ހިތުގައި އަޅާވޭންތައް ނުހިފަހައްޓައި ﷲ ތަޢާލާއަށް ހާމަކުރަން ބުނެވޭބަހުގެ މާނައަކީ އެކަންކަން ﷲ ތަޢާލާގެ ޙަޟްރަތަށް ދަންނަވައި ދުޢާކުރުމެވެ. ހިތްތަކަށް އުފާވެރިކަން ލިބުންވަނީ ﷲ ތަޢާލާ ހަނދުމަކުރުމުންނެވެ. އެއީ ވަހީ ބަސްފުޅެވެ. ވީމާ ހިތުގައި އަޅާ ވޭންތައްވެސް ﷲ ތަޢާލާ އާއި ހިއްޞާކުރުމުން ނޫނީ ހިތަށް ޙަޤީޤީ ހަމަޖެހުމެއްވެސް އަދި ޙަޤީޤީ އުފާވެރިކަމެއްވެސް ނުލިބޭނެއެވެ!
އަދި ކީއްހެއްޔެވެ؟ ހިތުގަ އަޅާ ވޭންތައް އެންމެންނާ ހިއްޞާ ނުކުރާށެވެ! ޢަމުދުން ސޯޝަލްމީޑިއާގައި ޢާންމުނުކުރާށެވެ! ހަމްދަރުދީވާނީ މަދުމީހެކެވެ. ހެޔޮދުޢާކުރާކަމަށް ޕޯސްޓްކުރިނަމަވެސް ހެޔޮހިތުން ދުޢާކޮށްދޭނީވެސް މަދު މީހެކެވެ.
މީގެ އިތުރުން ތިބާއަށް ވޭން ލިބޭނަމަ އުފާކުރާނެ މީހުންތަކެއްވެސް ތިބޭނެއެވެ. އެމީހުންކުރާ ދުޢާވެސް ތަފާތުވާނެއެވެ. ވީމާ ހިތުގައި އަޅާވޭންތައް ﷲ ތަޢާލާއަށް އެކަނި ދަންނަވަމުން ގެންދާށެވެ!
ﷲ ތަޢާލާއަށް ކަންކަމުގައި ދަންނަވްމުން ގެންދާ މީހާ ފުރަތަމަ ކަމަކަށް ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ކިޔަމަންތެރިވެ ހަމައެކަނި އެކަލާނގެ ޙަޟްރަތުން ވާގިއެދޭށެވެ. ފުރިހަމަގޮތުގައި ވަކީލްކުރުމަކީ އެއީއެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ވަޚީލްކުރާއަޅުންގެ ބެލެނިވެރިއަކަށް އެކަލާނގެ ފުދިވޮޑިގެންވާކަން ޔަޤީންކުރާށެވެ! އެފަދަ މީހުން އަބަދުވެސް ތިބޭނީ ހިތްހަމަޖެހިގެން އުފަލުގައެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން