ދުނިޔޭގައި ފޯރުންތެރިން ބައިވަރެވެ. އެހެނަސް މުޅި ދުނިޔެއަށް ބެލިނަމަވެސް އެންމެ ގިނައީ ފަޤީރުންނެވެ. ދަތިޙާލުގައި އުޅޭ މީހުންނެވެ. ރަމަޟާން މަހުގެ ޚަރަދުތައް ބޮޑުވުމުން އަތްމަތި ދަތިކަން އެމަހުގައި ތުރުވެގެންދެއެވެ.
އަހުރެން މިބުނަނީއެވެ. ފަހު ދިހައިގެ ކޮންމެ ދުވަހަކު ދުވާލަކު (10 ރުފިޔާ) ޞަދަޤާކުރެވެން ނެތް މީހާ އެއަށްވުރެ މަދުން ނަމަވެސް ކޮންމެ ދުވަހަކުވެސް ޞަދަޤާތްކުރާށެވެ. އެންމެ ރުފިޔާއެއް ނަމަވެސް ޞަދަޤާތްކުރާށެވެ. ރުފިޔާއެއް ޞަދަޤާތްކުރެވެން ނެތްނަމަ އެއަށްވުރެ މަދުން ވިޔަސް ޞަދަޤާތްކުރާށެވެ!
އެކަމުގެ ފައިދާ އަހަރުގެ ދެން އޮތް 11 މަސްދުވަހަށްވުރެވެސް ބޮޑުވެގެންދާތީއެވެ. ހަމައެފަދައިން ނުހަނު ދަތިޙާލުކޮޅުގައި އުޅުއްވަވަމުންވެސް އަބަދުވެސް އެންމެ ދީލަތިކަން ބޮޑު ޞާޙިބާ، މުޙައްމަދު ﷺ ރަމަމާން މަހުގައި ދީލަތިކަން އިތުރުކުރެއްވެވީތީއެވެ.
މައްސަލައެއް ނެތެވެ. ވަކިލާރިއެއްވެސް ދެވެން ނެތީއެވެ. އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ މީހަކަށް މަސައްކަތެއްކޮށްލައިދޭށެވެ. ގައިގެ ބާރު ދެރަކަމުން މަސައްކަތެއްވެސް ނުކުރެވޭނެނަމަ އަޚުންނާއި އުޚުތުންނާއި ބައްދަލުވުމުން ހިނިތުންވެލާށެވެ!
އިސްލާމް ދީނުގައި ކަންކަން ހުރީ ފަޤީރުވެގެން ކަރުއެލުވާލަން ޖެހޭނެ ގޮތަކަށް ނޫނެވެ. އެންމެ ނިކަމެތި މީހާވެސް މަސައްކަތްކުރުމުން އެންމެ މަތިން މާކްސް ލިބޭނެ ގޮތަށެވެ. އޮތީ އެމީހެއްގެ ކިބައިގައި ހިތްވަރުހުރި ވަރެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން