ޢަލީ އިޙްޞާން ފިރާޤް
ކުށެއްނެތްކަން ސާބިތުވުން:
މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނު އިށީންދެ ވަޑައިގެން އިންނެވި ތަނުގައި އިށީންދެވަޑައިގެން އިންނަވަނިކޮށް އެކަލޭގެފާނަށް ވަޙީ ބާވައިލެއްވުނެވެ. ވަޙީ ބާވައިލައްވާ ނިމުނު އެކަލޭގެފާނު ހިނިވަރުނަ ކުރައްވައި ވިދާޅުވިއެވެ. [އޭ ޢާއިޝާއެވެ. މާތްﷲ ކަމަނާގެ ކުށެއްނެތަކަން ބަޔާން ކުރައްވައިފިއެވެ. ދެން އަހަރެންގެ މަންމާފުޅު ވިދާޅުވިއެވެ. [އަވަހަށް މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ޝުކުރު އަދާކުރާށެވެ.] އަހަރެން ދެންނެވީމެވެ. [ޝުކުރު އަދާ ކުރާނީ ހަމައެކަނި މާތްﷲ އަށެވެ.].......)
{ޞަޙީޙު ބުޚާރީ، ކިތާބުއް ތަފްސީރު، ޙަދީޘް ނަންބަރު 4740}
އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ކުށެއްނެތްކަން ބަޔާން ކުރައްވައި ނޫރޫ ސޫރަތުގެ މިދަންނަވާ އާޔަތްތައް ބާވައިލެއްވިއެވެ.
إِنَّ الَّذِينَ جَاءُوا بِالْإِفْكِ عُصْبَةٌ مِّنكُمْ ۚ لَا تَحْسَبُوهُ شَرًّا لَّكُم ۖ بَلْ هُوَ خَيْرٌ لَّكُمْ ۚ لِكُلِّ امْرِئٍ مِّنْهُم مَّا اكْتَسَبَ مِنَ الْإِثْمِ ۚ وَالَّذِي تَوَلَّىٰ كِبْرَهُ مِنْهُمْ لَهُ عَذَابٌ عَظِيمٌ ﴿١١﴾ لَّوْلَا إِذْ سَمِعْتُمُوهُ ظَنَّ الْمُؤْمِنُونَ وَالْمُؤْمِنَاتُ بِأَنفُسِهِمْ خَيْرًا وَقَالُوا هَـٰذَا إِفْكٌ مُّبِينٌ ﴿١٢﴾ لَّوْلَا جَاءُوا عَلَيْهِ بِأَرْبَعَةِ شُهَدَاءَ ۚ فَإِذْ لَمْ يَأْتُوا بِالشُّهَدَاءِ فَأُولَـٰئِكَ عِندَ اللَّـهِ هُمُ الْكَاذِبُونَ ﴿١٣﴾ وَلَوْلَا فَضْلُ اللَّـهِ عَلَيْكُمْ وَرَحْمَتُهُ فِي الدُّنْيَا وَالْآخِرَةِ لَمَسَّكُمْ فِي مَا أَفَضْتُمْ فِيهِ عَذَابٌ عَظِيمٌ ﴿١٤﴾ إِذْ تَلَقَّوْنَهُ بِأَلْسِنَتِكُمْ وَتَقُولُونَ بِأَفْوَاهِكُم مَّا لَيْسَ لَكُم بِهِ عِلْمٌ وَتَحْسَبُونَهُ هَيِّنًا وَهُوَ عِندَ اللَّـهِ عَظِيمٌ ﴿١٥﴾ وَلَوْلَا إِذْ سَمِعْتُمُوهُ قُلْتُم مَّا يَكُونُ لَنَا أَن نَّتَكَلَّمَ بِهَـٰذَا سُبْحَانَكَ هَـٰذَا بُهْتَانٌ عَظِيمٌ ﴿١٦﴾ يَعِظُكُمُ اللَّـهُ أَن تَعُودُوا لِمِثْلِهِ أَبَدًا إِن كُنتُم مُّؤْمِنِينَ ﴿١٧﴾ وَيُبَيِّنُ اللَّـهُ لَكُمُ الْآيَاتِ ۚ وَاللَّـهُ عَلِيمٌ حَكِيمٌ ﴿١٨﴾ إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ۚ وَاللَّـهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ﴿١٩﴾ وَلَوْلَا فَضْلُ اللَّـهِ عَلَيْكُمْ وَرَحْمَتُهُ وَأَنَّ اللَّـهَ رَءُوفٌ رَّحِيمٌ ﴿٢٠﴾
މާނައީ: [ހަމަކަށަވަރުން، ބޮޑުވެގެންވާ ދޮގުވާހަކައާއިގެން އައި މީހުންނަކީ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކު މީހުންނެވެ. އެއީ ތިޔަބައިމީހުންނަށްހުރި ނުބައެއްކަމުގައި ތިޔަބައިމީހުން ހީނުކުރާށެވެ! އަދި ކިއެއްތަ! އެއީ ތިޔަބައިމީހުންނަށްހުރި ހެވެކެވެ. އެއުރެންކުރެ ކޮންމެމީހަކަށްމެ، ފާފައިގެ ތެރެއިން އެމީހަކު ހޯދައިގަތްކަމެއް ވެއެވެ. އަދި އެއުރެންގެ ތެރެއިން އެކަމުގެ ބޮޑުބައި ލިބިގަތްމީހާ (ދަންނާށެވެ!) އޭނާއަށް ބޮޑުވެގެންވާ عذاب ހުށްޓެވެ. އެވާހަކަ އިވުނުހިނދު، مؤمن ފިރިހެނުންނާއި، مؤمن އަންހެނުން އެއުރެންގެ އަމިއްލަ نفس ތަކާމެދުގައި ހެޔޮކޮށް ހީނުކުޅައީ ކީއްވެގެން ބާވައެވެ؟ އަދި މިއީ، بيان ވެ ފާޅުވެގެންހުރި ބޮޑުދޮގެކޭ ނުބުނީ ކީއްވެގެން ބާވައެވެ؟ އެކަމުގެ މައްޗަށް އެއުރެން ހަތަރުހެކިން ނުގެނައީ ކީއްވެގެން ހެއްޔެވެ؟ ފަހެ، އެއުރެން (އެކަން ދެނެހުރި) ހެކިން ނުގެނައިހިނދު، ފަހެ، اللَّه ގެ حضرة ގައި އެއުރެންނީ ހަމަ ދޮގުހަދާ މީހުންނެވެ. ދުނިޔެއާއި، آخرة ގައި ތިޔަބައިމީހުންގެ މައްޗަށް اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ވަންތަކަން ނެތްނަމަ، ތިޔަބައިމީހުން ދައްކަމުން ގެންދިޔަ ވާހަކަތަކާމެދު، ބޮޑުވެގެންވާ عذاب އެއް، ތިޔަބައިމީހުންގައި ބީހިއްޖައީސްކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ދޫތަކުން އެ ވާހަކަތައް ލިބިގަންނަމުންދިޔަ ހިނދުގައެވެ. އަދި ތިޔަބައިމީހުންނަށް އެކަމާމެދު އެނގުމެއްނުވާ ކަންތަކުގެ ވާހަކަ، ތިޔަބައިމީހުންގެ އަނގަތަކުން ބުނަމުއެވެ. އަދި اللَّه ގެ حضرة ގައި އެކަންތައް ބޮޑުކަމެއްކަމުގައިވާ حال، އެއީ ކުޑަ ކަމެއްކަމުގައި ތިޔަބައިމީހުން ހީކުރަމުއެވެ. ތިޔަބައިމީހުންނަށް އެވާހަކަ އަޑުއިވުނުހިނދު (މިހެން) ތިޔަބައިމީހުން ނުބުނީ ކީއްވެގެން ހެއްޔެވެ؟ މިވާހަކަ ދެއްކުމަކީ ތިމަންމެން ކޮށްގެންވާނެ ކަމެއްނޫނެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! މިއީ ބޮޑުވެގެންވާ بهتان ދޮގެކެވެ. ތިޔަބައިމީހުންނީ مؤمن ން ކަމުގައިވާނަމަ، އެފަދަކަމަކަށް ދުވަހަކުވެސް އެނބުރި ނުދިއުމަށް اللَّه ތިޔަބައިމީހުންނަށް وعظ އިއްވަވަތެވެ. އަދި اللَّه ތިޔަބައިމީހުންނަށްޓަކައި آية ތައް بيان ކޮށްދެއްވަތެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ. ތިޔަބައިމީހުންގެ މައްޗަށް اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ވަންތަކަން ނުވާނަމަ، އަދި ހަމަކަށަވަރުން، اللَّه އީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ކަލާނގެކަމުގައި ނުވާނަމަ (ތިޔަބައިމީހުންގެ މައްޗަށް ވަގުތުން ކޯފާ ފޮނުއްވައިފީހެވެ.)]
އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. އަބޫބަކުރުގެފާނަކީ މިސްތަޙުގެފާނާ ތިމާގެފުޅު ބޭކަލެކެވެ. އޭނާއަކީ ވަރަށް ފަޤީރު ބޭކަލެކެވެ. ދޮގުވާހަކަ ދެއްކި މީސްތަކުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަތުމުން އެކަލޭގެފާނު ވިދާޅުވިއެވެ.
[މާތްﷲ ގަންދެމެވެ. މީގެ ފަހުން ދެން ދުވަހަކުވެސް މިސްތަޙަކަށް އަހަރެން އެއްވެސް ހޭދައެއް ނުކުރާނަމެވެ.]
