ޢާއިޝަތުގެފާނުގެ ސީރަތު: އިފްކުގެ ޙާދިޘާ، ޢާއިޝަތުގެފާނު މަންމާފުޅުގެ ގެކޮޅަށް ވަޑައިގެންނެވުން

ކިޔުމަށް ހޭދަވާނީ 4މ 30ސ
ޢާއިޝަތުގެފާނުގެ ސީރަތު: އިފްކުގެ ޙާދިޘާ، ޢާއިޝަތުގެފާނު މަންމާފުޅުގެ ގެކޮޅަށް ވަޑައިގެންނެވުން

ޢަލީ އިޙްޞާން ފިރާޤް

 

މަންމާފުޅުގެ އަރިހަށް ވަޑައިގެންނެވުން: 

އަހަރެން މަންމާފުޅުގެ އަރިހަށް ގޮސް ދެންނެވީމެވެ. [އޭ މަންމާފުޅާއެވެ. މީސްތަކުން ދައްކައި އެ އުޅެނީ ކޮން ވާހަކައެއް ހެއްޔެވެ؟] މަންމާފުޅު ވިދާޅުވިއެވެ. [އޭ ދަރިފުޅާއެވެ. ކަންބޮޑުނުވާށެވެ. މީހެއްގެ މާ ރީތި އަނތްބަކު އިނދެފައި، ދެން އެމީހެއްގެ އިތުރު އަނބިން ތިބެއްޏާ ތިޔަ ފަދަ އަޑުއަޑު އިވޭނެއެވެ. އެއީ އެކަށީގެންވާ ކަމެކެވެ.] އަހަރެން ދެންނެވީމެވެ. [މީސްތަކުން ހަމަ އެވާހަކަ އެބަ އެގޮތަށް ދައްކާ ހެއްޔެވެ؟] 

އެ ރެޔަކު އެއްގޮތަކަށްވެސް އަހަރެންނަކަށް ނުނިދެއެވެ. މުޅި ރޭގަނޑު އަހަރެން ހޭދަކުރީ ރުއިމުގައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم، އެކަލޭގެފާނުގެ ގާތް ދެ ޞަޙާބީބޭކަލުންކަމުގައިވާ ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހާއި، އުސާމާ ބިން ޒައިދު ރަޟިޔަﷲ ޢަންހު އާ ދެބޭކަލުންނާ މި މައްސަލައާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އުސާމާ ދެންނެވިއެވެ. 

[އޭ މާތްﷲ ގެ ރަސޫލާއެވެ. އެކަމަނާއަކީ ކަލޭގެފާނުގެ އަނބިކަނބަލުންނެވެ. އެކަމަނާއާ ބެހޭގޮތުން ރަނގަޅު ވާހަކައެއް މެނުވީ އަޅުގަނޑު ނާހަމެވެ.] 

ނަމަވެސް ޢަލީގެފާނު މަޝްވަރާ ދެއްވީ ތަފާތުކޮށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. މާތްﷲ ކަލޭގެފާނުގެ މައްޗަކަށް އެއްވެސް ދަތިކަމެއް ނުވަތަ އުނދަގުލެއް ނުލައްވައެވެ. އަންހެނުންނަކީ ގިނަ ބައެކެވެ. ކަލޭގެފާނު އެކަމަނާގެ އަޅުއަންހެންކުއްޖާކުރެން ސުވާލުކޮށްފިނަމަ ތެދަށް ބުނެފާނެއެވެ.] 

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. ދެން މާތް ރަސޫލާ صلّى اللّـه عليه وسلّم، ބަރީރާ ގެންނަވައި އެކަމަނާއާ ސުވާލުކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [އޭ ބަރީރާއެވެ. ކަމަނާއަށް އެއްވެސް ކަހަލަ ޝައްކުވާފަދަ ކަމެއް ފެނިފައިވޭ ހެއްޔެވެ؟] ބަރީރާ ވިދާޅުވިއެވެ. [ޙައްޤު މަގާއިގެން ކަލޭގެފާނު ފޮނުއްވި ފަރާތްގަންދީ ބުނަމެވެ. އެފަދަ އެއްވެސް ކަމެއް އަޅުގަނޑު ނުދެކެމެވެ. ނަމަވެސް އެކަމަނާއަކީ ވަރަށް ޒުވާން އުމުރުފުޅެއްގެ ބޭކަނބަލެކެވެ. ބައެއް ފަހަރު ފުށްމޮޑުވައިފައި އެކަމަނާ އަވަހާރަފުޅުވެސް ލައްޕަވަފާނެއެވެ. ބައެއް ފަހަރު ބަކަރި ގެއަށް ވަދެގެން އައިސް ފުށްގަނޑު ކައިލައިގެންދެއެވެ.] 

އެއަށްފަހު މާތް ނަބިއްޔާ صلّى اللّـه عليه وسلّم، މިސްކިތްކޮޅަށް ވަޑައިގެން މިންބަރަށް އަރާ ވަޑައިގެން ޞަޙާބީންނާ މުޚާތަބު ކުރައްވައި ޙަދީޘު ކުރެއްވިއެވެ. [އޭ މުސްލިމުންނޭވެ. އަހަރެންގެ ޢާއިލާއާ ބެހޭގޮތުން އަހަރެންނަށް އުނދަގޫ ދޭ މީހާއާ ދެކޮޅަށް އަހަރެންނަށް ވާގިވެރިވާނީ ތިޔަބައިމީހުންގެ ތެރެއިން ކާކު ހެއްޔެވެ؟. އަހަރެންގެ ޢާއިލާއާމެދު ރަނގަޅު އެއްޗެއް މެނުވީ އަހަރެންނަކަށް ނޭނގެއެވެ. އެބައިމީހުން އެ ތުހުމަތު އަޅުވާ ފިރިހެންމީހާއާ ބެހޭ ގޮތުންވެސް ރަނގަޅު އެއްޗެއް މެނުވީ އަހަރެންނަކަށް ނޭނގެއެވެ. އަހަރެންގެ ހާޒިރުގައި މެނުވީ އޭނާ އަހަރެންގެ ގެއަށް ވެދެއެއް ނޫޅެއެވެ.] 

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. [އަހަރެން ގޭގައި އޮވެގެން ރޮމުން ގެންދިޔާމެވެ. އަހަރެން ރޯވަރުން އަހަރެންގެ ހިތް ފަޅައިގެން ގޮސްދާނެ ކަމަށް މަންމާފުޅުމެން ހީފުޅު ކުރެއްވިއެވެ. މި ޙާލެއްގައި އުޅެނިކޮށް މާތް ރަސޫލާ صلّى اللّـه عليه وسلّم ވަޑައިގެން އަހަރެންގެ މަގަތުގައި އިށީންދެވަޑައިގަތެވެ. އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. 

[އޭ ޢާއިޝާއެވެ. ކަމަނާއަށް ކުށެއް ކުރެއްވިފައިވާނަމަ އަވަހަށް އެކަމަށް ތައުބާވެވަޑައިގަންނަވާށެވެ. ކަމަނާ އެކަމުން ބަރީއަވެގެންވާނަމަ، އަރަހުށި މާތްﷲ އެކަން އަންގަވައި ކަމަނާގެ ކުށެއްނެތްކަން ބަޔާން ކުރައްވާނެއެވެ. އެކަލާނގެ އަޅުތަކުންގެ ތެރެއިން އަޅަކު ކުށެއްކޮށް އެކަމަށް އިއުތިރާފުވެ، ތައުބާވެއްޖެނަމަ، މާތްﷲ އެ ތައުބާ ޤަބޫލުފުޅު ކުރައްވާނެއެވެ.] 

މާތް ރަސޫލާ صلّى اللّـه عليه وسلّم، ވާހަކަފުޅު ހުއްޓަވައިލެއްވުމާއެކު އަހަރެންގެ ލޮލުން ކަރުނަ ހިކުނެވެ. އަހަރެން ބައްޕާފުޅަށް ދެންނެވީމެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ޖަވާބު އަރުއްވާށެވެ. ބައްޕާފުޅު ވިދާޅުވިއެވެ. [އެކަލޭގެފާނަށް ދެއްވާނެ ޖަވާބެއް ތިމަންކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވައެވެ.] މަންމާފުޅުވެސް ދެއްވީ ހަމަ އެ ޖަވާބެވެ. އަހަރެންނަކީ އޭރު ވަރަށް ޒުވާން ޢުމުރެއްގެ ކުއްޖެކެވެ. ޤުރްއާނުގެ މާ ބޮޑު ޢިލްމެއް އެނގިފައެއްނެތެވެ. އަހަރެން ދެންނެވީމެވެ. 

[މާތްﷲ ގަންދެމެވެ. ތިޔަބޭކަލުންނަށް ވާހަކައެއް އަޑު އިވިވަޑައިގަތީއެވެ. އަދި އެވާހަކަ ތިޔަބޭކަލުންގެ ހިތްޕުޅުތަކުގައި ހަރުލީއެވެ. އެކަން ޤަބޫލުފުޅު ކުރެވުނީއެވެ. އަޅުގަނޑު އެކަމުން ބަރީއަވެގެންވާކަން ހާމަކުރިއަސް ތިޔަބޭކަލުން އެކަން ޤަބޫލުފުޅެއް ނުކުރައްވާނެއެވެ. އަޅުގަނޑު ބުނާނީ ޔޫސުފުގެފާނުގެ ބައްޕާފުޅު ވިދާޅުވި ފަދައިންނެވެ.] (ޔޫސުފުގެފާނުގެ ބައްޕާފުޅު ޔަޢުޤޫބުގެފާނު ވިދާޅުވީ ދެން އޮތީ އެންމެ ރިވެތި ގޮތުގައި ކެތްތެރިވުމެވެ.)

ދެން އަހަރެން އެނދުގެ އަނެއް ފަރާތަށް އެނބުރިގެން އޮވެއްޖައީމެވެ. އަހަރެން އެކަމުން ބަރީއަވެގެންވާކަން އަހަރެން ދަންނަމެވެ. އަދި މާތްﷲ އަހަރެންގެ ކުށެއްނެތްކަން ބަޔާން ކުރައްވާނެ ކަމަށްވެސް އަހަރެން ޔަޤީން ކުރީމެވެ. ނަމަވެސް އަހަރެންނާ ބެހޭ ގޮތުން ޤުރްއާނުގެ އާޔަތްތަކެއް ބާވައިލައްވާނެއެކޭ އަހަރެން ހިޔެއް ނުކުރަމެވެ. އަހަރެން އަހަރެންގެ އަމިއްލަ ނަފްސާމެދު ދެކެނީ އެއަށްވުރެ މާ ނިކަމެތިކޮށެވެ.

މިއަދު އޮންލައިން