މީސްތަކުންނޭވެ! ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވަމުން ގޮސް މިރެއަކީ 25 ވިލޭރެއެވެ. ބަރަކާތުން ފުރިގެންވާ އޮނަހިރިރެއެކެވެ. ލައިލަތުލްޤަދްރި ވިލޭރޭ ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރަން އޮތް ރެއެކެވެ.
ކުރުން އެންމެ ހެޔޮކަންބޮޑު ޢަމަލުތަކުގެ ތެރޭގައި ޞަދަޤާތްކުރުން ހިމެނެއެވެ. އަވަހަށް ގުދަންތަކުގެ ދޮރުތައް ހުޅުވައިލާށެވެ! ތިޖޫރީތައްވެސް ހުޅުވައިލާށެވެ! އަވަހަށް ނެރެ ބަހައިލާށެވެ! ލިބިދާނެ ރިޒުޤް މަދުވެދާނެކަމަށް ބިރުން ފޮރުވައި ރައްކާކުރުމަކީ ނަރަކައިގެ ޢަޛާބަށް ބިރުވެތިވާންޖެހޭ ކަމެއްކަން މިއޮތީ ޙަދީޘުން އެނގޭށެވެ!
عَنْ أَبِيْ هُرَيْرَةَ أَنَّ رَسُوْلَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَخَلَ عَلَى بِلَالٍ، فَوَجَدَ عِنْدَهُ صُبَراً مِنْ تَمْرٍ ، فَقَالَ : "مَا هَذَا يَا بِلَالُ ؟ " فَقَالَ: تَمْراً ادَّخَرْتُهُ لَكَ، فَقَالَ: " وَيْحَكَ يَا بِلَالُ أَمَا تَخَافُ أَنْ يَكُونَ لَهُ بُخَارٌ فِي النَّارِ ، أَنْفِقْ بِلَالُ وَلَا تَخْشَ مِنْ ذِي الْعَرْشِ إِقْلَالًا "
މާނައީ:" أَبُوْهُرَيْرَةَ رَضِيَ اللَّهُ عَنْهُ ގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން رَسُوْلُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، بِلَالُ رَضِيَ اللَّهُ عَنْهُ ގެ އަރިހަށް ވަޑައިގަތެވެ. އެހިނދު އެކަލޭގެފާނުގެ އަރިހުގައި ކަދުރު ކޮތަޅުތަކެއް ހުއްޓާ ފެނިވަޑައިގަތެވެ. ފަހެ، އެހިނދު ކީރިތި ރަސޫލާ رَسُوْلُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، ޙަދީޘްކުރެއްވިއެވެ. "އޭ ބިލާލުގެފާނެވެ. މިއީ ކޮން އެއްޗެއް ހެއްޔެވެ؟ އެވަޤުތު ބިލާލުގެފާނު ދެންނެވިއެވެ. އެއީ، ތިމަންނާ ކަލޭގެފާނަށްޓަކައި ފަހަށް ރައްކާކޮށްފައިވާ އެއްޗެކެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ. ތިބާއަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! އޭ ބިލާލުގެފާނެވެ. އެތަކެތި ފަހަށް ރައްކާކުރުމުން ނަރަކައިގައި ލިބިދާނެ ޢަޛާބަކަށް ބިރުވެތިނުވަނީ ހެއްޔެވެ؟ އޭ ބިލާލުގެފާނެވެ! ﷲ ގެ މަގުގައި ހޭދަކުރާށެވެ! އަދި ޢަރްޝީގެ ވެރިރަސްކަލާނގެ މަދުން ދެއްވަފާނެތީ ބިރު ނުގަންނާށެވެ!"
- ޝައިޚް މުޙައްމަދު ލަޠީފް