މި ކަމާ ވިދިގެން ނޫރު ސޫރަތުގެ 24 ވަނަ އާޔަތް ބާވައިލެއްވިއެވެ. އެ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَلَا يَأْتَلِ أُولُو الْفَضْلِ مِنكُمْ وَالسَّعَةِ أَن يُؤْتُوا أُولِي الْقُرْبَىٰ وَالْمَسَاكِينَ وَالْمُهَاجِرِينَ فِي سَبِيلِ اللَّـهِ ۖ وَلْيَعْفُوا وَلْيَصْفَحُوا ۗ أَلَا تُحِبُّونَ أَن يَغْفِرَ اللَّـهُ لَكُمْ ۗ وَاللَّـهُ غَفُورٌ رَّحِيمٌ ﴿٢٢﴾
މާނައީ: [ތިޔަބައިމީހުންގެ ތެރެއިން ދީލަތިކަމާއި، ތަނަވަސްކަމުގެ ވެރިން، ގާތްތިމާގެ މީހުންނަށާއި، مسكين ންނަށާއި، اللَّه ގެ މަގުގައި هجرة ކުޅަ މީހުންނަށް، ނުދިނުމަށް ހުވާނުކުރާހުށިކަމެވެ! އަދި އެއުރެން عفو ކޮށް މާފުކުރާހުށިކަމެވެ! اللَّه ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.]
މި އާޔަތް ބާވައިލެއްވުމުން އަބޫބަކުރުގެފާނު ވިދާޅުވިއެވެ. [އަހަރެން އެދެނީ މާތްﷲ އަހަރެންގެ ފާފަތައް ފުއްސެވުމަށެވެ. މިސްތަޙަށް ހޭދަކުރާ ހޭދަކުރުންތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނަމެވެ.]
{ޞަޙީޙު ބުޚާރީ، ކިތާބުއް ތަފްސީރު، ޙަދީޘް ނަންބަރު 4740}
އުއްމުލް މުއުމިނީން އައްސައްޔިދާ ޒައިނަބު ބިންތު ޖަޙުޝަކީ، ޢާއިޝަތުގެފާނާ އަބަދުވެސް ވާދަކުރައްވާ ބޭކަނބަލެކެވެ. މީސްތަކުން ޢާއިޝަތުގެފާނާ ބެހޭ ގޮތުން ދައްކަމުން ގެންދިޔަ ދޮގުވާހަކަތަކާ ބެހޭ ގޮތުން މާތް ރަސޫލާ صلّى اللّـه عليه وسلّم، ޒައިނަބުގެފާނާވެސް ސުވާލުކުރެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ.
[އަޅުގަނޑުގެ އިވުމާއި ފެނުން ނުބައިކަންތައްތަކުން އަޅުގަނޑު ރައްކާތެރި ކުރަމެވެ. ޢާއިޝާއާ ބެހޭ ގޮތުން ރަނގަޅު ކަމެއް މެނުވީ އަޅުގަނޑު ނުދެކެމެވެ.]
އަރަހުށި މާތްﷲ، ޒައިނަބުގެފާނު މި ފިތުނަވެރިކަމުން ރައްކާތެރިކޮށްދެއްވިއެވެ. އެކަމަނާގެ ވަރައަވެރިކަމާއި ތަޤުވާވެރިކަމުގެ ސަބަބުންނެވެ. ނަމަވެސް އެކަމަނާ އުޚުތު ޙަމްނާ ބިންތު ޖަޙުޝް ވެވަޑައިގެންނެވީ އެ ވާހަކަތައް ދެއްކި މީސްތަކުންގެ ތެރޭގައެވެ. އެކަމަނާ އެ ވާހަކަތައް ދެއްކެވީ ޒައިނަބުގެފާނަށްޓަކައެވެ.
{ޞަޙީޙު ބުޚާރީ، ކިތާބުއް ތަފްސީރު، ޙަދީޘް ނަންބަރު 4740}
އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. ތިމަންކަމަނާގެ ކުށެއްނެތްކަމުގެ އާޔަތްތައް ބާވައިލެއްވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم މިސްކިތަށް ވަޑައިގެން މިންބަރަށް އަރާވަޑައިގެން އެ އާޔަތްތައް މީސްތަކުންނަށް ވިދާޅުވެދެއްވިއެވެ. އެއަށްފަހު މިންބަރުން ފައިބައިވަޑައިގެން، ދޮގުވާހަކަ ފެތުރުމުގައި ބައިވެރިވި ދެ ފިރިހެނުންނާއި، އަންހެނަކުގެ ގައިގައި ޙައްދު ޖެއްސެވުމަށް އަމުރުކުރެއްވިއެވެ.
{مشكاة المصابيح، كتاب الحدود، الفصل الثاني، ޙަދީޘް ނަންބަރު 3579}
މުނާފިޤުންގެ އިތުރުން ދޮގުވާހަކަ ދެއްކުމުގައި ބައިވެރިވި މުސްލިމުންނަކީ ޙައްސާން ބިން ޘާބިތު ރަޟިޔަﷲ ޢަންހު އާއި މިސްތަޙުގެފާނާއި، ޙަމްނާ ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާއެވެ. އިސްވެދިޔަ ޙަދީޘްގައި އިޝާރާތް ކުރައްވައިފައިވާ ތިންބޭފުޅުންނަކީ މިއީއެވެ. އެބޭފުޅުންވަނީ މިކުށުން ތައުބާވެވަޑައިގެންފައެވެ.