ޢާއިޝަތުގެފާނުގެ ސީރަތު: ޢާއިޝަތުގެފާނުގެ ފަރާތްޕުޅުން ހިނގި ކަމަކާ ގުޅިގެން ތަޔައްމަމުގެ އާޔަތް ބާވައިލެއްވެވުން

ކިޔުމަށް ހޭދަވާނީ 2މ 25ސ
ޢާއިޝަތުގެފާނުގެ ސީރަތު: ޢާއިޝަތުގެފާނުގެ ފަރާތްޕުޅުން ހިނގި ކަމަކާ ގުޅިގެން ތަޔައްމަމުގެ އާޔަތް ބާވައިލެއްވެވުން

ޢަލީ އިޙްޞާން ފިރާޤް

 

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވައިފައިވެއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. ތިމަންމެން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި އެއްފަހަރަކު ދަތުރަކު ނުކުތީމެވެ. ދަތުރު ކުރަމުން ގޮސް ބައިދާ ނުވަތަ ޒާތުލްޖައިޝް އާ ހަމަވިތަނާ ތިމަންކަމަނާގެ ކަރުގައި އޮތް ހާރު ކަނޑައިގެން ގޮއްސިއެވެ. ދެން މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި އެކަލޭގެފާނުގެ އަޞްޙާބުން އެ ހާރު ފެނޭތޯ އެތަނުގައި މަޑުކުރެއްވިއެވެ. 

އެތަނަކީ ފެންނެތްތަނެކެވެ. އެހެންވެ، ބައެއް ބޭކަލުން އަބޫބަކުރުގެފާނުގެ އަރިހަށް ވަޑައިގެން ޝަކުވާ ދެންނެވިއެވެ. 

[ޢާއިޝާ ކުރައްވައިގެން އެ އުޅުއްވާ ކަމެއް ކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވާތޯއެވެ؟ އެކަމަނާގެ ސަބަބުން މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި ލަޝްކަރުގެ މީސްތަކުން ފެންފޮދެއް ނެތްތަނެއްގައި މަޑުކުރަން ޖެހިއްޖެއެވެ.] 

އެބައިމީހުން އެހެން ދެންނެވުމުން އަބޫބަކުރުގެފާނު ތިމަންކަމަނާގެ އަރިހަށް ވަޑައިގެންފިއެވެ. އޭރު މާތް ރަސޫލާ صلّى اللّـه عليه وسلّم އޮންނެނެވީ ތިމަންކަމަނާގެ އުނގުފުޅުގައި އިސްތަށިފުޅު އަޅުއްވައިގެން އަވަހާރަފުޅު ލައްޕަވައިފައެވެ. އެކަލޭގެފާނު ވަޑައިގެން ވިދާޅުވިއެވެ. 

[މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި މީސްތަކުން އެއްވެސް ފެންފޮދެއް ނެތްތަނެއްގައި ކަމަނާގެ ސަބަބުން މަޑުކުރަންޖެހިއްޖެއެވެ.] 

މިހެން ވިދާޅުވެ ބައްޕާފުޅު، މާތްﷲ އިރާދަކުރެއްވި މިންވަރަކަށް ތިމަންކަމަނާއާ ދިމާއަށް އެއްޗެހި ވިދާޅުވިއެވެ. އެއަށްފަހު އެކަލޭގެފާނުގެ އަތްޕުޅުން ތިމަންކަމަނާގެ ގައިކޮޅުގައި ޖެއްސެވިއެވެ. ނަމަވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم ތިމަންކަމަނާގެ އުނގުފުޅުގައި އިސްތަށިފުޅު އަޅުއްވައިގެން އަވަހާރަފުޅަށް އޮންނެވުމުން ކިތަންމެ ތަދުވިޔަސް ގުޑިލަންވެސް ނުކެރިފައި އިނީމެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم ތެދުވެވަޑައިގެންނެވީ ފަތިސްވިފަހުންނެވެ. އެތަނުގައި ފެނެއްނެތެވެ. އެ ވަގުތު މާތްﷲ ތަޔައްމުމުގެ އާޔަތްތައް ބާވައިލެއްވިއެވެ. ދެން އެހުރިހާ ބޭކަލުން ތަޔައްމުމު ކުރެއްވިއެވެ. އުސައިދު ބުން ޚުޟައިރު ވިދާޅުވިއެވެ. [އޭ އަބޫބަކުރުގެފާނުގެ އާލުވެރިންނޭވެ. މިއީ ތިޔަބައިމީހުންގެ ފަރާތުން ލިބުނު ފުރަތަމަ ބަރަކާތެއް ނޫނެވެ.] ދެން ތިމަންކަމަނާ ސަވާރުވެވަޑައިގެން އިންނެވި ޖަމަލު ބަނޑުޖެހިތަނުން ހާރު ފެނިއްޖެއެވެ.

{ޞަޙީޙު ބުޚާރީ،ކިތާބުއް ތަޔައްމުމު، ޙަދީޘް ނަންބަރު 334}

 

މިއަދު އޮންލައިން