ރަމަޟާން މަސްނިމޭއިރު އިތުރު އެކަކު ނަމަވެސް ގޮވައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރެވިއްޖެނަމަ ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ރަމަޟާން މަސްނިމޭއިރު އިތުރު އެކަކު ނަމަވެސް ގޮވައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރެވިއްޖެނަމަ ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއެވެ!

ރަމަޟާން މަސް އެންމެ ކާމިޔާބުކަމާއިއެކު ނިންމައިލެވުނު މީހަކަށްވާނީ ތިމާއަށް ނަރަކައިން ސަލާމަތްވެވި އަދި އިތުރު އެންމެ މީހަކު ނަމަވެސް ގޮވައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރެވުނު މީހެކެވެ. އެފުރުޞަތު ހަމަ ކޮންމެ މީހަކަށްވެސް އެބަ އޮތެވެ. 

ގިނަ މީހުންނަކީ އެމީހުން ސުވަރުގެ ވަނުމަށް ގަދައަޅައި މަސައްކަތްކުރާ ބައެކެވެ. އެހެން މީހުން ގޮވައިގެން ސުވަރުގެ ވަނުމަށް މަސައްކަތް ނުކުރެވޭތަނުގައި އަމިއްލަ ޢާއިލާގެ މީހުން ގޮވައިގެން ސުވަރުގެ ވަނުމަށް ﷲ ތަޢާލާ ކުރައްވަވާފައިވާ އަމުރުފުޅުވެސް ހަނދާންހުންނަނީ ހަމަ ދާދި މަދުމީހެކެވެ. 

ކޮންމެއަކަސް އެންމެ ބޮޑު ނަޞީބުވެރިއަކީ ރަމަޟާން މަހު އިތުރު މީހަކު ސުވަރުގެ ވެއްދިއްޖެ މީހާއެވެ! އެފަދަ މީހުން ވެގެންދާނީ އެންމެ ބޮޑެތި ނަޞީބުވެރިންނަށެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ޢިއްޒަތާއި ޤަދަރު އުފުލިގެންދާނެ މީހުން ކަމަށެވެ. ދެދުނިޔެ ކާމިޔާބު ކުރެވޭ ނަޞީބުވެރިންނަށެވެ.  

މީސްތަކުން ސުވަރުގެ ވައްދަވާނީ ﷲ ތައާލާއެވެ. ނަރަކައަށް ފޮނުއްވަވާނީވެސް ހަމަ ﷲ ތަޢާލާއެވެ. ﷲ ތަޢާލާގެ އެ ނިންމެވުން ބިނާވެފައި އޮންނާނީ އެމީހަކު ދުނިޔޭގައި ހުރެ ކުޅަ އަމަލުތަކުގެ މައްޗަށެވެ. ވީމާ ފަށަމުން މިބުނި ބަހުގެ މާނަ އޮޅުވައިނުލާށެވެ! 

މީހަކު ސުވަރުގެ ވެއްދުމެވެ މިބުނި ބަހުގެ މާނައަކީ ރަމަޟާން މަހުން ލިބެންޖެހޭ ސަވާބާއި ދަރުމަ ހޯދަން މަސައްކަތްކުރުމުގައި ކަންނެތްވެފައި ހުރި މީހަކު ހޭލުންތެރިކުރުވުމެވެ. އެމީހަކަށް ވިސްނައިދީގެން ހީވާގިކުރުވުމެވެ. އެމީހަކު ލައްވައި ހެޔޮ އަމަލުތައް ކުރުވަން މަސައްކަތް ކުރުމެވެ. ރަމަޟާން މަސް ނިމޭއިރު އެމީހާއަކީވެސް ތިބާ ފަދަ ތަޤްވާވެރިއަކު ކަމުގައި ހެދޭތޯ ގަދައަޅައި މަސައްކަތް ކުރުމެވެ.

މީސްތަކުންނަށް ރަނގަޅު މަގު ދައްކައިދިނުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެކެވެ. އެކަން ނުކުރުމުގެ ސަބަބުން އިސްވެ ދިއަ ޤައުމުތައް ﷲ ތަޢާލާ ފަނާ ކުރައްވަވާފައިވެސް އެބަހުރިކަން ކީރިތި ޤްރުއާނުން ސާބިތުވެއެވެ. 

މިކަމުގައި މާދުރަށް ދިއުމުގެ ބޭނުމެއް ނެތެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ރައްޓެހިންނަށާއި ގާތް އެކުވެރިންނަށް ވިސްނައިލާށެވެ. ކުރިން މިބުނި ފަދައިން ކަންނެތްވެފައި ތިބި މީހުން ފެންނާނެއެވެ. އެމީހުންނާއި ރިވެތި ގޮތުގައި ވާހަކަ ދައްކާށެވެ. ހެޔޮ ނަޞޭޙަތްދޭށެވެ. އެއިގެ ތެރެއިން ހަމައެކަކު ނަމަވެސް ތިބާގެ ސަބަބުން އިޞްލާޙްވެއްޖެ ނަމަ އެކުރެވުނީ ހާދަހައިވާ މަތިވެރި ކަމެކެވެ. އެކަމަށްޓަކައި އެމީހަކަށް ﷲ ތައާލާ ދެއްވަވާނެ މަތިވެރި ނިޢްމަތްތަކުގެ މަތިވެރިކަން ބޮޑުކަމާއެވެ!

ވީމާ ހަމަ ކޮންމެ މީހަކުވެސް މިކަމަށް ސަމާލުކަން ދޭށެވެ! ﷲ ތައާލާގެ ދީނަށް ނަޞްރުދިނުމަކީ އެއީއެވެ. ކުރިން މިބުނި ފަދައިން ކަންނެތްވެފައި އެކުވެރިންގެ ތެރެއިން އެންމެ މީހަކަށް ނަމަވެސް ސަމާލުކަންދީގެން އޭނާ ލައްވައި ހެޔޮ ޢަމަލުކުރުވަން މަސައްކަތްކުރާށެވެ! ތަރީވީޙް ނިމިގެން ކާންދީގެންވެސް ކޮފީދީގެންވެސް މީހަކު ތަރާވީޙް ނަމާދަށް ގެންދެވޭތޯ މަސައްކަތްކުރާށެވެ! 

 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން