ރަމަޟާން މަސް އައުމުން ގިނަބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ދެމަފިރިން ތިބެންޖެހޭ މަސް ނިމެންދެން އަތްނުފޯރާ ހިސާބު ދުރުގައި ކަމަށެވެ. ދެމަފިރިން ނިދަންވާނީ ދެ އެނދުގައި ނުވަތަ އެއް އެނދުގައި ނިދާނަމަ މެދުގައި ކަންނެޔޮ އަތުރައި ޕާޓިޝަން ޖަހައިގެން ކަމަށެވެ.
ނަމަވެސް މިއީ ވަރަށް ބޮޑު ކުށްހީއެކެވެ. ދެމަފިރިންކުރެ މީހަކު ބޭނުންވެއްޖެނަމަ ނުވަތަ ދެމީހުން ބޭނުންވުމުން ރޭގަނޑުގެ ވަގުތުތަކުގައި ދެމަފިރިންގެ މެދުގައި ގުޅުން ހިންގުމަކީ އެކަމުގެ ސަބަބުން ހިފާ ރޯދައަށް އެއްވެސް ނުބައި އަސަރެއްކުރާނެ ކަމެއް ނޫނެވެ. ކުރާނަމަކުރާނީ ފައިދާއެވެ.
ރޯދަހިފުމަކީ އެކަންކަމަށް ދުރުހެލިކޮށްދޭ ކަމެއް ނަމަވެސް އެކަން އެގޮތަށް މެދުވެރިވަނީ އެކި މީހުންނަށް އެކި މިންވަރަށެވެ. ވީމާ ކޮންމެ މީހަކުގެ ގާތު "މިއީ ރަމަޟާން މަހޭ. ބިރުވެތިވާށޭ" ބުނުމަކުން ނުފުދޭނެއެވެ.
ފުރަތަމަ އޮތީ ރަމަޟާން މަހު އަނބިންނާއި ކައިރިވުން މަނާކުރައްވަވައިފައެވެ! ހުއްދަވީ ކޮންބޭކަލަކަށް ކޮންކްމެއް ކުރެއްވެވިގެންހެއްޔެވެ؟ އިސްލާމް ދީނުގެ ޙުކުމްތައް އެންމެ ފުރިހައަށް ތަންފީޒުކުރެއްވެވި ޢުމަރުގެފާނަށް އަނބިކަނބަލުންނާއި ގުޅުންހެންގެވިގެން ނޫނެހެއްޔެވެ؟ ވީމާ އަހަރެމެންގެ ޙާލަތު ހުންނާނީ ކިހިނަކުންހެއްޔެވެ؟
މީސްތަކުންނޭވެ! ޚައްޞަކޮށް ލޮބުވެތިޒުވާނުންނޭވެ! މިއީ ރަމަމާންމަސް ކަމުގައިވުމުން ބައިވެރިޔާގެ ކިބައިން ބޭނުންވާ ކަންކަމުން މަސް އެކުގައި މަޙްރޫމްވެގެން ހުންނަން ނުވެސް ވިސްނާށެވެ! ތަރާވީޙުން އައިސް ނިދައިލުމާއިދެމެދު ދެމަފިރިން ބޭނުންވާވަރަކަށް އުފާކުރާށެވެ! އެހެން މަސްމަހުގައިވެސް ދެމަފިރިން ގާތްވެލައި ބޮސްދީ އުޅުނުގޮތަށް އުޅެމުން ގެންދާށެވެ! އެއްދާންވެސް ކުރާށެވެ! އެއަށްފަހު އަވަހަށް ނިދާށެވެ! ދަމުނަމާދަށް ހޭލާށެވެ! ދެމަފިރިން އެކުގައި ދަމުނަމާދުކުރާށެވެ! ރޭއަޅުކަންކުރުމުގައި ހީވާގިވާށެވެ!
ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ހުރިހާ ގުޅުންތަކެއް (އެއްދާންކުރުންވެސް ހިމެނޭ ގޮތުން) ރަމަޟާން މަހު ވެސް (ރޭގަނޑު) ނުބާއްވާނަމަ އެއީ ރަމަޟާން ަމހަށް ފުރިހަމަ ގޮތުގައި އިޙްތިރާމްކުރުން ކަމަކަށް އަހުރެން ނުދެކޭނަމެވެ.
އެހެނީ މިއަޔަތް ބާވައިލެއްވެވީ ރޯދަމަހެއްގައެވެ. "ރޯދައަށް ތިބޭ ރޭ ތިއަބައިމީހުންގެ އަނބިންގެެ ގާތށް ގޮސް ރޭކުރުން ތިއަބައިމީހުންނަށް ހުއްދަކުރައްވައިފިއެވެ. އެކަނބަލުންނީ ތިއަބައިމީހުންނަށް ފޭރާމެކެވެ. ހަމަކަށަވަރުން ތިއަބައިމީހުންގެ އަމިއްލަ ނަފުސްތަކަށް ޚިޔާނާތްތެރިވަމުން ދިއަކަން ﷲ ދެނެވޮޑިގެންވެއެވެ. ދެންފަހެ ތިއަބައިމީހުންގެ މައްޗަށް ތައުބާ ލައްވަވައި ތިއަބައިމީހުންގެ ކބައިން ޢަފޫކުރައްވަވައިފިއެވެ. ފަހެ މިހާރު ތިއަބައިމީހުން އެކަނބަލުންނާއި ބީހިއުޅޭށެވެ! (އެބަހީ ޖިމާޢުވުން ހުއްދަކުރައްވައިފިއެވެ.) އަދި ތިއަބައިމީހުންނަށްޓަކައި ﷲ ކަނޑައަޅުއްވަވާފައިވާ ގޮތް އެދޭށެވެ!----" (އަލަބަޤަރާ: 187)
މިއާޔަތް ބާވައިލެއްވެވީ ރަމަޟާން މަހެއްގައެވެ. އެއިރު އެކަން މަނާވެފައިވަނިކޮށް ހުއްދަކުރެއްވެވުމުން މީސްތަކުން އެކަންކުރަން އަވަސްވެގަންނާނެ މިންވަރު ﷲ ތަޢާލާ ދެނެވޮޑިގެންވއެވެ. އަދި "--ފަހެ މިހާރު ތިއަބައިމީހުން އެކަނބަލުންނާއި ބީހިއުޅޭށެވެ! (އެބަހީ ޖިމާޢުވުން ހުއްދަކުރައްވައިފިއެވެ.) އަދި ތިއަބައިމީހުންނަށްޓަކައި ﷲ ކަނޑައަޅުއްވަވާފައިވާ ގޮތް އެދޭށެވެ!—" އޮތް ބަސްފުޅުން މިދެއްކި ހުރިހާ ވާހަކަތަކަށް ދަލީލު ލިބިގެންދެއެވެ.
މީސްތަކުންނޭވެ! ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކަންކަން ހުއްދަކުރައްވަވާފައި ގޮތަށް ކުރުމަކީ ޘަވާބު ދެއްވަވާ ކަމެކެވެ. ވީމާ ދެމަފިރިންގެ މެދުގައި ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ އިންތަކުގައި ގުޅުން ބޭއްވުމަކީވެސް ޘަވާބު ދެއްވަވާނެކަމެކެވެ!
- އުސްތާޛް ނޫމާން ޢަލީ ޚާންގެ ދަރުސަކުން