އަހުރެމެން ކޮންމެ މީހަކީވެސް އެތައް ބައިވަރު ފާފަތަކެއް ކުރެވިފައިވާނެ މީހެކެވެ. ކުދި ބޮޑު ފާފަތަކެވެ. އެނގިގެންނާއި ނުއެނގިތިބެއެވެ. އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ރަމަޟާން މަސް އައުމާއިއެކު އެހުރިހާ ފާފަތަކެއް އެކުގައި ފުހެލަން ﷲ ތަޢާލާ 3 ފުރުޞަތު ދެއްވަވައެވެ.
1 އިމާމާއިއެކު ނިމެންދެން ތަރާވީޙް ނަމާދުކޮށްފި މީހާ (ރޭއަޅުކަން ކޮށްފި މީހާގެ) ފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވަވާނެތެވެ. އިން ޝާ ﷲ
2 އިޚްލާޞްތެރިކަމާއިއެކު ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެން ރަމަޟާން މަހު ރޯދަ ހިފައިފި މީހާގެ އިސްވެ ދިއަ ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ.
3 ލައިލަތުލްޤަދްރް ވިލޭރޭ އިޚްލާޞްތެރިކަމާއިއެކު އަޅުކަންކޮށް ދުޢާކޮށްފި މީހާގެ ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެތެވެ!
މަސައްކަތްކުރަންވީ މީގެ ތެރެއިން ވަކި ފުރުޞަތެއް ޙާޞިލުކުރުމަކަށް ނޫނެވެ. ހުރިހާ ފުރުޞަތުތަކެއް ޙާޞިލުކުރުމަށެވެ. ސަބަބަކީ ރަމަމާން ަމސް ނިމިގެންދާއިރު އެމީހާގެ ފާފަތައް ފުއްސަވައި ނުދެއްވަވައިފި މީހަކީ ގެއްލުމާއި ހަލާކުގެ ތެރޭގައިވާ އަބާއްޖަވެރިއަކުކަމުގައިވެގެންދާނެތީއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން