ޝައިޚް އަންސާރުގެ އިލްތިމާސް މަދީނާއިން: ވަޒީރަކަސް އަމީރަކަސް ކިތަންމެ މޮޅު ޢިލްމުވެރިޔަކަސް މައިންބަފައިންގެ ކުރިމަތީގަ އޮތީ ކިޔަމަންތެރިވުމުގެ ގޮތުން ފިޔަ ތިރިކޮށްލުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ޝައިޚް އަންސާރުގެ އިލްތިމާސް މަދީނާއިން: ވަޒީރަކަސް އަމީރަކަސް ކިތަންމެ މޮޅު ޢިލްމުވެރިޔަކަސް މައިންބަފައިންގެ ކުރިމަތީގަ އޮތީ ކިޔަމަންތެރިވުމުގެ ގޮތުން ފިޔަ ތިރިކޮށްލުން!

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަރަށް ވަރުގަދައަށް ބަޔާންކުރައްވަވާފައިވާ އަމުރުފުޅެކެވެ. ﷲ ތަޢާލާ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުމަށް ނިޔާކަނޑައެޅުއްވެވުމަށްފަހު އަމުރުފުޅު ކުރައްވަވާފައިވަނީ މައިންބަފައިންނަށް އިޙްޞާންތެރިވުމަށެވެ. 

އާޔަތުގައި އަމުރުފުޅުކުރައްވަވާފައިވަނީ އެދެމީހުން ނުވަތަ ދެމީހުންކުރެ މީހަކު ތިބާ ގާތުގައި ހުރެ މުސްކުޅިވެއްޖެނަމަ ނުރުހުމުގެ ގޮތުން އެންމެ ކުޑަމިނުން "ޢުފް"ވެސް ނުބުނުމަށެވެ. އަދި އެދެމީހުންނަށް އަޑުލައި ނުހެދުމަށާއި ރިވެތިބަހުން ވާހަކަ ދެއްކުމަށެވެ. ރިވެތިބަހުން މުޢާމަލާތުކުރުމަށެވެ. ވީމާ އޮތީ އެކުވެރިންނާއި މުޢާމަލާތުކުރާ ވަރަށްވުރެ ރިވެތި ގޮތުގައި މުޢާމަލާތުކުރުމެވެ.

މީގެ އިތުރުން އެދެމީހުންގެ ކުރިމަތީގައި ނިކަމެތިވުމުގެ ގޮތުން ފިޔަތިރިކޮށްލުމަށްވެސް ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. ތިބާއަކީ ކިތަންމެ މަތީ ވަޒީފާއެއްގައި ހުރި މީހަކު ނަމަވެސް ވަޒީރަކަސް އަމީރަކަސް ކިތަންމެ މޮޅަށް ކިޔަވައިގެންހުރިނަމަވެސް އެދެމީހުންގެ ކުރިމަތީގައި، އެދެމީހުންނާއި ޖެހުމުން ތިބާއަކީ ކުޑަކުއްޖެކެވެ.

އަންގަވާފައިވަނީ رَّبِّ ارۡحَمۡهُمَا كَمَا رَبَّيٰنِىۡ صَغِيۡرًا މިފަދައިން ދުޢާކުރުމަށެވެ.

"އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!"

"އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތް ލައްވައިފާނދޭވެ!"

(އަލް އިސްރާ: 23،،24)

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ އަޅުގަނޑުމެން ކޮންމެ މީހަކީވެސް މައިންބަފައިންނަށް ވަރަށް ރަނގަޅަށް އިޙްޞާންތެރިވާ ބައަކު ކަމުގައި ލެއްވެވުމެވެ. އާމީން 

- ޝައިޚް ޙުސައިން އަންސާރު

ގުޅުން ހުރި ވީޑިއޯ

މިއަދު އޮންލައިން