ފާފަކުރަން ފުރުޞަތު ދެއްވަވަނީ މިހެންވެ! އަނބިމީހާ އަބަދު ބައިންދަނީ ކޮޓަރިއަކަށްލައި ބަންދުކޮށްފަނަމަ އޭނާގެ އިޚްލާޞްތެރިކަން އިމްތިޙާން ނުކުރެވޭނެތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ފާފަކުރަން ފުރުޞަތު ދެއްވަވަނީ މިހެންވެ! އަނބިމީހާ އަބަދު ބައިންދަނީ ކޮޓަރިއަކަށްލައި ބަންދުކޮށްފަނަމަ އޭނާގެ އިޚްލާޞްތެރިކަން އިމްތިޙާން ނުކުރެވޭނެތީ!

ޖީބުގައި ޚަރަދުކުރާނެ ފައިސާވެސް އެބަހުއްޓެވެ. އަތްފޯރާ ފަށުގައި ހުރިހާ ދުނިޔަވީ އުފާތަކެއް ލިބެން އެބަހުއްޓެވެ. ތިބާގެ ހިތް އެކަންކަމަށް އެދި ރޮއި އާދޭސްކުރަނީއެވެ. ނަމަވެސް ހަމައެކަނި ﷲ ތަޢާލާއަށް ބިރުން ތިބާ އެކަންކަމާއި ދުރުހެލިވެގެން ﷲ ތަޢާލާ އެންގެވި ގޮތުގައި ހުރީއެވެ. 

ސުބްހާނަﷲ! އެފަދަ މީހާގެ ދަރަޖައަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ހާދަ ބޮޑަށް އުފުލިގެންވާ ދަރަޖައެކެވެ. އެފަދަ މީހަކު ކަމުގައި ވެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ.! ޔަޤިންކުރާށެވެ! އެއީއަކީ ކޮންމެކޮންމެ މީހަކަށް ޙާޞިލްކުރެވޭނެ ދަރަޖައެއް ނޫނެވެ! 

ޔަޤީންކުރާށެވެ! ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން އަބަދުވެސް އަހަރެމެންގެ ވަށައިގެން އެނބުރޭނެއެވެ. މެހިފަދައިން އައިސް ގައިގައިވެސް ޖައްސާނެއެވެ. ވިސްނާށެވެ! އެއީ ﷲ ތަޢާލާ ތިބާ އިމްތިހާން ކުރައްވަވަނީއެވެ. ދެން ވިސްނާލަންވީ ނަރަކަ ވަށާލެވިފައިވަނީ އެފަދަ ކަންކަމުންކެމެވެ. މާނައަކީ އެކަންކަމަށް ދަހިވެތިވެއްޖެ މީހާއަށް ހުރީ ނަރަކަކަމެވެ. 

ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ ނިޢްމަތަކީ ﷲ ތަޢަލާ ނަހީކުރެއްވެވި އެއްވެސް ކަމެއް އެމީހަކަށް ނުވެސް ފެނުން ކަމަށެވެ. އެފަދަ ކަމެއް ކުރުމުގެ ފުރުޞަތުވެސް ނުލިބުން ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތްގޮތެއް ނޫނެވެ! ނިޢްމަތް އިތުރުވެގެންދާނީ ފާފަކުރެވެން މަގުފަހިވިނަމަވެސް އެކަމެއް ނުކުރުމުންނެވެ. 

މިޘާލަކަށް އަނބިމީހާ އަބަދު ބައިންދަނީ ކޮޓަރިއަކަށްލައި ބަންދުކޮށްފައި ކަމަށްވާނަމަ އަނބިމީހާގެ އިޚްލާޞްތެރިކަން އިމްތިޙާން ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ އަދި އަނބިމީހާއަށް ކޮޓަރިން ނުކުންނާނެ ފުރުޞަތު ނުދޭތީ ހިލޭ ފިރިހެނަކާ ގުޅުން ނުހިންގުމުން އަނބިމީހާއަކީ ތެދުވެރިއަކަށްވާނެ ހެއްޔެވެ؟ 

ދީނީ ކަންކަމުގައި ވެސް މިފަދަ ވިސްނުމަކުން ވިސްނައިލާށެވެ!   

ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން އަހަރެމެންގެ ވަށައިގެން އެނބުރުމަކީ އަހަރެމެންނަށް ލިބޭ ވަރަށް ބޮޑު ނިޢްމަތަކަށްވަނީ މި ބަޔާންކުރި ސަބަބުތަކަށްޓަކައެވެ. ތިބާގެ ވަށައިގެން ބަނގުރަލާއި އަންހެންކުދިން ހަމަ އެނބުރެނީއެވެ. ޖުވާ ކުޅެވޭނެ ތަންތަން މިހުންނަނީ ގޭ ދޮރުމަތީގައެވެ. މިފަދަ ހުރިހާ ވަސީލަތްތަކެއް ފުރިހަމަވެފައި ހުރެމެ ﷲ ތަޢާލާއަށް ބިރުން އެކަންކަމަށް އަރައި ނުގަތުމުން ﷲ ތަޢާލާ ދެއްވަވާ މަތިވެރި ދަރަޖަ، އެ އުފާތައް ކުރެވެން ނެތިގެން ބޭނުން ނުކުރި މީހަކަށް ލިބޭނީ ކިހިނަކުން ހެއްޔެވެ؟ އެދެ މީހުން ހަމަހަމަ ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

ﷲ ތަޢާލާއަށް ބިރުވެތިވުމަކީ ފާފަކުރާނެ މަގު ކިތަންމެ ބޮޑަކަށް ފަހިވިނަމަވެސް ﷲ ތަޢާލާއަށް ބިރުން އެކަމެއް ނުކުރުމެވެ! ޤިޔާމަތް ދުވަހު އެންމެ ބޮޑަށް އުފާކުރާނެ މީހުންނަކީ އެއީއެވެ. އިން ޝާ ﷲ   

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

 

މިއަދު އޮންލައިން