމެއް ބޭއްވިނަމަވެސް އަދި ޖަލްސާއެއް ބޭއްވިނަމަވެސް ކީރިތި ޤުރްއާނުގެ އިނގިރޭސި ތަރުޖަމާ ބޭނުންކުރާނަމަ ގިނައިން ބޭނުންކުރަނީ "ޞަޙީޙް އިންޓަނޭޝަނަލް" ކަމަށް ބެލެވެއެވެ. އަދި ބޮޑެތި ޢިލްމުވެރިން ރިފަރކުރައްވަނީވެސް ޞަޙީޙް އިންޓަރނޭޝަނަލް އެވެ.

އެނގޭބައަކަށް އެނގޭނެއެވެ. ނަމަވެސް ގިނަބައަކަށް ނުއެނގޭ ކަމަކީ ޞަޙީޙް އިންޓަރނޭޝަނަލް އެކުލަވައިލީ އަލަށް އިސްލާމްވި، އެމެރިކާގެ 20 އަހަރުގެ ޒުވާން 3 އަންހެންކުދިންކަމެވެ.

ވިސްނައިލާށެވެ! އިސްލާމް ދީނާއި ދެކޮޅަށް އެންމެ ބޮޑަށް ފައުޅުގައި މަސައްކަތްކުރާ އެއް ޤައުމަކީ އެމެރިކާއެވެ. މުސްލިމުންނަށް އެންމެ ބޮޑަށް އަނިޔާވެރިވަމުން އަންނަނީ އެމެރިކާއިންނެވެ! ﷲ ތަޢާލާ، ޢަރަބި ބަހުން ބާވައިލެއްވެވި ކީރިތި ޤުރްއާން އިނގިރޭސިބަހަށް ތަރުޖަމާކޮށް ފެތުރުމުގައި އެންމެ އުހުގައި މިއަދު އެތިބީ އެ އެމެރިކާގެ 3 އަންހެނުންނެވެ.

އަދިވެސް އެންމެ ޚާއްޞަކަން ބޮޑުވާކަންތައް ބުނަން ހެއްޔެވެ؟ އެއީ އެ 3 އަންހެނުންނަކީވެސް އަލަށް އިސްލާމްވި އަންހެނުންކަމުގައިވީކަމެވެ. އުންމު މުޙައްމަދު ނުވަތަ އުންމު އައިމިނަ (އެމިލީ އަސަމި) އަކި މުސްލިމަކަށްވުމުގެ ކުރިން އެތީސްޓެކެވެ. މޭރީ ކެނެޑީ އާއި އަމަތުﷲ ބެންޓްލީ އަކީ ކްރިސްޓިއަން 2 އަންހެނުންނެވެ.

ނިކަން ބުނެބަލާށެވެ! މިއީ ފަހުގެ ތާރީޚުގައި ފެނުނު ކީރިތި ޤުރްއާނުގެ އެންމެ ފުރިހަމަ އެއް މުޢްޖިޒާތް ކަމުގައި ނުވާންވީ ކީއްވެގެންހެއްޔެވެ؟ ﷲ ތައާލާ މީސްތަކުންނަށް އެ ދައްކަވައި ދެއްވަވަނީ ކީރިތި ޤުރްއާން ނިކަމެތި ނުކުރެވޭނެ ކަމެވެ. ކީރިތި ޤުރްއާން ނިކަމެިކުރަން މަސައްކަތްކުރާ މީހުންގެ ތެރެއިން އެކަލާނގެ ރުހިވޮޑިގަންނަވާ އަޅުން މެދުވެރިކުރައްވަވައި މީސްތަކުންނަށް މުޢްޖިޒާތް ދައްކަވާނެ ކަމެވެ.

ގުޅުންހުރި ލިޔުން:  https://en.wikipedia.org/wiki/Sahih_International

ގުޅުންހުރި ވީޑިއޯ: https://www.youtube.com/watch?v=pBcmsoLY4lk

 

މިއަދު އޮންލައިން