މީސްތަކުންނޭވެ! ﷲ ތަޢާލާ ނަމާދު ފަރުޟު ކުރެއްވެވީ ރަސޫލް ﷺ އަށް ދެއްވެވި އެންމެ މަތިވެރި ޝަރަފު ދެއްވެވެވުމަށްފަހުގައެވެ. އިސްރާ އާއި މިޢްރާޖްގެ ދަތުރުފުޅުގައެވެ. (އަދި އެއީ މިއުންމަތަށް ވެސް ދެއްވެވި އެންމެ މަތިވެރި ޝަރަފްވެސްމެއެވެ.)
އަޅުގަނޑުގެ ފަހަތުން އެފެންނަނީ އިސްލާމީ ތާރީޚުގައި ފުރަތަމަ ބިނާކުރެވުނު މިސްކިތެވެ. ޤުބާމިސްކިތެވެ. މަދީނާއަށް ހިޖުރަކުރެއްވެވުމަށްފަހު ރަށްބޭރުގައި މަޑުކުރައްވަވައި ބިނާ ކުރެއްވެވި މިސްކިތެވެ. އެކަމުންވެސް އަންގައިދެނީ ޖަމާޢަތުގައި ނަމާދުކުރުމުގެ މުހިންމުކަން ބޮޑުކަމެވެ.
ކޮންމެ ނަމާދަކަށް ގޮވާލެވޭ ބަންގީގައި ގޮވާލެވެނީ ކާމިޔާބާއި ފަލާޙް ލިބިގަތުމަށްޓަކައި ނަމާދަށް އައުމަށެވެ. ﷲ ތަޢާލާގެ ނިދާގެ އަޑުއިވުމުން އަޅުގަނޑުމެންނަށް އޮތީ އެކަމަށް އަވަސްވެގަތުމެވެ.
ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ރަސޫލާ ﷺ އެންމެ ފަހުން ކުރެއްވެވި ވަޞިއްޔަތްފުޅުތަކުގެ ތެރޭގައިވެސް ނަމާދޭ، ނަމާދޭ ޙަދީޘްފުޅުކުރައްވަވައި ނަމާދަށް ރައްކައުތެރިވުމަށް ވަނީ ވަޞިއްޔަތްފުޅު ކުރައްވަވައިފައެވެ.
އެހެންކަމުން އަޅުގަނޑުމެންނަކީ ރަސޫލް ﷺ އަށް ފުރިހަމަގޮތުގައި ކިޔަމަންތެރިވެގެން ތިބި ބައަކު ކަމުގައިވާނަމަ އިތުރު އެކަލޭގެފާނުގެ މިއަމުރުފުޅަށް ތަބަޢަވާން ޖެހޭނެއެވެ. ނަމާދަކީ އިސްލާމްކަމާ ކާފިރުކަން ވަކިކޮށްދޭ އިންފާރުކަން ޞަޙީޙް ޙަދީޘްފުޅުތަކުން ޘާބިތުވާން އެބައޮތެވެ. ވީމާ އަޅުގަނޑުމެންނަށް އޮތީ ނަމާދުތަކަށް ރައްކައުތެރިވުމެވެ.
ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީވެސް ބަރާބަރަށް ނަމާދު ޤާއިމުކުރާ ބައަކު ކަމުގައި ލައްވަވައި ސުވަރުގެ ދެއްވަވާ އަޅުނަކްމުގައި ލެއްވެވުމެވެ. އާމީން
- ޝައިޚް ޙުސައިން އަންޞާރު / މަދީނާއިން މިއަދުނޫހަށް
ގުޅުންހުރި ވީޑިއޯ: