ފާފަފުއްސަވައި ދެއްވެވުމާއި ޢަފޫކުރައްވަވައި ދެއްވެވުމުގެ މާނައާއިމެދު ބައެއް މީހުން ސުވާލުކުރެއެވެ. ޙަޤީޤަތުގައި ފާފަ ފުއްސަވައި ދެއްވެވުމާއި ޢަފޫކުރައްވަވައި ދެއްވެވުމަކީ ތަފާތު ދެކަމެކެވެ.
ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ފާފަ ފުއްސަވައިދެއްވެވުން އެދި ދުޢާކުރުމުން ފާފަ ފުއްސަވައި ދެއްވަވާނެތެވެ. އަދި އެފާފައަށް ޢަޛާބު ނުދެއްވެވި ނަމަވެސް އޭނާގެ ފަތުގައި ލިޔެވިފައިވާނެއެވެ. ނަމަވެސް ޢަފޫކުރައްވަވައި ދެއްވަވައިފިނަމަ ފަތުން ފުހެވިގެންދާނެއެވެ. ވީމާ ދުޢާކުރާއިރު އެދެންވީ ފާފަފުއްސަވައި ދެއްވެވުމަކަށް ނޫނެވެ. ޢަފޫކުރައްވަވައި ދެއްވެވުމަށެވެ!
اللْهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُعَنِّي
ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ލައިލަތުލްޤަދްރި ވިލޭރެއާއި ބައްދަލުވެވަޑައިގެންފިނަމަ ކުރައްވަވަން ރަސޫލް ﷺ ޢައިޝަތުގެފާނަށް ޙަދީޘްފުޅު ކުރެއްވެވި މިދުޢާގައި ޢަފޫކުރައްވަވައި ދެއްވެވުމަށް މިއޮތީ އެސަބަބަށްޓަކައެވެ. އެފާފައެއްގެ ވާހަކަ ފަތުން އެކުގައި ފުހެވުމަށް އެދިއެވެ.
ވީމާ ރަމަޟާން މަހުގެ ދެން ހުރި ރޭތަކުގައި ދުޢާކުރާއިއރުވެސް މިކަމަށް ސަމާލުކަންދޭށެވެ! ދުޢާއަކީ އަހަރެމެން އެންމެންގެ ފާފަތަކަށް ޢަފޫކުރައްވަވައި ދެއްވެވުމެވެ. އާމީން
- އިސްލާމީ ތިލަފަތުގެ ދަރުސަކުން