ލައިލަތުލްޤަދްރިވިލޭރޭ ޙާޞިލުކުރަން މަސައްކަތްކުރާނަމަ އިރުއޮއްސުނީންސުރެ އެމީހެއްގެ އަނގަ ސަލާމަތްކުރަންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ލައިލަތުލްޤަދްރިވިލޭރޭ ޙާޞިލުކުރަން މަސައްކަތްކުރާނަމަ އިރުއޮއްސުނީންސުރެ އެމީހެއްގެ އަނގަ ސަލާމަތްކުރަންޖެހޭނެ!

ރަމަޟާން މަސް ފެށި، އެމަހުގެ ދުވަސްތައް ފާއިތުވަމުން ގޮސް ފަހުދިހައާއި ބައްދަލުވެ ދެން މިއޮތީ އޮނަހިރި ރޭތަކުންވެސް އެންމެ ދެ ރެއެކެވެ. 27، އާއި 29 އެވެ. އެހެންވެ ހަނދާންކޮށްލައިދިނުމުގެ ގޮތުން އަދިވެސް ބުނެލަމެވެ. 

ރަމަޟާން މަހުގެ ޘަވާބާއި ދަރުމަ ލިބިގަތުމަށް މަސައްކަތްކުރަން މިއޮތް އެންމެ 3،4 ރޭ ނަގައިނުލާށެވެ! އެގޮތުން ފުރަތަމަވެސް ކުރަން އޮތް އެއްކަމަކީ މީހަކާއި ބައްދަލުވުމުންވެސް އަދި ފޯނުން ނުވަތަ އެނޫންވެސް ގޮތަކުން ނަމަވެސް ބޭކާރު އެއްވެސް ވާހަކައެއް ނުދެއްކުމެވެ. 

އެހެނީ ބޭކާރު ވާހަކަތައް ދައްކަން އުޅެގެން ކުރެވޭނީ ފާފަތަކެވެ. ބުނެވޭނީ ޣީބައެވެ. ހަމަ އެއާއިއެކު އެފަދަ ވާހަކަތައް އަޑުއެހުމަކީވެސް ފާފައެކެވެ. އެހެންކަމުން މީހަކު އެފަދަ ވާހަކައެއް ދައްކަން އުޅުނަސް އެކަން މަނާކުރާށެވެ! ހުއްޓުވާށެވެ! ކޮންމެވެސް އެހެންކަމަކަށް މައުޟޫޢު ބަދަލުކުރުވާށެވެ! 

މިފަދަ ކަންކަމުގައި ބަލަންވީ އެކުވެރިޔާގެ މޫނަކަށް ނޫނެވެ. ތިމާގެ ސަލާމަތަށެވެ! ތިމާއަށް ލައިލަތުލްޤަދްރިވިލޭރޭ ދެއްވަވާތޯއެވެ؟ ތިމާގެ ފާފަތައް ފުއްސަވައިދެއްވަވާތޯއެވެ؟ ތިމާއަކީ ނަރަކައިން މުއްތިކުރައްވަވައި ސުވަރުގެ ވައްދަވާ އަޅަކު ކަމުގައި ވެވޭތޯއެވެ؟ 

މީސްތަކުންނޭވެ! ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަނުމަށް ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ އެތައް ބައިވަރު ފުރުޞަތުތަކެއް ދެއްވަވައެވެ. ނަރަކައަށް ވަންނަންޖެހެނީ އެ ފުރުޞަތުތައް އަމިއްލައަށް ނަގައިލެވޭތީއެވެ. ވީމާ ބުއްދީގެ ބޭނުންކޮށް ނަރަކައިން ސަލާމަތްވާން މަސައްކަތްކުރާ އަޅަކަށްވަމާހިނގާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން