ރޯދަމަހަކީ މީރުކޮށް ކެއުމުގަ ވާދަކުރާ މަހަކަށް ހަދައިގެން ނަރަކައިން ސަލާމަތްވެވިދާނެ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ރޯދަމަހަކީ މީރުކޮށް ކެއުމުގަ ވާދަކުރާ މަހަކަށް ހަދައިގެން ނަރަކައިން ސަލާމަތްވެވިދާނެ ހެއްޔެވެ؟

ﷲ ތައާލާ ތަނަވަސްކަން މިންވަރު ކުރެއްވެވުމުން ރަމަޟާން މަސް އަހަރެމެން މިހަދަނީ ވީހައި މީރުކޮށް ކެއުމުގެ ޢީދަކަށެވެ. ކާނާގެ ތަފާތު ބައިތައް ހޯދަން އުޅެންޖެހުންނާއި ކައްކަން ހޭދަކުރަންޖެހޭ ވަގުތު ގިނަކަމުން މިއުޅެނީ އަޅުކަންކޮށްލާނެ ވަގުތުކޮޅެއް ނުލިބިގެންނެވެ. އެހެންކަމާއިއެކުގައިވެސް އަހަރެމެން މިބުނަނީ އަހަރެމެންނަކީ ރޯދަ ހިފާ ބައަކު ކަމުގައެވެ.  

ރަމަޟާން މަހާއި ބައްދަލުވެވަޑައިގަތުމުން ރަސޫލް () އާއި އިތުރު މާތް ނަބިއްޔާގެ ޞަހާބީން އުޅުއްވެވި ޙާލުކޮޅަށް ވިސްނާށެވެ. އެބޭކަލުން ރޯދަ ހިއްޕެވީ ކޮން ފަދަ ބޮޑު ނިކަމެތި ކަމުގައި އުޅުއްވަވަމުން ހެއްޔެވެ؟ އަހަރެމެން އެނމެ ރެއަކު ކައި މިއުޅޭ މިންވަރަށް އެއިން ބޭކަލަކު މުޅި ރަމަޟާން މަހުގައިވެސް ފަރިއްކުޅުއްވެވިކަން އެނގޭކަށް ނެތެވެ.  

އެހެންކަމާއިއެކުގައިވެސް އެބޭކަލުން ކަންބޮޑުވެވަޑައިގެން އުޅުއްވެވީ އަޅުކަން ނުކުރެއްވިދާނެތީއެވެ. ވާދަކުރެއްވެވީ އަޅުކަން ކުރެއްވެވުމުގައެވެ. ތިއްބެވީ ﷲ ތާޢާލާއަށް ޛިކުރު ކުރެއްވެވުނަ މަތީގައެވެ. ދުޢާ ކުރެއްވެވުން މަތީގައެވެ. ކޮން ކަމަކަށް އެދިވަޑައިގެން ކަމަށް ހެއްޔެވެ؟ އެބޭކަލުން ރަމަޟާން މަހު ކުރައްވަވާ އަޅުކަންތައް ޤަބޫލުފުޅު ކުރެއްވެވުން އެދިވަޑައިގެނެވެ. ހިއްޕަވާ ރޯދަ ޤަބޫލުފުޅު ކުރެއްވެވުން އެދިވަޑައިގެނެވެ. ގެކޮޅުތަކުގައި މީރު ފަރިއްކޮޅުތައް ނެތިގެން މީރުހައި ތަކެއްޗަށް އެދިވަޑައިގެނެއް ނޫނެވެ.  

ދުނިޔެ ނިމޭނެ ދުވަހެއް ލަފާކުރަން އެނގޭނެ މީހަކުވެސް ނެތެވެ. ނަމަވެސް މިހައި އަވަހަށް ކަންކަން މިވަނީ މުޅިންހެން ބަދަލުވެފައެވެ.  

މީސްތަކުން ވިސްނާށެވެ. ލިބުނު ވަރަކުން މީރުތަކެތިވެސް ކައިބޮއިހަދާށެވެ. ނަމަވެސް ރޯދަމަހު ކުރަން ޖެހޭ އެންމެ މުހިންމު ކަމަކަށް މީރުހައި ތަކެތި ކެއުން ނުހަދާށެވެ. ވީވަރަކުން ޞަދަޤާތް ކުރާށެވެ. މީރުހައި ތަކެތި ކެއުމުން އެތަކެތި ހަށިގަނޑުން އިސާހިތަކު ބޭރުވެގެންދާނީ ނަޖިހަށް ބަދަލުވެ އެއްވެސް އަގެއް ނެތް ގޮތުގައެވެ. އަތް ޖައްސާލަން ބޭނުންނުވާތަނުގައި ވަސް ބަލައިލަންވެސް ބޭނުން ނުވާ ހަޑިމުޑުދާރުއެއްޗެއްގެ ގޮތުގައެވެ 

ނަމަވެސް ތިބާ ޞަދަޤާތެއް ކޮށްފިނަމަ ނުވަތަ ހެޔޮ އަމަލެއް ކޮށްފިނަމަ އެކަން ދުވަހަކުވެސް  ތިބާ އާއި ވަތްކެއް ނުވާނެއެވެ. މިދުނިޔެއާއި ޢާޚިރަތުގައި ތިބާ އާއިއެކު ދެމިހުންނާނެއެވެ. ތިބާ ނަރަކައިން ސަލާމަތްކޮށްދޭ އައްޑަނައަކަށްވާނެއެވެ.  

ވީމާ ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެގެންދާއިރު މިކަންކަމާއިމެދު އިތުރަށް ވިސްނާށެވެ! އަހަރެމެންނާއި ބައްދަލުކޮށްފައި މިވާ ބަރަކާތްތެރި ރަމަޟާން މަހުގެ ސަވާބާއި ދަރުމަ ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! ޙަޤީޤީ ރޯދަވެރިންނަކީވެސް ކާމިޔާބު މީހުންނަކީ ވެސް ހަމައެއީއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން